އޭޝިއަން ކަޕްގެ މެޗެއްގެ ތެރެއިން ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކުޅުންތެރިން.
24 މެއި 2020 - 13:42
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އިސްނަގައި އެ ގައުމުގެ ފުޓްބޯޅަ ގައުމީ ޓީމު އެކަހެރިކޮށް ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދަން ނިންމައިފި އެވެ.
ކޮވިޑް-19 ފެތުރޭތީވެ ބަންގްލަދޭޝް ފުޓްބޯޅަ ލީގާއި އިންޑިޕެންޑެންސް ކަޕް ނުކުޅޭ ގޮތަށް ސީޒަން ވަނީ ނިންމާލާލައިފަ އެވެ. މިދިޔަ މާޗް މަހުން ފެށިގެން މެޗެއް ނުކުޅެ ކުޅުންތެރިން ތިބެން ޖެހުމާ އެކު އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ގިނަ ދަތިތަކެއް ކުޅުންތެރިންނަށް ކުރިމަތިވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރެ އެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އެކުލަވާލާފައިވާ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން ކާޒީ ނަބީލް ވަނީ ޓީމުތަކުގެ އޮފިޝަލުންނާއި ކޯޗުންނާ އެކު ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ބައްދަލުކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމީ ޓީމު ކޮމިޓީން ނިންމާފައިވާ ނިންމުންތައް ހިއްސާކުރި އެވެ.
އެ ގޮތުން މިހާރު ނިންމާފައި އޮތީ އީދުގެ ފަހުން ގައުމީ ޓީމުގެ ކުޅުންތެރިން އައިސޮލޭޓް ކުރުމަށް ފަހު ފެޑެރޭޝަނުން ކަނޑައަޅާތަނެއްގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"ސަރުކާރުގެ ހުއްދަ ލިބުނުހާ އަވަހަކަށް އަހަރެމެން ބޭނުން މި ޓްރެއިނިން ކޭމްޕް ކުރިއަށްގެންދަން. އެކަަމަށް ބޭނުންވާ ވަރަށް ގިނަ ހުއްދަތަކެއް ހޯދަން ޖެހޭ އަހަރެމެން މި އަންނަނީ އެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރަމުން،" ނަބީލް ވިދާޅުވި އެވެ.
ގައުމީ ޓީމު ކޮމިޓީގެ ވިސްނުން ހުރީ ސަލާމަތީ ގޮތުން ބަލާއިރު އެންމެ ރަނގަޅު ސަރަހައްދެއްގައި ޓީމު ކޭމްޕް ކުރާށެވެ. އެ ގޮތުން އެންމެ ބޮޑަށް މަސައްކަތްކުރަނީ ޑާކާގެ ކޮންމެވެސް ހިސާބެއްގައި ކޭމްޕް ކުރުމަށެވެ. މިއީ މި އަހަރު ގައުމީ ޓީމަށް ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން އާއި ސާފް ސުޒުކީ ކަޕް އަށް މުހިއްމު ޓްރެއިނިން އަކަށް ވާނެ ކަމަށް ގައުމީ ޓީމު ކޮމިޓީން ދެކެ އެވެ.
"ގައުމީ ޓީމުގެ ޓެކްނިކަލް މީހުން ވެސް ދެކެނީ މި ވަގުތަކީ މެޗެއް ނުކުޅެ ތިބެން ޖެހޭ ވަގުތެއް ކަމަށްވާތީ ކުޅުންތެރިން ފިޓްކޮށް ބަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށް. އެހެންވުމާ އެކު ގައުމީ ޓީމުގެ ކޯޗުގެ ރިކުއެސްޓްވެސް ކުރާތީ އަހަރެމެން އެބަ ބޭނުންވޭ މިކަން ކުރަން،" ނަބީލް ވިދާޅުވި އެވެ.
މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭގެ ދެ އަހަރުގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. އެކަމަކު އޭނާއާ އެކު ބަންގްލަދޭޝްގެ ފެޑެރޭޝަނުން ވަނީ އިތުރު ދެ އަހަރަށް ކޮންޓްރެކްޓް އާ ކުރަން ނިންމައިފަ އެވެ. އެގްރީމަންޓްގައި ސޮއިކުރެވޭނީ ޑޭ އަށް އެނބުރި ބަންގްލަދޭޝަށް އާދެވުމުންނެވެ.
ޑޭ އަށް ޓީމާ ހަވާލުވެވުމުގެ ކުރިން ޓީމުގެ ޓްރެއިނިން ކޭމްޕް ފަށަން ޖެހިއްޖެނަމަ އެ ފަރިތަކުރުންތައް ކުރިއަށްގެންދާނީ ފެޑެރޭޝަނުން ކަނޑައަޅާ ލޯކަލް ކޯޗުންނާ އެކު އެވެ. އެ ކޯޗުންތަކެއް ކަނޑައަޅާނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރު ސްޓުއާޓް ވަޓްކިސްގެ ލަފާގެ މަތިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލޯ އާމިރު
24 May 2020
ބަނގުލަދޭސް މީ ދުވެހި ކުޅިވަރުގެ ބަެއް ތޯ ؟ ދިވެހި ކުޅިވަރުގެ ކެޓެގަރީ ގަ އިނީމަ އަހާލީ
ްއަޝްރަފު އަލީ
11 June 2020
އެއީ ހަމަ މިޤައުމުގެ ބޭފުޅުން.
ބަދުރުބެ
24 May 2020
ރާއްޖޭގަ ވެސް ބާސްކެޓް އެކަހެރިކޮއް އެހްނ ކުޅިވަރުތައްބާއްވަންވީ