ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ޗައިނާ މެޗުގެ ކުރިން ގައުމީ ޓީމު ކަރަންޓީންވާން ޖެހިދާނެ

މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗައިނާގައި މި އަހަރު ފަހުކޮޅު ކުޅެން ހަމަޖެހިފައިވާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާ ސަރުކާރުން ބޭނުންވަނީ މެޗު ކުޅެން އެ ގައުމަށްދާ ޓީމުތައް ކަރަންޓީނު މުއްދަތެއް ފުރިހަމަކުރާށެވެ. އެހެންވެއްޖެ ނަމަ އޮކްޓޫބަރު 8 ގައި ޗައިނާގައި އެ ގައުމާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ގައުމީ ޓީމު ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސްޕޯޓްސް (ގޭސް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވިފައިނުވާތީވެ، މި އަހަރު އެ ގައުމުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ނޯންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފޯމިއުލާ ވަން ރޭސްތަކާއި ޓެނިސް މުބާރާތްތައް ހިމެނެ އެވެ. އެކަމަކު ޗައިނާ ގައުމީ ޓީމު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ބާއްވަން ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ޗައިނާ އަށް ބާކީ ހަތަރު މެޗެއް އެބައޮތެވެ. އޭގެ ތެރެއިން ތިން މެޗެއް ކުޅެން އޮތީ ޗައިނާގަ އެވެ. ކޮލިފައިންގައި އެންމެ ފުރަތަމަ ޗައިނާގައި އެ ގައުމު ކުޅޭނީ އޮކްޓޫބަރު އަށް ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށެވެ. އޭގެ ފަހުން އޮކްޓޫބަރު 13 ވަނަ ދުވަހު ރަށުންބޭރުގައި ގުއާމާ ދެކޮޅަށް ޗައިނާ ކުޅޭނެ އެވެ. އަދި ފަހު ދެ މެޗު ޗައިނާގައި ކުޅޭ ގޮތަށް އޮތްއިރު، ނޮބެމްބަރު 12 ގައި ފިލިޕީންސާ ބައްދަލުކުރުމަށް ފަހު ނޮބެމްބަރު 17 ގައި ސީރިއާއާ ކުޅޭނެ އެވެ. ކޮލިފައިން ގްރޫޕް ކާމިޔާބު ކުރަން ޗައިނާ އަށް އަމިއްލަ ދަނޑުގައި ކުޅޭ ހުރިހާ މެޗަކުން މޮޅުވާން ޖެހެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ފިލިޕީންސަށް ހަތް ޕޮއިންޓް ހަމަކުރެވުނީ ފަސް މެޗުންނެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޗައިނާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގޭސް އިން ވަނީ ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ގައިޑްލައިންތަކެއް ހަދަން މަޝްވަރާތައް ފަށައިފަ އެވެ. ޗައިނާ ސަރުކާރުން ވެސް ބޭނުންވަނީ ކޮލިފައިން މެޗުތަށް ޗައިނާގައި ބޭއްވޭނެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އެކަމަކު ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކުރަން ވަނީ ނިންމައިފަ އެވެ.

މިހާރު އޮތްގޮތުން ޗައިނާގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ޝެންޔަންގަ އެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން އޮތް ރާއްޖޭގެ ހޯމް މެޗު ކުޅުނީ ޝެންޔަންގަ އެވެ. އެ ފަހަރު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެގެން ރާއްޖޭގެ ހޯމް މެޗު ވެސް ޗައިނާ އަށް ބަދަލުކުރީ އެވެ. ޝެންޔަން އޮލިމްޕިކް ސެންޓަރުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު އަށް ވަނަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ.

މި ފަހަރުގެ ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ހޯމް މެޗުން ޗައިނާ މޮޅުވީ 5-0 އިންނެވެ. ޗައިނާގެ ހޯމްގައި ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ރާވާފައި އޮތީ މާޗް 26 ވަނަ ދުވަހު އެވެ. އޭރު ޗައިނާގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައި އޮތުމުން އެ މެޗު އޭރު ސަޕޯޓަރުން ނުވައްދައި ކުޅެން ރޭވީ ތައިލެންޑުގެ ބުރިއަމް ޕްރޮވިންސްގައި ހުންނަ 32،600 މީހުންގެ ޖާގައިގެ ޗޭންގް އެރީނާގަ އެވެ. އެކަމަކު ފަހުން ކޮވިޑް-19 މާ ބޮޑަށް ފެތުރެން ފެށުމުން ކޮލިފައިން ހުރިހާ މެޗެއް ފަސްކުރީ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454