އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް އެއް ދަނޑެއްގައި

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އަލުން ފަށާއިރު، ރާއްޖޭގެ ދެ ކްލަބް ހިމެނޭ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.


އޭއެފްސީން މިދިޔަ މަހު ވީޑިއޯ ކޮންފަރެންސްކޮށް ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ދެ ޕްރޮޕޯސަލަކީ ކުރިން ކުޅޭ ގޮތަށް ހޯމް އެންޑް އަވޭ އުސޫލުކުން ކުރިއަށް ދިއުން ނޫނީ އެއް ގައުމަކަށް ހުރިހާ ޓީމުތަކެއް ގޮސްގެން އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް ކުޅޭ ގޮތަށެވެ. މިހާރު އޭއެފްސީން ނިންމާފައިވަނީ އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭ ގޮތަށް ކުރިއަށްދާށެވެ. އެ ގޮތުން ޓެންޓޭޓިވް ޝެޑިއުލެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

މިހާރު އޭއެފްސީން ނިންމާފައި އޮތީ އަންނަ އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށެވެ. މި ވަގުތު ހަދާފައި އޮތް ޝެޑިއުލަށް ބަލާއިރު، 13 ދުވަހު ތެރޭގައި ހުރިހާ ގްރޫޕް ސްޓޭޖުގެ މެޗެއް ނިމޭނެ އެވެ. ބާކީ ފަސް މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ ދެ މެޗެއްގެ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ.

ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ފަހަރު އޮތީ ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. މާޒިޔާ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ކޮލިފައިން ބުރު ކާމިޔާބު ކުރުމަށް ފަހު އެވެ. ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ޕްލޭއޮފް ބުރުގައި ވަނީ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު ކަޓުވާލައިފަ އެވެ.

ގްރޫޕް ސްޓޭޖް ޝެޑިއުލް ހަމަޖެހިފައިވާ ގޮތް:

- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)

- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)

- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)

- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)

- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)

އޭއެފްސީން މި ވަގުތު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެމްބަރު އެސޯސިއޭޝަންތަކަށް ހުޅުވާލައިފަ އެވެ. އަދި މި މަހުގެ ނިޔަލަށް ބެލުމަށް ފަހު މެޗުތައް ބާއްވާ ގައުމެއް އިއުލާނުކުރާނެ އެވެ.

އެފްއޭއެމްގެ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިހާރު އޮތްގޮތަށް ބަލާނަމަ އޭއެފްސީ ކަޕްގެ މެޗުތައް އޮންނާނީ ނިއުޓްރަލް ވެނިއުއެއްގައި ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރުގެ ކަންތައްތައް ފައިނަލް ވެގެންދާނީ އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމުތަކަށް ވެސް ލުއިވާނެ ގޮތަކަށް ބެލުމަށް ފަހު ކަމަށެވެ.

މި ފަހަރުގައި ގްރޫޕް ސްޓޭޖުގައި މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފަ އެވެ. ރަށުން ބޭރުގައި މާޒިޔާ އިން ވަނީ 2-2 އިން ޗެންނާއީއާ އެއްވަރުވެފަ އެވެ. ޓީސީ ކުޅުނު މެޗުން ބަޝުންދުރާ ދަނޑުގައި އެ ޓީމު އަތުން ބަލިވީ 5-1 އިންނެވެ. ބަޝުންދުރާގެ ކޯޗަކީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ދެން ފަށާއިރު ޓީމުތަކަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. އަލުން ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ދޭން އޭއެފްސީން ނިންމާފައިވާއިރު، ގިނަ ޓީމުތަކެއްގެ ބިދޭސީ ކުޅުންތެރިންނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. މި ފަހަރުގެ މުބާރާތަށް ބޮޑު ހަރަދުކޮށްފައި ނުކުތް ބަޝުންދުރާ ކިންގްސްގެ އޮފިޝަލަކު ދާދި ފަހުން ބަންގްލަދޭޝްގެ މީޑިއާ އަށް ބުނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ބިދޭސީ ކުޅުންތެރިންނަށް ކުރަން ޖެހޭ ހަރަދު ކުޑަކުރަން ޖެހިފައިވާތީ ގެންނާނީ ބަޖެޓަށް ބަލައިގެން އޭގެ ތެރެއަށް ފެތޭނެ ކުޅުންތެރިން ކަމަށެވެ. ބަޝުންދުރާގެ ކެޕްޓަން ކޮސްޓަ ރިކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް ވަނީ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމު ދޫކޮށްލައިފަ އެވެ.