15 އެޕްރީލް 2020 - 12:27
ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާ ހެދި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުރިއަށް ގެންދިއުމުގެ ހިޔާލު ގެންގުޅޭ ކަމަށް އޭއެފްސީން ބުނެފި އެވެ.
އޭއެފްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހާއި ޖޫން މަހު ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ އިތުރުން އެ އިދާރާއިން ރާވާ ހުރިހާ މެޗެއް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. މިއީ ކޮވިޑް-19އާ ހެދި އޭއެފްސީ މެޗުތައް ފަސްކުރަން ނިންމި ދެ ވަަނަ ފަހަރެވެ. އެންމެ ފުރަތަމަ މާޗް މަހުގެ 18 ވަނަ ދުވަހު ނިންމީ މި މަހުގައި ކުޅެން އޮތް މެޗުތައް ފަސްކުރުމަށެވެ.
އޭއެފްޕީ އަށް އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސޯ ޖޯން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މިއަހަރު ބޭއްވޭނެ ކަމަށާއި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
"ދެ މުބާރާތް (އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު) ކުޅޭނެ މި އަހަރު. އަދި ވަރަށް ވަގުތު އެބައޮތް،" ޖޯން ވިދާޅުވި އެވެ.
ޔޫރަޕްގައި މުބާރާތްތައް ވެސް މެދުކަނޑާލާފައިވާއިރު، ފުޓްބޯޅަ އިދާރާތަށް މެޗުތައް ފަށަން ނިންމަން މަސައްކަތްކުރަނީ ސަޕޯޓަރުން ނުވައްދާގޮތަށެވެ. އޭއެފްސީން ވެސް އެ ފަދަ ހިޔާލެއް ގެންގުޅޭ ކަމަށް މީޑިއާގައި ވާހަކަތައް ދެކެވެ އެވެ. އޭއެފްސީން އަންނަނީ އެ ގޮތަށް މެޗުތައް ކުރިއަށް ގެންދަން ވެސް ވިސްނަމުންނެވެ.
"ސިއްހީ މާހިރުން ލަފާދެނީ އެ ގޮތަށް (ސަޕޯޓަރުން ނުވައްދައި) މެޗުތައް ކުރިއަށްގެންދަން ކަމަށްވާނަމަ އެއީ ވެސް އޮތްގޮތެއް. ގޮތެއް ނިންމާނީ ހުރިހާ މަޝްވަރާ އަކަށް ބެލުމަށް ފަހު،" ޖޯން ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެ އެވެ. އެއީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން އެ ގްރޫޕްގައި އޮތީ އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މެޗުތައް ހުއްޓާލާފައިވާތީ ހުރިހާ ޓީމުތަކަށް އަންނަނީ މާލީ ގޮތުން ދަތި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. އެ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑު އަގުގައި ގެނެސްފައި ތިބި ބިދޭސީ ކުޅުންތެރިންނަށް މެޗެއް ނުކުޅެ ވެސް މުސާރަ ދޭން ޖެހުމެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލާފައިވުމުން މި ވަގުތު މާލީ ދަތިކަށް އެންމެ ބޮޑުވެފައި އޮތީ އޭއެފްސީ ކަޕްގައި ވާދަކުރާ މާޒިޔާ އާއި ޓީސީ އަށެވެ.
މެޗުތައް ކުރިއަށްގެންދަން އޭއެފްސީން ގިނަ ހިޔާލުތަކެއް ގެންގުޅެ އެވެ. އެ ގޮތުން އޭއެފްސީން މަޝްވަރާކުރަމުން އަންނަ އަނެއް ގޮތަކީ ކޮންމެ ގްރޫޕެއްގެ ހުރިހާ ޓީމެއް އެއް ސަރަަހައްދަކަށް ގޮސް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ފުރިހަމަކުރުމެވެ. އެ ގޮތަށް ވެސް އަމަލުކުރެވެން އޮތީ ކޮވިޑް-19 ކޮންޓްރޯލް ކުރެވިގެންނެވެ. އަދި ގިނަ ގައުމުތަކުން ލޮކްޑައުން ހާލަތުގައި އޮތްއިރު މި ވަގުތު ކްލަބްތަކަށް ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދަން އޭއެފްސީން ވެސް މަސައްކަތްތަކެއް ކުރާ ކަމަށް ޖޯން ވިދާޅުވި އެވެ.
ޗައިނާގެ ވުހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ބަލިމަޑުކަމުގެ އަސަރު މިހާރު މުޅި ދުނިޔެ އަށް ކޮށްފައިވާއިރު، މިހާތަނަށް މި ބައްޔަށް މުޅި ދުނިޔެ އިން ދެ މިލިއަނަށް ވުރެން ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ހަތަރު ލައްކަ އަށް ވުރެން ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
16 April 2020
ރަނގަޅު ފަރުދީޒިންމާގެދަށުން ޑިސްޓެންސް ބަހައްޓައިގެން ކުޅެންވާނީ 3 ފޫޓަށްވުރެކައިރިވެއްޖިއްޔާ ކާޑު ދައްކަންވާނެ އަދި އަތްދޮވެވޭނެ އިންތިޒާމް ދަނޑުގެ އެތަންމިތަނުގައި ހުރުމާއިއެކު ކޮންމެ ކުޅުންތެރިޔަކަށް ބޯޅަ ލިބުމުން ފުރަތަމަ ބޯޅަދޮވެ އަތްދޮވެ ކުޅެންފަށާނީ ދެން ދަނޑުމަށްޗަށް ކުޅެއްޖަހާފިނަމަ ޑިށްއިންފެކްޓްވަގުތުން ކުރުމާއެކު ރަތްކާޑު ދައްކަންވާނެ. ކުުންތެރިއެއްވެއްޓިއްޖެނަމަވެސް ޑިސްއިންފެކްޓް ކުރަންވާނެ މިއުސޫލުތަކާއެއްކޮށް އަހުރެން ހުއްދަދީފީމެވެ.
ތާހިރު
15 April 2020
ސަޕޯޓަރުން ނުވައްދައި ކުޅެ މެޗުތައް ޓީވީތަކުން ލައިވް ލައިވްސްޓްރީމްކޮށްގެންނަަމަވެސް މީހުން ގެތަކުން ނުނުކުމެ ތިބޭނެނަމަ ރަނގަޅު. ޔޫރޯ އަދި ވޯލްޑްކަޕް ބަލަނތިބޭގޮތަށް. އެމެޗްތައް ކުރިއަށްދާ ގަޑިތަކުގއި މަގުތަކުގައި ނިސްބަތުން މީހުންމަދު.
ޕޯޕެޓްރޯލް
15 April 2020
ގަލޮޅު ދަނޑުގައި ކުޅޭ މެޗެއްގައި ތީގެން މާބޮޑު ތަފާތެއެ ނުފެންނާނެ. އާއްމު ހާލަތުގައިވެސް މެޗެއް ކުޅޭއިރު ދަނޑު އޮންނަނީ ފަޅަށް
ސަމަދު
15 April 2020
ޑިވެހިން ތިކުޅެންދާނެކަމެއްނެތް.