ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ އަށް މި އައި ހުއްޓުމަށް ފަހު އަންނަ މަހު ހަތަރެއްގައި ގައުމީ ޓީމުގެ ޕްރެކްޓިސް އަލުން ފަށާއިރު ކުރަން ހުރި ބުރަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ފޯކަސް އެއް ކުރަންޖެހޭނީ ކުޅުންތެރިންގެ ފިޓްނަސް މައްސަލަތައް ހައްލުކުރަން ކަމަށް ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ.
އެފްއޭއެމުން ގައުމީ ސްކޮޑު އިއުލާނުކުރަން އިއްޔެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ބުނީ ކޮވިޑް-19ގެ ސަބަބުން މި އައި ލޮކްޑައުން ތެރޭގައި އޭނަ އަމިއްލަ އަށް ކުރެވުނު ތަޖުރިބާ އަށް ބަލާއިރު ވެސް ކުރިމަތީގައި ފިޓްނަސް އަށް ސަމާލުވެގެން ކުރަން ޖެހޭ ކަންތައްތައް ގިނަކަން އިހުސާސް ކުރެވުނު ކަމަށެވެ.
"މިއީ ފެޑެރޭޝަނަށް ވެސް ކުޅުންތެރިންނަށް ވެސް އަހަރެމެންނަށް ފަސޭހަ ކަމެއް ނޫން. މިދިޔަ ހަތަރު ވަރަކަށް މަހުގައި ކުޅުންތެރިން އެއްވެސް ވަރަކަށް ނުކުޅެ ތިބެ ވެސް އެނބުރި އައިސްފާނެ. އެކަމަކު އަހަރެންގެ އުއްމީދަކީ މިހާރުން ފެށިގެން ވެސް މަސައްކަތްތަކެއް ކޮށްގެން ކުޅުންތެރިން ފިޓްނަސް އަށް ސަމާލުވުން،" ނެދަލެންޑްސްގެ ކްލަބްތަކާއި ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ކޫޕްމަން ބުންޏެވެ.
އަންނަ މަހު ގައުމީ ޓީމުގެ ޕްރެކްޓިސް 32 ކުޅުންތެރިންނާ އެކު ފަށާނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށާއި އެ ގޮތުން ވިސްނުމުގައި ހުރި ގޮތަށް ބަލާއިރު ހަތެއް ޖަހާއިރާއި ނުވައެއް ޖަހާއިރު ބަހާލައިގެން ދެ ގްރޫޕްގެ ޓްރެއިނިން ގެންދެވިދާނެ ކަމަށް އޭނާ ބުންޏެވެ.
ގައުމީ ޓީމުގެ ކުޅުންތެރިން އަލުން ޕްރެކްޓިސް އަށް އަންނައިރު ގިނަ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށާއި އެ ގޮތަށް އަލިއަޅުވާލައި ގައުމީ ޓީމުގެ ޑޮކްޓަރުންނާ އެކު އެކި މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ކޫޕްމަން ވަނީ ބުނެފަ އެވެ.
"ޑޮކްޓަރުންގެ ފަރާތުން ޕްރޮގްރާމެއް ކުރިއަށްދާނެ. އޭގެ ސަބަބުން ކުޅުންތެރިޔާގެ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށް މި ބަލަނީ. ޓްރެއިނިން ވެސް ވަރަށް މޮނިޓާކުރާނަން. ޖުލައިގައި ޕްރެކްޓިސް ފަށައިގެން އެންމެ ބޮޑު ގޮންޖެހުމަކަށް އަހަންނަށް ހަމަފެންނަނީ ފިޓްނަސް. އެއަށް ފޯކަސް ކުރާނީ،" ކޫޕްމަން ބުންޏެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަތަމަ ދިިން ލުއިތަކުގެ ތެރެއިން ރަށްރަށުގައި ތިބި ކުޅުންތެރިންނަށް ކުޅެން ދެވޭގޮތް ވެގެންދިއުމަކީ ކޮންމެވެސް ވަރެއްގެ ފަސޭހައެއް ކަމަށް ވެދާނެ ކަމަށެވެ.
"އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ލިބިގެންދިޔައީ ރަށްރަށުގެ ކުޅުންތެރިންނަށް ހަމަ އޯޕަންކޮށް ގޮސް ކުޅެލާނެ ފުރުސަތެއް ހުޅުވިގެންދިޔަކަން. އަޅުގަނޑުމެންނާ ޖުލައި މަހު ކުޅުންތެރިން ގުޅޭއިރު ފިޓްނަސްގެ ބޭސިކް ބައި ހައްލުވެގެން ގޮސްފައި ހުންނާނެތީ ހިތްހަމަޖެހިލައިގެން ޕްރެކްޓިސް ފެށޭނެ ކަމަށް ކޯޗުން އުއްމީދު ކުރަނީ،" ރަށްރަށުގައި ތިބި ގައުމީ ޓީމުގެގެ ކުޅުންތެރިންނަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ.
ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ.
ޗައިނާ މެޗުގެ ކުރިން ގައުމީ ޓީމުން ކޭމްޕެއް ދިއުމަށް ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި ބޭނުންވަނީ އެ މެޗު ކުޅޭނެ ހާލަތަށް ބަލައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަން މަސައްކަތްކުރާ ކަމަށް ކޫޕްމަން ބުންޏެވެ.
"އަހަރެމެން ފުރުސަތު ލިބޭނަމަ ޓްރެއިނިން ކޭމްޕެއް ވެސް ޖަހާނަން. އެ މަޝްވަރާ ވެސް އޮތީ ކުރެވިފައި. އޮކްޓޫބަރުގައި ޗައިނާއާ ކުޅޭއިރު އެ ގައުމު އޮންނާނީ ވަރަށް ފިނިކޮށް. އެހެންވީމަ އަހަރެމެން ތައްޔާރުވާން ކޭމްޕް ކުރަން ޖެހޭނީ ޗައިނާއާ އެއް މޫސުމެއްގައި އޮތް ޖަޕާން ނޫނީ ކޮރެއާ ފަދަ ގައުމެއްގައި. މި ވަގުތު ގަތަރު ނޫނީ ސައުދީގައި ހޫނުގައި ޓްރެއިން ކޮށްގެން ޗައިނާގައި ކުޅެން ފަސޭހަނުވާނެ،" ކޫމްޕަން ބުންޏެވެ.
އޭޝިއަން ކަޕަށް ކޮލިފައިވާން އަމާޒުހިފާފައިވާ ރާއްޖެ އަށް މި އަހަރު އޮތް މެޗުތަކުގައި ރަނގަޅު މިސްރާބަކަށް ދެވޭނެ ކަމަށް ކޯޗު ކޫޕްމަން ގަބޫލުކުރެ އެވެ.
ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. މި ފަހަރު ކޮލިފައިން ގްރޫޕްގައި ނިންމާ ހިސާބަކުން އޭޝިއަން ކަޕު ކޮލިފައިންގައި ކުރިއަށްދާން ފަސޭހަވާނެ އެވެ.