ފެބްރުއަރީ މަހު ކުރިއަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ޖުލައި 2020 - 10:43
ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ބާކީ ހުރި މެޗުތަކަށް ތައްޔާރުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް މިއަދު ފަށައިފި އެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު މިއަދު ހެނދުނު ގައުމީ ޓީމުގެ ޕްރެކްޓިސް ގަލޮޅު ދަނޑުގައި ފެށީ 26 ކުޅުންތެރިންނާ އެކު އެވެ. ޕްރެކްޓިހުގައި ބައިވެރިނުވެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާލެ ނާދެވި ރަށުގައި ތާށިވެފައި ތިބި ކުޅުންތެރިންގެ އިތުރުން މޮނިޓަރިން ހާލަތުގައި ހުރި އިމާރާތެއްގައި ދިރިއުޅޭ ކުޅުންތެރިއެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް އެ ކުޅުންތެރިން ޕްރެކްޓިހާ ގުޅޭނެ ކަމަށެވެ.
"ބައެއް ކުޅުންތެރިންނަށް އެބަހުރި އުނދަގޫތަކެއް ދަތުރުކުރުމުގައި. އެއީ އެ ރަށްތަކުން މާލެ އަށް ދަތުރުފަތުރުތައް ނުފަށާތީ،" ޖަވާ ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ކުޅުންތެރިން ކޮވިޑް-19 އަށް ވެސް ޓެސްޓްކުރެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރި އެވެ. ކުރެވުނު މަޝްވަރާތަކަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ އިއްޔެ ސްކްރީންކޮށްފަ އެވެ. އެޗްޕީއޭ އިން ލަފާދީފައިވަނީ ކުޅުންތެރިން ސްކްރީންކޮށް ޓެސްޓްތަކެއް ހަދާއިރު، އަލާމާތެއް ފެނިއްޖެނަމަ އެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށެވެ.
"އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭ އަށް އަންގައި ކޮވިޑް އަށް ޓެސްޓްކޮށްގެން އެ ގޮތަށް ކުރިއަށްދާން ނިންމީ،" ޖަވާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން ކުރިން އާންމުކުރި އުސޫލާ އެއް ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ބަލާއިރު އެއް ފަހަރާ މުޅި ޓީމު އެއްކޮށް ޕްރެކްޓިހެއް ނުކުރެވޭތީ އޭރު ވާހަކަ ދެކެވިފައި އޮތީ ސްކޮޑު ދެ ބަޔަށް ބަހާލައިގެން ކުރިއަށްދާ ގޮތަށެވެ. އެކަމަކު ދާދި ފަހުން އުސޫލަށް ގެނެވުނު ބަދަލާ އެކު އެއް ފަހަރާ އެއްވެ އުޅެވޭ މީހުންގެ އަދަދު 30 އަށް ބަދަލުވުމުން ގައުމީ ޓީމު އެކުގައި ޕްރެކްޓިސް ކުރެވޭގޮތްވީ އެވެ.
ގައުމީ ޓީމު މި އަހަރު ކުޅެން އޮތް ސާފް ސުޒުކީ ކަޕް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ކުރިން އޮތްގޮތުން އެ މުބާރާތް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްގެންދަން ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ގައުމީ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ދީފައިވާ ދެ ޓާގެޓަކީ ސާފް ސުޒުކީ ކަޕް ދިފާއުކުރުމުގެ އިތުރުން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ.
މިހާރު އޮތްގޮތުން ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އެހެން ބައެއް ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ވެސް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ކްރިކެޓާއި ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އިސްމާއިލް
06 July 2020
ކޮވިޑް ގެ ނުރައްކާ ބޮޑު އެކަމުވެސް ޕުރެކްޓިސް ނުފެށިގެން ، ކީކޭބާ މިކިޔަނީ
ތިރަށުއައްމަޑޭ
05 July 2020
ޕުރެކްޓިސް ތިވަރަށް ކުރާއިރު، މެޗަށް އަރާފަ ބޮޑު ބޯޅަ ދެން ލައިނުގަނެގެން ތެޅިފޮޅޭތަން ފެންނަނީ. ދެން ލައިވުކޮށް މެޗެއް ބަލާލަން ނުކެރެ ދަންނަ ނުދަންނަ އެނަލިސްޓުންގެ އަނގަޔާ ހެދީ.
ހުސޭނު.
05 July 2020
ތިއީ ޤައުމީ ޓީމެއްނޫން. ތިއީ މާލޭ ޓީމް. އހެންވެ މާލެއިން ބޭރު ރަށެއްގައި ތިޓީމް މެޗް ނުކުޅެނީ.
އޮނަރަބްލް އަފީފު ދީދީ
05 July 2020
ކޮންމެ އިންތިޙާބަކާއިދިމާކޮށް ނުވަތަ އިންތިޙާބު ކާމިޔާބުވުމުން ބައްސާމް ބުނާއަޑު އިވޭ "މުޅި ރާއްޖެ ހިމެނޭގޮތަށް ހޯމްއަވޭ އުސޫލުން ވަރަށް އަވަހަށް މުބާރާތް ބާއްވާނަން" ކަމަށް. # ޤައުމީ ޓީމް މުބާރާތަށް ފުރުމުގެ ކުރިން މިމަހު އައްޑޫގައި ކޭމްޕްކޮށް އަދި ޖުލައި 26 ގަ އައްޑޫ އިކްއިޓޯރިއަލް ސްޓޭޑިއަމް ގައި މާޒިޔާ ފަދަ ޓީމަކާއި ނުވަތަ ނޭޝަނަލް ސީނިއަރ ޓީމާއި ޖޫނިއަރ ޓީމް އެކުވެރިކަމުގެ ދައްކާލުމުގެ މެޗެއް ކުޅެ އަދި ފުރުމުގެ ކުރިން ހަނިމާދޫގައި ކޭމްޕްކުރަންވީނޫންތޯ؟
ގައްދޫ ފާތިންދިޔެ.
05 July 2020
ހަނިމާދޫ އަދި އައްޑޫގައި މުބާރާތް ބާއްވާ ނަމަ މާލެ އަށް ވުރެން ގިނަމީހުން މެޗްތައް ބަލާން ދާނެ. އަދި ޒުވާން ކުދިން ފުޓްބޯޅައަށް ޝައުގުވެރިވެ ފްޓުބޯޅަ ކުރިއަރާން ފުރުސަތު ލިބޭނެ.
ރަށުމީހާ.
05 July 2020
ރަށުމީހާ ވެސް ތިކަމަށް ތާއީދު ކުރަން. ޤައުމީ ޓީމް މިތަންތަނުގައި މެޗްތައް ކުޅުމާއި ކޭމްޕް ކުރުމަކީ ވަރަށް މުހިންމު ކަމެއް.