2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ތަށި ހިފައިގެން އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އަދި ސީނިއާ ނައިބު ރައީސް ޝަކީބް.-- ފޮޓޯ: މިހާރު
04 ޖޫން 2020 - 14:43
ނިއުނޯމަލްގައި ދިވެހި ފުޓްބޯޅައިގައި އަމަލުކުރާނެ ޕްލޭނެއް، ފީފާ އާއި އޭއެފްސީ އަދި ޑަބްލިއުއެޗްއޯގެ އުސޫލުތަކާ އެއްގޮތަށް އެކުލަވާލައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފޮނުވާފައިވާ ކަމަށް އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަދި މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝަކީބް (ޑޮކް) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން މަޝްހޫރު ސްޕޯޓްސް ފިޒީޝިއަން ޝަކީބް ވިދާޅުވީ މިހާރު ދިމާވެގެން މި އުޅެނީ އެއްވެސް ބަޔަކު ތަޖުރިބާ ކޮށްފައިވާ ކަމެއް ކަމަށް ނުވާތީ މީގެ ތެރެއިން ދިމާވާ ކޮންމެ ކަމެއް ވެސް ޖެހޭނީ ވަރަށް ފަރުވާތެރިކަމާ އެކު ކުރަން ކަމަށެވެ.
ޝަކީބް ޕްލޭން ހެދީ ފީފާގެ މެޑިކަލް ބައްދަލުވުންތަކުން ލިބުނު މައުލޫމާތުތަކާއި އޭއެފްސީ އާއި އެ ނޫން ވެސް އެކި އިދާރާތަކުގައި މަސައްކަތްކުރާ ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާ އެކު ގިނަ ބަޔެއްގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ. އެ ޕްލޭން އާއްމުކުރާނީ އެޗްޕީއޭ އިން ބޭނުންވާ ކަމެއް އޮވެއްޖެނަމަ އެވެސް ހިމަނައިގެން ކަމަށް ޝަކީބް ވިދާޅުވި އެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ. ވަރަށް ގިނަ ހަރަދުތަކެއް ވެސް ހިނގާނެ ކަމެއް. އެފްއޭއެމުން މަސައްކަތްތައް ފަށައިފިން. އިރުއިރުކޮޅައި ސެނިޓައިޒްކޮށް އަތްދޮންނަން ވެސް ފަސޭހަނުވާނެ. އެހެންވެ އަޅުގަނޑު މެން ވިސްނީ ދަނޑުގައި ޑިސްއިންފެކްޓް ގޭޓެއް ބަހައްޓަން. ގޭޓަށް ވަދެ 15 ވަރަކަށް ސިކުންތު ތެރޭގައި ނުކުމެގެންދާއިރު މުޅި މީހާ އެއްކޮށް ޑިސްއިންފެކްޓް ވެގެންދާނެ. އެހެން ވަދެ ނިކުމެގެންދާއިރު ޓެމްޕަރޭޗާ ވެސް މޮނިޓާކުރެވިގެންދާނެ،" ފުޓްބޯޅަ އަށް 20 އަށް ވުރެން ގިނަ އަހަރު ހިދުމަތްކޮށްދީފައިވާ ޝަކީބް ވިދާޅުވި އެވެ.
މިދިޔަ ސީޒަނުގައި ޓީސީގެ ސައްޓު (ކ) އީގަލްސްގެ ސިފާއު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: މިހާރު
ދުނިޔޭގެ ގިނަ ގައުމުތަކުގައި ޕްރެކްޓިސް ފަށާފައިވަނީ އެކި ފޭސްތަކަށް ބަހާލައިގެންނެވެ. އެ ގޮތުން އެންމެ ފުރަތަމަ ކުޅުންތެރިން ނުކުތީ އިންޑިވިޖުއަލް ޓްރެއިނިން އަށެވެ. ދެން ވަކި މުއްދަތެއް ފަހުން ޓީމުގެ ޓްރެއިނިން ފަށަން ފުރުސަތު ދިނެވެ. ކޮންމެ ފޭސް އެއްގައި ވެސް ކޮވިޑް-19 އަށް ޓެސްޓްކުރެ އެވެ. ޝަކީބް ވިދާޅުވީ ނިއުނޯމަލް ތެރޭގައި ރާއްޖޭގައި ފުޓްބޯޅަ ފަށަންވެގެން ގައިޑްލައިން ހެދި ވަގުތުގައި ފުޓްބޯޅަ އަލުން ފެށި ގައުމުތަކުގައި އަމަލުކުރި ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ހޯދި ކަމަށެވެ.
"ގައިޑްލައިންގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރިން އަމަލުތައް ބަހައްޓާނެ ގޮތް. ބޭނުންވަނީ އަލުން ކަރަންޓީން ނުވެ އުޅެވޭނެ ގޮތެއް. ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުންނާނެ،" ޝަކީބް ވިދާޅުވި އެވެ.
ގައިޑްލައިންގައިވާ ގޮތުން ކޮންމެ ކްލަބެއްގައި ވެސް މި ކަންތައްތައް ބަލަހައްޓަން ދެ މީހުން ހުންނަން ޖެހެ އެވެ. ކޮންމެ ދުވަހަކު ކުޅުންތެރިންގެ ފިނި ހޫނުމިން ބަލަން ޖެހެ އެވެ. ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެ ކުޅުންތެރިޔަކު ޕްރެކްޓިހަށް ދިއުމުގެ އެއް ގަޑިއިރު ކުރިން އެ ކްލަބެއްގައި ކަނޑައަޅާފައި ހުންނަ މީހާ އަށް އަންގަން ޖެހެ އެވެ. ކޮންމެ ކްލަބެއްގެ މައުލޫމާތު އެފްއޭއެމަށް ފޯރުކޮށްދިނުމަކީ ކްލަބުން ކަނޑައަޅާފައި ހުންނަ ދެ މީހެއްގެ ޒިންމާ އެވެ.
"ކުޅުންތެރިންގެ އަމިއްލަ ޒިންމާތަކެއް ވެސް އޮންނާނެ. އަލަށް ނުކުންނައިރު ވަރަށް ވެސް އުނދަގޫ ކަންތައްތަކެއް ހުންނާނެ. މީގެ ކުރީގައި އެހެން ކުއްޖެއްގެ ފެންފުޅިން ފެންފޮދެން ވެސް ބޯލާނެ. އެކަމަކު އެ ކަހަލަ އެއްވެސް ކަމެއް މި ކަހަލަ ގައިޑްލައިންގެ ދަށުން އެ ކުޅުންތެރިންނަށް ނުކުރެވޭނެ. އަމިއްލަ އަށް އެ މީހެއްގެ ހުރިހާ އެއްޗެއް ގެންގުޅެން ޖެހެނީ. އަމިއްލަ ދަބަހުގައި އޭނަ ބޭނުންކުރާ އެއްޗެއް ގެންގުޅެންޖެހޭނީ. އެޗްޕީއޭގެ ގަވާއިދުގައި ބުނާ ގައިދުރުކަން ވެސް ގެންގުޅެން ޖެހޭނެ،" ޝަކީބް ވިދާޅުވި އެވެ.
"އެ ކުޅުންތެރިޔާ އެބަޖެހޭ އަޅުގަނޑުމެންގެ ލޯ މަތިން ގެއްލުމަށް ފަހު ވެސް އެ ގައިޑްލައިންގައި އޮތްގޮތަށް އަމަލުތައް ކުރަން. އެހެންނޫނިއްޔާ މިހާ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް އޮންނާނީ ޕޮޒިޓިވްވެފައި،"
އައިއޯއައިޖީ އަށް ގައުމީ ޓީމުގެ ކުޅުންތެރިން ފުރުމުގެ ތެރެއިން ޝަކީބް (ކ) ގައުމީ ޓީމުގެ ސެންޓޭއާ ސަލާމްކުރަނީ. -- ފޮޓޯ: މިހާރު
ފުޓްބޯޅަ މެދުކަނޑާލާފައިވާ މި މުއްދަތު ތެރޭގައި ކުޅުންތެރިން ފިޓްނަސް އަށް އިސްކަންދީގެން އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަތަރު ހަފްތާ އަށް ވުރެން ގިނަ ދުވަސް ވަންދެން ފިޒިކަލް ހަރަކާތްތަކާ ދުރުގައި ހުންނަން ޖެހިއްޖެނަމަ އަލުން ކުޅެން ނުކުންނައިރު ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޝަކީބް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ އެކި ފަރާތްތަށް މެދުވެރިކޮށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވެގެން އެނބުރި އައި ކުޅުންތެރިންނަށް ވެސް ފުރަތަމަ ޓްރެއިނިންތައް ފަށާއިރު އުނދަގޫތަކެއް ދިމާވާ ކަމަށާއި އެހެންކަމުން ރާއްޖޭގައި ވެސް އެ ފަދަ ކަމެއް ދިމާވާ ކުޅުންތެރިޔަކު އެނބުރި އަންނައިރު ސަމާލުވާން ޖެހޭނެކަން ޝަކީބް ފާހަގަކުރެއްވި އެވެ.
ކުރިން އެފްއޭއެމުން މަސައްކަތްކުރީ މި އަހަރުގެ ފުޓްބޯޅަ ސީޒަން މި މަހު ފަށާށެވެ. އެކަމަކު މިހާރު އޮތްގޮތުން އަލުން ސީޒަން ފަށާ ތާރީހު ފަސްވާނެ އެވެ. ކޮވިޑް-19 ގެ މިހާރުގެ ހާލަތު އޮތްގޮތުން މި އަހަރު ރާއްޖޭގައި ކުޅިވަރު މުބާރާތްތައް ބާއްވަން ރާއްޖޭގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން ގަޔާނުވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެހެން ކަންކަން ކުރަން ވެސް ނިއުނޯމަލްގެ ތެރެއިން ލުއިތަކެއް ލިބިގެންދާ ގޮތަށް ކުޅިވަރު މުބާރާތްތައް ބޭއްވޭނެ ފުރުސަތެއް ލިބޭތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން މަނިކު
13 June 2020
ދަޑަޑައް ވަނު ނު މުގެ ހުއްދަ ދޭންވީ ސްކޫލުތައްވެސް ހުޅުވަނީ .... އޯކޭ އެއްނު
ޓެސްޓޭ
09 June 2020
މި ސިސްޓަމުގައި، ކުޅުންތެރީން ޓެސްޓްކުރާ ވާހަކައެއްނެތް. އެކަމަކު އެހެން ގައުމުތަކުގައި އެކަންކުރާ ވާހަކަ އެބައޮތް.
ބޯގަންވިލާ
06 June 2020
ބާސްކެޓް ގެ ހަބަރެއް ނެތްދޯ ، ހާދަ ކަޑަ އޭ ބާސްކެޓައް ކަންތައް ކުރާެލެއް
މައިކާލޯސް
06 June 2020
ފުޓްބޯޅަ ކުރިއަރުވަން ޙަރަދުކުރަމުން ގޮސް އެންމެ ފަހުން ގަމީސް ދަށަށް ބޯޅައެއް ލެވުނުއިރުވެސް ރޭކާވެސްނުލި
އަށް ގޮދާ
05 June 2020
ގަލޮޅު ދަނޑު 10 ވަރަކައް އަހަރު ވެދާނެ ނިއުނޯމަލް ގަ އޮއްނަތާ!!! ތިތަން ނޯމަލް ކުރާކައް އުޅޭނެ ކަމެއް ނެތް.... މަހިތައް އަރާ ބައްސާމުމެން އެފްއޭއެމް ގަ ބަގުޑި ބައްދާއިގެން މިއުޅެނީ ކިހާ ވަރެއްލިބޭތީބާއެވެ.
Ekamaku
05 June 2020
ނޯމަލްގަ މުބާރާތްތަށް ނުބާއްވައި ދެންކީކުރަން މިދުވަސްވަރު މުބާރާތް ނުބޭވިގެން ތިތެޅެނީ. ބޮޑަށްވަތަރީ ދަތުރުނުކުރެވޭތީ ބައްސާމް އަތްމަތި ދަތިވީހެން.
ތިރަށުއައްމަޑޭ
05 June 2020
ކެއުންދޯ އޮންނާނީ...ދެން ދަށުން ދެމުން،،،
ޝާޑު
04 June 2020
ޝަކީބު މެރެޑޯނާއާ ވައްތަރުގޮތެއް އެބަހުރި.
ޖިބު
04 June 2020
ޝަކީބް ބޯޅައެއް ގަމީސްތެރޭ ފޮރުވައިގެން ތިއުޅެނީ ޔޯ؟
އެމްސް
04 June 2020
ގިނަރަޢިއްޔަތުން އަނގައާއި އަތާ ދިމާނުވެގެންއުޅޭއިރު ސަކަރާތަށް ކުރާހޭދަ ހުއްޓާލާކަށް ނުވޭބާ؟