ފުޓްބޯޅައަށް ޓަކައި މަޖިލީހަށް އެއްބާރުލުން ދޭނަން: ބައްސާމް

ފީފާ އާއި އޭއެފްސީއާ އެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފުނުވާ ގޮތަށް އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުރިހާ އެއްބާރުލުމެއްދޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އަދި އެފްއޭއެމްގެ ގާނޫނީ ވަކީލް މުހައްމަދު ޖައުޝަން ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އެކަމަކު އިންތިހާބު ވަނީ ބާއްވައިފަ އެވެ.

އެފްއޭއެމުން އިންތިހާބު ބޭއްވީ ފީފާ އާއި އޭއެފްސީ އަށް ދީފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިއުމަށާއި ފުޓްބޯޅައިން ރާއްޖެ ސަސްޕެންޝަންޑްކުރުމުން ސަލާމަތްކުރަން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެ އިންތިހާބު ކާމިޔާބު ކުރައްވައި އިތުރު ދައުރަކަށް މިހާރުގެ ރައީސް ބައްސާމް ވަނީ އިންތިހާބު ކޮށްފަ އެވެ. މިއަދުގެ ކޮމިޓީގައި ބައެއް މެމްބަރުން ވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމުން ބައްސާމަށް މަރުހަބާ ކިޔައިފަ އެވެ. އަދި މަޖިލީހުން އެއްވެސް އިރެއްގައި އިންތިހާބު ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އަލީ އާޒިމް ހުށަހެޅުއްވި ގަރާރުގައި ހިމެނޭ ކަންތައްތަކާއި މެމްބަރުން އަމިއްލަ އަށް ސާފުކުރަން ބޭނުންވި ބައެއް ކަންތައްތަކާ ބެހޭގޮތުން ބައްސާމް ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ. އަދި ކޮމިޓީ މެމްބަރުންގެ އެދޭ ގޮތާ އެއްގޮތަށް ގަރާރުގައި ހުރި ހުރިހާ ކަންތައްތައް އޮޅުން ފިލުވައިދޭން އެފްއޭއެމުން އަންނަ ހޯމަ ދުވަހުގެ ކުރިން ލިޔުމުން ކޮމިޓީ އަށް ހުރިހާ ޖަވާބެއް ފޮނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ބައްސާމް މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ މުއާހަދާތަކުގައި އޮތްގޮތުން އެފްއޭއެމްގެ މައްސަލަ އެއް މަޖިލީހަށް ބެލޭނެ ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު އުސޫލުގެ ތެރެއިން ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށެވެ. ބައްސާމް މިއަދު ވިދާޅުވީ ކޮމިޓީ އަށް މައްސަލަ އެއް ހުށަހެޅިއްޖެނަމަ އެ ބަލަން ޖެހޭނެ ކަމަށާއި އެއީ ކޮމިޓީ އަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި ކޮމިޓީ އަށް އެއްބާރުލުން ދޭނީ އޮންނަ އޫސުލުތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަރާތުން ވެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނަން. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ ކަންކަން ނުބެލޭނެއޭ ކިޔާފައި ގަދަބަސް ބުނެފައި ތިބޭކަށް. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުން އޮޅުންފިލުވަން އޮތް މައުލޫމާތެއް ސާފުކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ފުޓްބޯޅަ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުވުން. ދިވެހި ރައްޔިތުންނަށް ކޮށްދޭ ކަމެއް، (ދިވެހި) ފަސްގަނޑަށް ކޮށްދޭ ކަމެއް (މިއީ). އެ ގޮތުގައި އަޅުގަނޑުމެން ތިބޭއިރު ދިވެހި ރައްޔިތުން ތަމްސީލުކުރާ މެމްބަރުން ކަންކަން އޮޅުންފިލުވަން ބޭނުންނަމަ އަޅުގަނޑުމެން މި ތިބީ އެއްބާރުލުން ދޭން ތައްޔާރަށް،" ބައްސާމް ވިދާޅުވި އެވެ.

މި ގަރާރަކީ އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމްގެ އަމިއްލަ މަސްލަހަތެއް އޮވެގެން ކުރިކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރި ނަމަވެސް ބައްސާމް ވިދާޅުވީ އާޒިމް ކަމެއް އޮޅުންފިލުވަން ބޭނުންވެއްޖެނަމަ އެ ފުރުސަތު ވެސް އޮންނަންވާނެ ކަމަށެވެ.

"(އެކަމަކު) އަޅުގަނޑު ވަރަށް އުފާވީސް ސީދާ އެފްއޭއެމަށް ސިޓީ އެއް ފޮނުވައިގެން މި ޖަވާބުތައް ހޯއްދެވިނަމަ. އެއަށް ފަހު އަޅުގަނޑުމެންގެ ޖަވާބު ކަމުނުދާކަމަށްވާނަމަ އެހެން ގޮތްގޮތުން މި މަސައްކަތްކުރިނަމަ މި އަށް ވުރެން ތަންކޮޅެއް މަންޒަރު ރީތިވެގެންދާނެ ކަންނޭނގެ. އެ ބޭފުޅާ (އަލީ އާޒިމް) އޭރު (އެފްއޭއެމްގެ ރައީސަކަށް ހުރިއިރު) ކުރި މަސައްކަތަށް ފުޓްބޯޅަ އާއިލާގެ ނަމުގައި ޝުކުރު އަދާކުރަން،" ބައްސާމް ވިދާޅުވި އެވެ.

އާޒިމް ހުށަހެޅި ގަރާރުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެފްއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުވީ ފަހުން ތަފާތު އެކި ދުވަސްވަރު ހިންގާ ކޮމިޓީ އަށް ރަސްމީކޮށް އިންތިހާބުވި ބައެއް ފަރާތްތައް އެކިއެކި ސަބަބުތަކާ ހުރެ ހިންގާ ކޮމިޓީން އިސްތިއުފާ ދީފައިވެ އެވެ. އޭގެ ތެރެއިން ހުސްވި މަގާމްތަކަށް އެފްއޭއެމްގެ ހިންގާ ގަވާއިދު ބުނާ ގޮތަށް އެކިއެކި ފަރާތްތައް "އައްޔަން" ކޮށްފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

ބައްސާމް ވިދާޅުވީ ހިންގާ ކޮމިޓީ އަށް މެމްބަރު އައްޔަންކުރުމުގައި އަމަލުކޮށްފައިވަނީ އަސާސީ ގަވާއިދުގައިވާ ގޮތަށް ހިންގާ ކޮމިޓީ އަށް ލިބިދޭ ބާރުން ކަމަށާއި އައްޔަންކުރާ މެމްބަރުން މަގާމުގައި ދެމިހުންނަނީ އެންމެ އަވަހަށް އޮންނަ ކޮންގްރެސް އިން ވެސް އެކަން ފާސްކުރުމުން ކަމަށެވެ. އަދި މިކަން އޮޅުން ފިލުވައިދިނުމަށް ބައްސާމް ވަނީ މިސާލެއް ޖައްސަވައިފަ އެވެ.

"ކުޑަކޮށް ސިޔާސީ ގޮތެއްގައި އަޅުގަނޑު މީތި ގެނެވޭތޯ ބަލާދޭނަން. ނިމިދިޔަ ދައުރުގައި ތިން ނައިބު ރައީސުން ގައުމުގައި އައްޔަނުކުރެވިގެން ހިނގައްޖެ. އެ މަރުހަލާތައް ދިޔަ ގޮތަކީ ވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެކި އުޒުރުތަކައިގެން އެ ނައިބު ރައީސުންތައް ވަކިވެގެން ދިޔަޔަސް އަލުން މި ޖެހެނީ އެ ހުންނަ ރައީސަކު ނުވަތަ މަޖިލީހަށް މި ފޮނުވަނީ ނަމެއް ރުހުން ހޯދަން. އެ އަށް ފަހު މަޖިލީހުގެ ރުހުމާ އެކު އިންތިހާބު މި ވަނީ. އިންތިހާބެއްގައި މި އޮންނަނީ ރައީސާއި ނައިބު ރައީސެއްގެ ނަން. އޭގެ މާނަ އަކީ މުޅި ގައުމުގައި ރައްޔިތުން ވޯޓު މި ލަނީ ދެ ބޭފުޅަކަށް. ލާއިރުގައި އެއް ބޭފުޅަކު ވަކިވެގެން މިދަނީ. ދެން ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސް މި ކުރަނީ. ހަމަ އެ ކަހަލަ އުސޫލެއް އަޅުގަނޑުމެންގެ ގަވާއިދު ބުނާގޮތުން މި އޮތީ،" ބައްސާމް ވިދާޅުވި އެވެ.

ގަރާރުގައިވާ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުންތައް ގަވާއިދުން ބާއްވަމުންދޭތޯ ބުނާ މާއްދާއާ ބެހޭގޮތުން ބައްސާމް ވިދާޅުވީ އެގްޒެކްޓިވް ކޮމިޓީ މަހަކު އެއް ފަހަރު ބާއްވަން މަސައްކަތްކުރާއިރު ނުބޭއްވިއްޖެ ހާލަތެއްގައި އަސާސީ ގަވާއިދުގައި ބުނާގޮތަށް ހަދާފައިވާ އެމަޖެންސީ ކޮމިޓީ އަކުން ބަރާބަރަށް މަސައްކަތްކުރާ ކަމަށެވެ.

އެފްއޭއެމުން އެކި އެސޯސިއޭޝަންތައް އުފަންކޮށްފައި ނެތް މައްސަލައާ ބެހޭގޮތުން ބައްސާމް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ލިބުނު ޖަވާބަކީ ކުޅިވަރު ގާނޫނުގެ ތެރެއިން ވެސް އެއްވެސް އެސޯސިއޭޝަނަކަށް އިތުރު އެސޯސިއޭޝަންތަކެއް ހެދޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި މިއީ ކުޅިވަރު ގާނޫނަށް އިސްލާހު ގެނެސްގެން ކުރެވެން އޮތް ކަމަކަށްވާތީ މި ވަގުތު އެފްއޭއެމްގެ ކޮންގްރެސްގައި މެމްބަރު ކްލަބްތަކުގެ ވޯޓުން ނިންމާފައި އޮތީ ކުޅިވަރު ގާނޫނަށް މި ބަދަލު ގެނެވި އެ އެސޯސިއޭޝަން ހެދޭނެ ގޮތެއް މަގުފަހިވަންދެން އެ މާއްދާ އަށް އަމަލުނުކުރާ ގޮތަށް ބޭއްވުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ފޯރި މިހާރު ގެއްލިފައި އޮތީ ކީއްވެގެންތޯ އެކަމާ ބެހޭ ގޮތުން އެއްވެސް ދިރާސާ އެއް އެފްއޭއެމުން ކުރަމުންދޭތޯ މެމްބަރަކު ކުރި ސުވާލުގެ ޖަވާބުގައި ބައްސާމް ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގައި އެކަމާ ބެހޭ ދިރާސާ އެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިހާތަނަށް ހޯދުނު އެކި ހޯދުންތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފުޓްބޯޅަ ފޯރި ގެއްލެން ދިމާވި ތިން ކަމެއް ބައްސާމް ހިއްސާކުރެއްވި އެވެ. އެއީ އެހެން ކުޅިވަރުތައް ވެސް ފުޓްބޯޅައާ އެއް ހިސާބަށް އަންނަން ކުރާ މަސައްކަތާއި ސިޔާސީ މަސްރަހުގެ ސަބަބުން އައި ބަދަލުތަކާއި ކުރިން ފޯރިގަދަކޮށް ކުރިއަށްގެންދިޔަ މުބާރާތްތައް ހުއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމާ ބެހޭގޮތުން ވަރަށް ގިނަ ތޯތޯ ވާހަކަތައް އާންމުންގެ މެދުގައި ދެކެވޭ ކަމަށާއި ޔަގީންކަމާ އެކު އަބަދުވެސް ބުނަން ކެރޭ އެއް ވާހަަކަ އަކީ އެފްއޭއެމަކީ ކޮރަޕްޝަނުގެ ނުބައި އާދައިން ސަލާމަތްވެފައި އޮންނަތަނެއް ކަމަށެވެ.

"ކަމެއް ގޯސްކޮށް ދަންޏާ ބެލުން އެއީ ރަނގަޅުކަމެއް. ފާރަވެރިވާ ބަޔަކު ވެސް ތިބެންޖެހޭ. މުޅިތަން އަޅުގަނޑު ހިތުހުރި ގޮތަކަށް ގެންދާކަށް އަޅުގަނޑު ވެސް ބޭނުމެއް ނޫން. ބޭނުން ގޮތަކަށް އަޅުގަނޑުމެން ދޫވެފައި ތިބޭކަށް. އަޅުގަނޑުމެން ބޭނުންވަނީ ގާނޫނުތަކާއި ގަވާއިދުތަކަށް އޭއެފްސީ އަދި ފީފާގެ ސްޓެޓިއުޓްސްތަކާ ވެސް އެއްގޮތަކަށް ދިއުން ބޭނުމީ،" ބައްސާމް ވިދާޅުވީ އެވެ.

އެފްއޭއެމްގެ ވަކީލު ޖައުޝަން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުންވެވިފައިވާ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނުތަކާއި އެ ހުރިހާ ކަމަކަށް ބަލާއިރު މަޖިލީހުން އެފްއޭއެމް ފަދަ ކުޅިވަރު އެސޯސިއޭޝަނެއްގެ މައްސަލައެއް ބަލާއިރު ވަރަށް ގިނަ ކަންތައްތަކެއް ސާފުވެފައި އޮންނަން ޖެހޭ ކަމަށެވެ. ޖަވާބުގައި އިޖުތިމާއީ ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ މަޖިލީހަށް މައްސަލައެއް ހުށަހެޅޭ ހިނދު އެއީ މަޖިލީހަށް ބެލޭނެ މައްސަލައެއްތޯ މަޖިލީހުގެ ގާނޫނީ ފަރާތްތަކުން ވެސް ސާފުކުރާނެ ކަމަށާއި މަޖިލީހަށް ނެތް ބާރެއްގެ ބޭނުން ނުކުރާނެ ކަމަށެވެ. އެ ގޮތުން އެފްއޭއެމްގެ މި މައްސަލައިގައި ކުރިއަށް ދާއިރު ވެސް ގާނޫނީ ގޮތުން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާނެ ކަމަށް އީސަ ވިދާޅުވި އެވެ.

އެ ގަރާރާ ބެހޭ ގޮތުން އިއްޔެ ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވަނީ ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.