އެފްއޭއެމް އިންތިހާބު ފަސްކޮށްދޭން ކޮމިޓީން، މިނިސްޓްރީގައި އެދިއްޖެ

ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ، އެކަން ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސްކޮށްދޭން، މިނިސްޓްރީގައި އެ ކޮމިޓީން އެދިއްޖެ އެވެ.


އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް އަންގާރަ ދުވަހު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ އިއްޔެ އިންޒާރުކޮށްފަ އެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިޔުޝާ ސޮއިކުރައްވައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކުޅިވަރު ގާނޫނާ އެއްގޮތަށް ތިޔަ މިނިސްޓްރީން އެފްއޭއެމްއާ ދޭތެރެ ފިޔަވަޅު އަޅާފައިނުވާތީވެ އެސޯސިއޭޝަންއާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި، މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ހުށަހަޅާފައިވާ މައްސަލައެއް އިޖްތިމާއީ ކޮމިޓީން އަންނަނީ ދިރާސާކުރަމުން ކަމަށެވެ.

"މިގޮތުން، މި މައްސަލަ އެ ކޮމިޓީން ދިރާސާކުރައްވައި ނިންމަވަންދެން، އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވާތީ، އެ ވާހަކަ ދެންނެވީމެވެ،" ސިޓީގައިވެ އެވެ.

އެ ސިޓީ މިނިސްޓްރީ އަށް ލިބިފައިވާކަން އެތަނުގެ އިސް އޮފިޝަލަކު ވަނީ "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ފީފާ އިން އިއްޔެ ވަނީ އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒުއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް އެ އިދާރާ އަށް އަންގަން އެދިފަ އެވެ.

އެފްއޭއެމުން މިއަދު އިންތިހާބު ބާއްވާކަން މީޑިއާ އަށް އަންގާފައެއް ނުވެ އެވެ. އިންތިހާބެއް ބާއްވާކަން އެނގުނީ، ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީންނެވެ. އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން އެފްއޭއެމުން އިއުލާންކުރީ ފެބްރުއަރީ މަހު އެވެ. އޭރު ތާވަލުކުރީ މާޗު 20 ވަނަ ދުވަހަށެވެ. އެކަމަކު ކޮވިޑް-19 ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ފަސްކުރީ އެވެ. ފަހުން ބައްސާމް ވިދާޅުވީ އިންތިހާބު މިދިޔަ މަހުގެ ތެރޭގައި ބޭއްވިގެންދާނެ ކަމަށެވެ.

މި ސިޓީއާ މެދު މިނިސްޓްރީން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ސްޕޯޓްސް މިނިސްޓްރީން، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުމުން، އޭއެފްސީން އިންޒާރު ދިނުމާ އެކު މިނިސްޓްރީން އެ މަސައްކަތް ހުއްޓާލީ އެވެ. އޭގެ ފަހުން ވެސް ކޯޅުންތައް ހިނގި އެވެ. އެގޮތުން އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމުގެ އެ މަސައްކަތުގެ އަޑީގައި ހުންނެވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ކަމަށް އޭރު އެފްއޭއެމުން ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު ދެން ފެނުނީ މަންޒަރު އެއްކޮށް ބަދަލުވިތަނެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ބޭރުކުރަން ކުރެއްވި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް ވިދާޅުވެ މަހުލޫފް އަމާން ދެއްވީ އެވެ.