އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ޖުލައި 2020 - 12:10
ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އެއް ދަނޑެއްގައި އަލުން ފަށާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ހޯސްޓްކުރަން އެފްއޭއެމުން ބިޑްކުރަން ނިންމައިފި އެވެ.
އޭއެފްސީން މިދިޔަ މަހު ވީޑިއޯ ކޮންފަރެންސްކޮށް ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ދެ ޕްރޮޕޯސަލަކީ ކުރިން ކުޅޭ ގޮތަށް ހޯމް އެންޑް އަވޭ އުސޫލުކުން ކުރިއަށް ދިއުން ނޫނީ އެއް ގައުމަކަށް ހުރިހާ ޓީމުތަކެއް ގޮސްގެން އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް ކުޅޭ ގޮތަށެވެ. މިހާރު އޭއެފްސީން ނިންމާފައިވަނީ އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭ ގޮތަށް ކުރިއަށްދާށެވެ. އަދި މި މަހުގެ ނިޔަލަށް މެޗުތައް ހޯސްޓް ކުރުމަޑް ބިޑް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. މީގެ ތެރެއިން އެއްވެސް ގައުމެއްގައި ނުބޭއްވިއްޖެ ނަމަ އެހެން ނިއުޓްރަލް ދަނޑެއްގައި ކުޅެން އޭއެފްސީން ނިންމާނެ އެވެ.
"މިހާރަ"ށް އެނގިފައިވާ ގޮތުގައި ބަންގްލަދޭޝް އިން މި އަހަރު ތެރޭގައި ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗުތައް ހޯސްޓްކުރަން އެ ގައުމުގެ ސަރުކާރުގެ ރުހުމެއް ނެތެވެ. އެހެންވެ އެ ގައުމުގައި ބާއްވަން ނިންމާފައި އޮތް ސާފް ސުޒުކީ ކަޕާއި އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތް ވެސް ވަނީ ފަސްކޮށްފަ އެވެ. ދެން މި ގްރޫޕްގައި އޮތް ޗެންނާއީ ސިޓީ ނިސްބަތްވާ އިންޑިއާ އަށް ލިބިފައިވާ ހޯސްޓްކުރުމުގެ ފުރުސަތު ބޭނުންކުރުމާ މެދު ވަކިގޮތެއް ނުނިންމަ އެވެ.
ރާއްޖޭގެ ދެ ކްލަބް މި ގްރޫޕްގައި އޮތުމާ އެކު ގްރޫޕް ސްޓޭޖު މެޗުތައް ހޯސްޓްކުރަން ރާއްޖެ އަށް ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި އެ ފުރުސަތު ލިބޭނެ ގޮތެއް އޮތްތޯ ބަލައި އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެ ފުރުސަތު ލިބިއްޖެނަމަ ރާއްޖޭގެ ޓީމެއް އަނެއް ބުރަށް ދިއުމަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރަން ބަލާއިރު މި ވަގުތަށް ވެސް ކުރަން ޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ގަލޮޅު ދަނޑުގެ ލައިޓިން ރަނގަޅު ކުރުމުގެ މަސައްކަތެވެ. އެންމެ ފަހުން އޭއެފްސީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން އެނގުނު ގޮތުގައި އެ އިދާރާ އިން ހިންގާ މުބާރާތުގެ މެޗުތައް ބޭއްވޭވަރަށް ދަނޑުގެ ލައިޓިން ރަނގަޅެއް ނޫނެވެ. އެހެން ކަމުން އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖެ ގެންނަން ބަލާއިރު އެކަން ރަނގަޅުކުރަން ޖެހޭނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އޭއެފްސީ ކަޕްގެ ބިޑްގެ ކަންތައްތަކާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓްރީ އަށް ލިޔެކިޔުންތައް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭ ގޮތަށް އޮތްއިރު ގަލޮޅު ދަނޑުގެ އިތުރުން ދެ ވަނަ ދަނޑެއްގައި ކުޅެން ޖެހޭ މެޗު ރާވަން ބަލާނީ އައްޑޫ ސިޓީގައި ކަމަށެވެ.
މިހާރު އޭއެފްސީން ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭނެ އެވެ. މި ވަގުތު ހަދާފައި އޮތް ޝެޑިއުލަށް ބަލާއިރު، 13 ދުވަހު ތެރޭގައި ހުރިހާ ގްރޫޕް ސްޓޭޖުގެ މެޗެއް ނިމޭނެ އެވެ. ބާކީ ފަސް މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ ދެ މެޗެއްގެ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މާޒިޔާ އާއި ޗެންނާއީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީސީ ވަނީ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވެފަ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ދެން ފަށާއިރު ޓީމުތަކަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. އަލުން ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ދޭން އޭއެފްސީން ނިންމައިފަ އެވެ.
- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)
- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)
- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)
- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)
- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައަހުމަދު
12 July 2020
ވަރައް ރަނގަޅު ކަމެއް
އޮނަރަބްލް އަފީފު ދީދީ
10 July 2020
މިދުވަސްވަރު ބިދޭސިން ޙަރަކާތްތެރިވަމުންދާގޮތަށް ބަލާއިރު "ތިޔަ މެޗްތައް މާލެ ނުވަތަ ހުޅުމާލޭގައި ކުޅުމަކީ ރައްކާތެރިކަމެއްނޫން" ކަމުގައި ދެކެން. # އެހެން ކަމުން ހަނިމާދޫ ނުވަތަ އައްޑޫސިޓީގައި މެޗްތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާ ބޭރުގެ އެހެން ޤައުމު ތަކުންވެސް ކަންކުރާގޮތަށް މެޗްތަކުގެ ސަބަބުން އެހެން ސަރަހައްދަށް ކުރިއެރުން ލިބޭގޮތަށް މާލެއިން ބޭރުގައި މެޗްތައް ބާއްވާ.
ޙަސަަނަސ
09 July 2020
މިހާރު ތީ ނުވެފަ އޮތް ކަމަކީ. މިއެޅެނި ބޮޑު ބަލިމަޑު ކަމެއްގަ އެންމެން.
އިޔެ1
09 July 2020
އޭއެފްސީ ކަޕް ކޭކަކީ ހަވީރު ސަޔަށް ނުވަތަ ހެނދު ސަޔަށް ކެވޭނެ އެއްޗެއްދޯ؟ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ބަނޑަށް ޖެހިފަ. 100 އަހަރު ތެރޭގައި ދުނިޔެއަށް އަންނާނެ އެންމެބޮޑު ތަދުމަޑުކަން ކަމައް މާހިރުން އެބަވިދާޅުވޭ.