ލީގު މުޅި ރާއްޖެ އަށް ފުޅާކުރުން: ސުޒޭންގެ އުއްމީދު ބޮޑު

ދުރު މުސްތަގުބަލަކަށް ބަލާއިރު ދިވެހި ފުޓްބޯޅަ ދެން ކުރިއަށްދާނީ އަތޮޅުތަކަށް ރާއްޖޭގެ އެންމެ ބޮޑު ލީގު ގެންގޮސްގެން މުޅި ރާއްޖޭގައި، މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެގެން ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ހޯމް އެންޑް އަވޭ ސިސްޓަމަށް ކުރިއަށް ގެންދިއުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ. ބައްސާމް ވިދާޅުވީ އެ މަސައްކަތްކުރަން އެކުލަވާލާ ޕްލޭނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ސުޒޭނާއި އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަލީ އުމަރު ކަމަށެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމް ގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ލީގު ކުރިއަށް ގެންދިއުމަކީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުރުން މުޅި ފުޓްބޯޅަ އާއިލާގެ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

"ހަމަ އެކަނި މާލޭގެ ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅެލުމުގެ ބައި މިހާރު ނިންމާލާފައި މުޅި ގައުމަށް ފެތުރިގެންދާން ޖެހިފައި މި އޮތީ. އެ އުއްމީދުތައް ހާސިލްކުރުމަށް ޕްލޭންތަކެއް އެބަހުރި. އޭގައި އަޅުގަނޑުގެ އެހީތެރިކަން ދެވެން ހުރި ހުރިހާ ގޮތަކުން ދެމުން މިދަނީ." ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ބުންޏެވެ.

އޭނާ ބުނީ އަލީ އުމަރު އެންމެ އިސްކޮށް ހުންނެވި ނަމަވެސް މި ޕްލޭންގެ ކަންތައްތަކަށް ފުޓްބޯޅައިގެ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މީގެ އެންމެ މުހިއްމު އެއް ބަޔަކީ އަތޮޅުތަކުގައި ތިބި ފުޓްބޯޅައިގެ އެންމެ އިސް ފަރާތްތަކުގެ ބައިވެރިވުން ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

"އަޅުގަނޑުމެން ދެ މީހުން ނޫނިއްޔާ އެފްއޭއެމްގެ ރައީސާއި އަޅުގަނޑާއި ޖަވާ (ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް)އާ ދެތިން މީހަކު ވެގެން ނިންމާނެ ކަމެއް ނޫން މިއީކީ. އެ އަށް ވުރެ ބޮޑަށް ފުޓްބޯޅަ އާއިލާ ހިމެނޭ ގޮތަށް އެންމެންގެ ހިޔާލާއި މަޝްވަރާ ވެސް ލައިގެން (ކުރިއަށްދާނީ). އަދި ހާއްސަކޮށް މި ކަމުގައި ހިމެނޭ ހަމަ އަތޮޅުތަކުގެ ފުޓްބޯޅައިގެ އެންމެ އިސް ފަރާތްތަކާ ހަމަ ފޭސް ޓު ފޭސް މަޝްވަރާކުރެވިގެން ނޫނީ އަޅުގަނޑުމެން މި ޝެޑިއުލެއް ނުނެރޭނަން،" ސުޒޭން ބުންޏެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. އެ އަމާޒުގައި ސަރުކާރުގެ ހަރަދުގައި މި ފަސް އަހަރު ތެރޭ 100 ދަނޑު އަޅަން ވަނީ އަމާޒުހިފައިފަ އެވެ. އަދި އެފްއޭއެމުން ވެސް ގިނަ ދަނޑުތަކެއް އަޅަން ވަނީ ނިންމައިފަ އެވެ. ސުޒޭން ބުނީ އަތޮޅުތަކުގެ ފުޓްބޯޅައިގެ އިސް މީހުންގެ ކިބައިން އޭނާ އެ ދެނީ މި ދަނޑުތައް ރަނގަޅަށް ބަލަހައްޓައި މުޅި ރާއްޖެ އަށް ލީގު ގެންދެވޭ ހާލަތަށް ތައްޔާރުވެ ތިބުމަށް ކަމަށެވެ.

"އަޅުގަނޑު އެދެނީ ހަމަ އެ ތަނެއްގައި އެ ހެދޭ ސްޓޭޑިއަމެއްގައި ނޫނީ ސަރުކާރުން ވެސް ދަނޑުތަކެއް އެބަ އަޅުއްވާ އެފްއޭއެމުން ވެސް ދަނޑުތަކެއް ތަރައްގީ ކުރާނެ. އެ ހުރިހާ ތަނެއް ވެސް ރަނގަޅަށް ބަލަހައްޓާ އަޅުގަނޑުމެން މި ޗެމްޕިއަންޝިޕް ދާން ވާއިރަށް ކޮންމެ އަތޮޅެއްގައި ވެސް ދެތިން ހަތަރު ތަނެއްގައި ބޭނުން ގޮތަކަށް ކުޅެލެވޭ ގޮތަށް ތަރުތީބު ވެގެން ދިއުން އުއްމީދަކީ،" ސުޒޭން ބުންޏެވެ.

މީގެ ކުރިން ވެސް އެފްއޭއެމްގެ އެކި ލީޑަޝިޕްތަކުގެ ދައުރުގައި މުޅި ރާއްޖެ އަށް ފުޅާކޮށްގެން ލީގު ކުރިއަށްގެންދިއުމުގެ ވާހަކަތައް ދެކެވުނެވެ. އެކަމަކު އެކަމަށް އަމަލީ ސިފައެއް އައިސްފައިނުވަތީ ގިނަ ބަޔަކަށް އަދިވެސް މި ވާހަކަތައް ގަބޫލުކުރެވޭގޮތް ނުވެ އެވެ. ސުޒޭން ބުނީ ފުޓްބޯޅައިގައި ފަހަކަށް އައިސް އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމްގެ ފަރާތުން ގިނަ ޕޮޒިޓިވް ކަންތައްތަކެއް ފެންނަ ކަމަށާއި ތަރައްގީގެ މުހިއްމު ކަންތައްތަކާ ގުޅޭ ވައުދުތައް ވެސް ފުއްދަމުން އަންނަ ކަމަށެވެ. އެ ވިސްނުމުގައި ބަލާއިރު މިހާރު އޮތް ލީޑަޝިޕަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބިއްޖެނަމަ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ލީގު ބޭއްވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"އެފްއޭއެމްގެ ކޮމިޓްމަންޓްތައް މިހާރު ރަނގަޅަށް އެބަ އަދާކުރޭ. އެހެންވީމަ އުއްމީދުތަކެއް އެބަހުރި މިކަން (މުޅި ރާއްޖޭގައި ލީގު ކުޅުން) ވެސް ކުރެވޭނެ ކަމަށް. ފީފާ އާއި އޭއެފްސީގެ ފަންޑިން ސަޕޯޓާ އެކު އުއްމީދުކުރަނީ 2023 ގައި މި މުބާރާތް ކިކް އޮފް ކުރެވޭނެ ކަމަށް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ފުޓްބޯޅައިގެ ތަރައްގީގެ މަސައްކަތްތައް ފުރިހަމަކުރުން ކަމަށާއި އެކަން ނުކޮށް ދޫކޮށްލެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި މިކަމުގައި ފުޓްބޯޅައިގެ ހުރިހާ އެންމެންގެ ބައިވެރިވުން ނުލިބި ނުކުރެވޭނެ ކަމަށާއި ހިޔާލު ތަފާތުވުންތައް ހުރިކަމުގައިވާނަމަ އެ އަށް ވެސް ހައްލެއް ލިބޭނީ އެކުގައި މަސައްކަތްކޮށްގެން ކަމަށް ސުޒޭން ބުންޏެވެ.