ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގަވާއިދު ބަދަލުވެދާނެ

އަންނަ ސީޒަނުން ފެށިގެން ބިދޭސީ ގޯލްކީޕަރުން ރާއްޖޭގެ ޓީމުތަކަށް ނުގެނެވޭ ގޮތަށް ނިންމާފައިވާ ނިންމުން ކްލަބްތަކުން ބޭނުންވެއްޖެނަމަ ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ދިވެހި ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން އެންމެ ފުރަތަމަ ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭގޮތަށް ހަދަން ނިންމައިފަ އެވެ. އެކަމަކު މިދިޔަ ސީޒަން ޖޫން މަހު ފަށަން ނިމުމާ އެކު، އެ ސީޒަން ކުރިއަށްދާނީ މި އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފަށާނީ 2020/2021 ވަނަ ސީޒަނުން ފަށައިގެން ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އަދިވެސް އޮތީ ކުރިން ނިންމުނު ގޮތަށް ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ކަމަށާއި އެހެން ނަމަވެސް މިހާރު ހާލަތު ބަދަލުވެފައި އޮތް ގޮތުން ކްލަބްތަކުން އެދޭނަމަ ކަންތައްތައް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެ ނިންމުން އޮތީ ކްލަބްތަކުގެ އަތްމަތީގައި މިއީ ކްލަބްތަކަށް ވަރަށް ދަތި އުނދަގޫ ވަގުތެއް. ޓީމުތަކަށް އެހީތެރިވުމުގެ ގޮތުން މިހެން ހުރި ހުރިހާ ކަމެއް އަލުން ވިސްނަން ޖެހިފައި އޮތީ،" ޖަވާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ އެފްއޭއެމުން ވަނީ މާޗް މަހު ފަހު ކޮޅު ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އެ ގޮތަށް ނިންމީ ސީޒަންގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްލުމަށް ފަހު އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ކެންސަލްކޮށްލި ނަމަވެސް ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕް އޮތީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެެ. އޭއެފްސީ ކަޕްގައި ކުޅޭ ރާއްޖޭގެ ދެ ޓީމުގެ ގޯލު ބަލަހައްޓަނީ ވެސް ބިދޭސީ ކީޕަރުންނެވެ. ޓީސީގެ ގޯލުގައި ހުރީ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އެވެ. އަދި މާޒިޔާގެ ގޯލު ބަލަހައްޓަނީ އަފްގާނިސްތާންގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އެވެެ. މިހާރު މަޝްވަރާކުރެވޭ ގޮތަށް ބަލާއިރު އޭއެފްސީ ކަޕް އަލުން ފަށާނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރުގަ އެވެ.

އެފްއޭއެމްގެ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ރޭ ވާހަކަ ދައްކަމުން މަޝްހޫރު ދެ ކޯޗުން ކަމަށްވާ މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި އަލީ ސުޒޭން ވަނީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފެށުން ފަސްކުރަން ފެންނަ ކަމަށް ބުނެފަ އެވެ.

ފުރަތަަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ނިޒާމްބެ ބުނީ ކޮންމެ ޓީމެއްގައި ދިވެހި ކީޕަރުން ބެހެއްޓޭނެ ގޮތެއް އަދި ނެތް ކަމަށާއި އެކަމަަށް އަދި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ގޯލްކީޕަރުން ނެތެކޭ އެއް ނޫން. ގޯލްކީޕަރުން އެބަތިބި. އެހެން ނޫން ހަތަރު އަހަރެއް ނޫނީ ފަސް އަހަރު ތެރޭ ގޯލްކީޕަރުތަކެއް ބިނާކުރަން ޓާގެޓް ކޮށްގެން ކޮންމެ ޓީމެއްގައި ދިވެހި ކީޕަރެއް ހިމަނާ އޭނަ އަށް ވަކި ވަރަކަށް މިނިޓްސް ދީފިއްޔާ ހަތަރެއް ނޫނީ ފަސް އަހަރު ތެރޭ އެޗީވަބަލް ޓާގެޓެއް އެއީ،" ނިޒާމްބެ ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ސުޒޭން ބުނީ ދިވެހި ކީޕަރުންނަށް އެއްކޮށް ދޫކޮށްލެވެން ނެތް އެންމެ ބޮޑު ސަބަބަކީ ސަރަހައްދީ މުބާރާތްތަކަށް ވިސްނައިގެން ވާން ޖެހޭ ތައްޔާރީތަށް ކަމަށެވެ.

"އަޅުގަނޑަށް ނުފެނޭ މި ވަގުތު ގޯލްކީޕަރުންގެ ކަންތަކުގައި ހަމައެކަނި ދިވެހި ކީޕަރުންނާ އެކު ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް. މި ވަގުތަށް މިދިމާވި ކަންތައްތަކަށް ބަލާފައި އަހަރެއް ނޫނީ ދެ އަހަރެއް ވަރު ބަލާފައި ރަނގަޅު ގޯލްކީޕަރުންގެ ކަންތައް ގެންނަން. އަޅުގަނޑުމެން އޭއެފްސީ ކަޕްގެ ކާމިޔާބީ އަށް ބަލާއިރު ވަރަށް ފޯރާ ޓީމަކަށް ބޭރު ގޯލްކީޕަރެއް އޭއެފްސީ ކަޕް ކުޅެން ބައިންދާފައި ދިވެހި ކީޕަރެއް ދިވެހި މުބާރާތްތަކަށް ގެންގުޅެވޭނީ،" ސުޒޭން ބުންޏެވެ.

ދިވެހި ގޯލްކީޕަރުން ކުރިއަރުވަން އެފްއޭއެމުން ވަނީ ގޯލްކީޕާސް އެކެޑަމީގެ މަސައްކަތްތައް މިދިޔަ އަހަރު ފަށައިފަ އެވެ. އެ އެކަޑަމީގެ ކަންތައްތައް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް އެވެ. އަދި އެ މަސައްކަތުގައި ގައުމީ ޓީމުގެ ކުރީގެ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު ވެސް ބައިވެރިވާން ވަނީ ފަށައިފަ އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަސްލަމް

26 May 2020

ދިވެހި ކީޕަރުންގެ ފެންވަރު ސަކަރާއް ވީމަ އެއްނު ސާކް ގެ ވެސް އެއްވަނަ ދިވެހި ކީޕަރެއް ހޯދީ ދޯ؟ ދިވެހި ކީޕަރުންނަށް ފުރުސަތު ލިބުނީމަ ދޯ ފެން ވަރު ވެސް ދެއްކޭނީ!

The name is already taken The name is available. Register?

ޕޫބެއަރ

19 May 2020

ތި ކަޑަ. ބޭރު ކީޕަރުން ނުގެނެވޭ ގޮތަށް އޮތުން ރަނގަޅީ

The name is already taken The name is available. Register?

ގަޓް ބްރޯ

19 May 2020

މިސަރަހައްދުގަ "މޮޅު ގޯލްކީޕަރުން" އެންމެ ގިނަވާނީ ބަންގާޅުގަ. އެހެންވީމަ ތިޔަ ގަވައިދު ބަދަލުކޮށް ކްލަބަކަށް 10 އަހަރަކު ވަރަކަށް ކީޕަރުން ގެނެވޭތޯ ބަލާ! ދެން އެމީހުން ފިލައިފިއްޔާ އެހެން ގައުމަކުން ބަޔަކު ގެނެވޭތޯ ބަލާނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454