25 ޖޫން 2020 - 21:34
ދުނިޔޭގައި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (ނަގައި)، އެ ފާސް ހާސިލްކުރި ދިވެހި ދެ ވަނަ ކޯޗަށް ވެއްޖެ އެވެ.
އެ ފާސް ނެގި ފުރަތަމަ ދިވެހި ކޯޗަކީ ޓީސީ ސްޕޯޓްސް ކްލަބްގެ މިހާރުގެ ކޯޗު އަދި ކުރިން ވިކްޓްރީ އާއި ބީޖީ އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް މަސައްކަތްކުރި ކޯޗު އަދި ޔޫތު ޑިވެލޮޕްމަންޓުގެ ތަޖުރިބާރު ޓްރެއިނަރު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.
އެފްއޭއެމުން ދިން ފުރުސަތެއްގައި މޯހަން މި ކޯސް ފުރިހަމަކުރަން ފެށީ މިދިޔަ އަހަރު ކުރީކޮޅެވެ. ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކޯސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޯހަން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ކޯސް މާޗު މަހު އެއްކޮށް ނިމުމާ އެކު އޭނާ އަށް މިހާރު ވަނީ ސެޓިފިކެޓް ލިބިފަ އެވެ.
އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.
މި ފާސް މޯހަން ނެގިއިރު އޭނާ ވަނީ ރާއްޖޭގައި ކޯޗިންގެ އެންމެ މަތީ ހަރުފަތަށް އަރައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރަސްމީކޮށް ފުޓްބޯޅަ ނުކުޅެ ކޯޗިންގެ ތެރެއަށް ވަން މަދު ދިވެހިން ކޯޗުންގެ ތެރޭގައި ހިމެނޭ މޯހަންގެ ކޯޗިން ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ، 1997 އިން 2008 އަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި އޭނާގެ ހިއްސާ ބޮޑެވެ.
ފަހުން ކްލަބް ކޯޗިން އަށް ވަދެ، އޭނާގެ އާއިލީ ކްލަބެއްގެ ގޮތުގައި ފާހަގަވި ނިއު ރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. އެންމެ ފާހަގަކޮށްލެވެނީ މެޗަކުން ބަލިނުވެ ނިއު އަށް 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުމެވެ.
މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެ އެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި އޭއެފްސީގެ ސީ ލައިސަންސް ކޯހުގައި ކިޔަވައިދީފަ އެވެ.
މި ލައިސަންސްއާ އެކު ދެން ވިސްނާނީ ރާއްޖޭން ބޭރުގެ ޓީމަކަށް ކޯޗުކޮށްދޭންތޯ އެހުމުން "މޯހަން" ބުނީ ހުވަފެންތަކާއި އުއްމީދުތައް އެބަހުރި ކަމަށާއި އެކަންކަން ހާސިލްކުރަން މަސައްކަތްކުރާނެ ކަމަށެވެ. މިވަގުތު އޭނާ އެންމެ އިސްކަންދިނީ މި ފުރުސަތު ހޯދައިދިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭރު އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) އަށް ޝުކުރުއަދާކުރުމަށެވެ. އަދި ކޯހުގެ ތަމްރީންތަކަށް އޭނާ ވީއްލައިދިނީތީ އީގަލްސް އަށް ވެސް ޝުކުރުއަދާކުރި އެވެ.
ސާންތީ އަކީ މޯހަންގެ ގައުމީ ޓީމުގައި އެސިސްޓަންޓް ކޯޗު ޕާޓްނަރެވެ. ދެ ކޯޗުން ގައުމީ ޓީމުގައި މަސައްކަތްކުރިއިރު 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ރާއްޖެ 0-0 އެއްވަރުކުރި މެޗުގައި ކުޅުނު ކިމް ނަމް އިލް އާއި ސޯލް ހީ-ހިޔޯން ވެސް މޯހަންއާ އެކު މި ކޯހުގައި ބައިވެރިވެ އެވެ. އޭގެ ދެ އަހަރު ކުރިން ވޯލްޑް ކަޕުގައި ވެސް ކުޅުނު މި ދެ ކުޅުންތެރިންގެ ތެރެއިން ސޯލް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ރެޑިން އަދި ފުލަމް އަށް ކުޅެފަ އެވެ.
ވެލެންސިއާ އާއި އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ ޓީމަށް ވެސް ކޯޗުކޮށްދީފައިވާ މޯހަން ފާހަގަކުރެވެނީ ރޭވުންތެރި އަދި ކާމިޔާބާ ވެސް ރަށްޓެހި ކޯޗެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމަ ގެ
27 June 2020
ތިގޮތައް ބާސްކެޓް ގެ ވެސް ކޯޗުން ނައް ފުރުސަތު ހޯދަ ދޭނަމޭ ހިތައް އަރަނީ
އަހަންމަ
26 June 2020
މަރުޙަބާ ކޯޗް.. ???
އަސްލު ހަގީގަތް
26 June 2020
މަރުހަބާ މޯހަން. ނިއުގަ ހޯދި ކާމިޔާބީ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އަސްލު މޯހަންގެ ސްޓައިލް އަހަންނަށް ވަރަށް ކަމުދޭ (މިބުނީ އޭނަގެ ޓީމެއް ފުޓްބޯޅަ މެޗެއްގައި ކުޅުވާ ސްޓައިލް).
ހަސަންޓެބުނީ
25 June 2020
ބައްސާމައް ހަމަ ސާބަސް ، މީހުން އެކިޔާ އެއްޗެއް ދިމައެއްނުވޭ ، އެންމެ ބޮޑައް ބައްސާމައް ފާޑުކިޔާ އެކަކުގެ ކޮއްކޮޔައް ތިފުރުސަތު ހޯދައިދީ ނުވިތާކައް އެފް އޭ އެމް އިން ހުރިހާ ހަރަދެއްދިނީމަ ބައްސާމަކީ ފުޓުބޯލަ ދެކެ ލޯބިވާ ކުއްޖެއްކަން އެނގިއްޖެ
ކެރެޓް
26 June 2020
ތީ ވަރަށް ކުރީގެ އުސޫލެއް ބޭބެ ފާޑުކީމަ ކޮއްކޮއަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަދަބު ދިނުމަކީ. މިހާރަކު ނުހިނގާނެ! ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
މޮސްޓީ
26 June 2020
ކުރީގަ ވެރިކަންކުރި މީހަކު ބޭނުންވާ މީހަކު އަތުނުވީމަ އަންހެނުންވެސް ގެންދިޔަ. ބައްސާމާ ތިމާގެ މީހެއް.
ޟާނު
29 June 2020
ކުރިޔަށްދާންއުޅޭމީހަކަށް ފުރުސަތުލިބޭނެ ބައްސާމު ނުދިނަސް
ހާމާނު
25 June 2020
ލައިސަންސް މަތިވެގެން ވާނެ ހަތަރެއްޗެއްވިއްޔާ ދެން ދިވެހި ފުޓްބޯޅައިގަ ވާނެތާ؟. މިތިބީ ބަލަން.
ނަޖުމުއްދީން
25 June 2020
މަރުހަބާ މޯހަން.