ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާ ޖާޒީ ހިފައިގެން.-- ފޮޓޯ: މާޒިޔާ
21 ޖުލައި 2020 - 17:04
މި އަހަރުގެ އޭއެފްސީ ކަޕާއި ކުރިއަށް އޮތް ސީޒަނަށް މާޒިޔާގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފި އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދޫކޮށްލަން ނިންމައި މާޒިޔާ އިން މީޑިއާގައި ބުނީ އެ ޓީމާ ދެން ހަވާލުވާނީ ދިވެހި ކޯޗެއް ކަމަށެވެ. ނިޒާމްބެ އަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކޮށްދޭ ތިން ވަނަ ދިވެހި ކޯޗެވެ. ނިޒާމްބެގެ ކުރިން މާޒިޔާއާ އަށް އިރުޝާދުދިން ދެ ދިވެހި ކޯޗުންނަކީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭން އެވެ.
ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ. ނިޒާމްބެ އަކީ ސަރަހައްދުގެ ވަރުގަދަ ލީގެއްގައި ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗަށެވެ. ސައިފްއާ އެކު ނިޒާމްބެ ނުކުތީ އެންމެ މުބާރާތަކަށެވެ. ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ސައިފް ކެޓުމާ އެކު މެނޭޖްމަންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ނިންމީ ކޮންޓްރެކްޓް އުވާލާށެވެ.
ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮކްޓޫބަރު މަހު 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ، އެ ޓީމު ގޮވައިގެން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ބިނާކުރުމުގެ މަސައްކަތް ފެށި އެވެ. އެ ޓީމު ގޮވައިގެން މުބާރާތްތަކުގައި ވެސް ވާދަކުރި ނިޒާމްބެ އެ ޓީމު ދޫކޮށްލީ ސައިފުން ފުރުސަތު ލިބުމުންނެވެ.
ދެ ވަނަ ޑިވިޝަނުން 2014 ވަނަ އަހަރު ޓީސީ ޕްރޮމޯޓްކޮށްދީ އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްދިނުމުގައި ނިޒާމްބެގެ ދައުރު ބޮޑެވެ. ރަނގަޅު ނަތީޖާތަކެއް މުބާރާތްތަކުގައި ނެރުމުގެ އިތުރުން ރިސްކު ނަގައި ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ތަނަވަސްކޮށްދީ އެ ކުޅުންތެރިން ގައުމީ ޓީމާ ހަމައަށް ގެނެސްދިނުމުގައި މުހިއްމު ރޯލެއް ކުޅުނެވެ.
ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ވަނީ ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް ކޯޗެއްގެ ގޮތުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ވިޔަންސާ އާއި ލ. ކަލައިދޫގައި ހޭދަކުރި ދުވަސްތައް ހިމެނެ އެވެ.
މާޒިޔާއާ ހަވާލުވެ ނިޒާމްބެ އަށް އޮތް ފުރަތަމަ ޗެލެންޖަކީ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ މެޗުތަކެވެ. ނިޒާމްބެގެ ކުރީގެ ޓީމު ޓީސީގެ އިތުރުން އެ ގްރޫޕްގައި ދެން އޮތީ ނިއުރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން އޮސްކާ ބްރުޒޮން މިހާރު އިރުޝާދުދޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.
ނިޒާމްބެ މީގެ ކުރިން ޓީސީ ގޮވައިގެން އޭއެފްސީ ކަޕަށް ޕްރޮމޯޓްވާން 2018 ވަނަ އަހަރު ކުރި މަސައްކަތް ނާކާމިޔާބުވީ ޕްލޭއޮފްގައި ބެންގަލޫރު އަތުން ބަލިވުމުންނެވެ. މާޒިޔާ މި ފަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ސެކުލޮސްކީގެ ކޯޗުކަމުގައި ޕްލޭއޮފްގައި ބެންގަލޫރު ކަޓުވާލުމަށް ފަހު އެވެ. މާޒިޔާ އިން މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް ރަނގަޅު ޓީމެއް އެކުލަވާލާފައި އޮތްއިރު، އެ ޓީމުގައި ނިޒާމްބެއާ އެކު ޓީސީގައި ކާމިޔާބީ ހޯދި ގިނަ ކުޅުންތެރިން ހިމެނެ އެވެ.
މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން އެ ޓީމުން ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ކާމިޔާބީ އަކީ އިންމަގެ ކޯޗުކަމުގައި 2012 ވަނަ އަހަރު ހޯދި އެފްއޭ ކަޕް އެވެ. އޭގެ ފަހުން ސުޒޭންގެ ކޯޗުކަމުގައި ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އެވެ. ސެކުލޮސްކީ ހަވާލުވި ފުރަތަމަ ފަަހަރު 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރި އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy