ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރަން ކޯޓުން އަމުރެއް ނުދިން

މާދަމާ ބާއްވަން ތާވަލު ކޮށްފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްދިނުމުގެ އަމުރަކަށް ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އެދުނަސް ސިވިލް ކޯޓުން އެ އަމުރެއް ނުދިނެވެ.


އަލިބެގެ ޓީމުގެ ފަރާތުން ޓީޓީ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަނީ ޣިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމެވެ. އަނެއްކޮޅުން ވާދަކުރައްވަނީ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.

އަލިބެ އަކީ މިހާރުގެ ހިންގާ ކޮމިޓީގެ މެމްބަރެއްގެ އިތުރުން ތޯހާގެ ޓީމުގެ ފަރާތުން ވާދަކުރާ މެމްބަރެކެވެ. އިންތިހާބުގައި ދެން ވާދަކުރާ މުހައްމަދު ޖަލާލް ނަން އަނބުރާ ނަގާފައިވާ ކަމަށް ވަނީ މީޑިއާގައި ބުނެފަ އެވެ.

އަލިބެ އެދުނު ގޮތަށް އަމުރު ނުދިނުމުގައި ސިވިލް ކޯޓުން ގިނަ ކަންތައްތަކެއް ފާހަގަކުރި އެވެ.

އޭގެ ތެރެއިން ފާހާގަކުރި މައިގަނޑު ކަންތައްތަކަކީ ޝަރީއަތުގެ މަރުހަލާތަކަކީ ދިގުދެމިގެންދާ އަދި ގިނަ ދުވަސްތަކެއް ވެގެން ހިނގައިދާނެ މަރުހަލާތަކެއް ކަމަށް ވާއިރު، ވަގުތީ އަމުރު ރައްދުވާ ފަރާތަށް އިންތިޚާބެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވާ ނަމަ، އޭގެ ސަބަބުން ޓީޓީ އެސޯސިއޭޝަނުގެ އެންމެހައި މެންބަރުންގެ ހައްގުތައް ގެއްލޭނެ ކަމެވެ. އަދި ވަގުތީ އަމަރު ނެރުމުން، ޓީޓީ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށް ގަބޫލު ކުރެވޭއިރު، އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށް ވުރެ ވަގުތީ އަމުރު ނެރުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުން މި ހާލަތުގައި ބޮޑު ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް ބުނެފައި ވެ އެވެ. މި ފަދަ ގިނަ ކަންކަމަށް ބަލާއިރު ވަގުތީ އަމުރެއް ނެރެންޖެހޭނެ ތަނެއް ނެތްކަން ޝަރީއަތުގެ ހަމަތަކުން އެނގެން އޮތް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިއީ، ސިއްހީ ކުއްލި ނުރައްކާ އިއުލާން ކޮށްފައިވާ ދުވަސްވަރަކަށް ވާތީ، ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދައާ އެކު، ގައިޑްލައިންތަކުގެ ތެރެއިންނެވެ. މާދަމާ ގަލޮޅު ދަނޑުގައި މެންދުުރު ފަހުން ބާއްވަން ނިންމާފައިވާ މި އިންތިހާބުގައި 15 ކްލަބަކުން 272 މެމްބަރުން ވޯޓު ލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޯޓުގައި މައްސަލަ ކުރިއަށް ގެންދާ ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ

ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ޓީީޓީގެ މައްސަލަ ކޯޓުން ބަލާ ނަމަ ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދީފައިވާ ކަމަށެވެ. އެކަމަކު، އެކަން އަލިބެ ދޮގުކުރެ އެވެ.

އަލިބެ ބުނީ، އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި މިކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑު ވެދާނެ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

އޭނާ ބުނިގޮތުގައި، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އައިޓީޓީއެފަށް، ތަފްސީލްކޮށް ހިއްސާކޮށް އެ ފަރާތުން މިކަމުގައި ދެކޭ ގޮތް ސާފުކުރި އެވެ. އަދި އައިޓީޓީއެފްގެ ރައީސްގެ ފަރާތުން އެސޯސިއޭޝަނާއި ރައީސަށް ކޮޕީކޮށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އިންތިހާބުގެ ކަންކަމަކީ ރާއްޖޭގެ އެތެރޭގެ ކަމެއް ކަމަށެވެ. އައިޓީޓީއެފްގެ ރައީސާއެކު، ކުރި މުއާމަލާތްތަކުގައި އިންތިހާބުގެ ކަންކަމާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅައި ކޯޓުން ގޮތެއް ނިންމުމުމަކީ އައިޓީޓީއެފުން އެސޯސިއޭޝަނާ މެދު ފިޔަވަޅެއް އަޅާނެ ކަމެއް ނޫން ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށް އަލިބެ ބުނެފައިވެ އެވެ. ރާއްޖެ ސަސްޕެންޑްކުރާ ވާހަކަ އައިޓީޓީއެފްގެ ސިޓީގައި ނެތް ކަމަށް އަލިބެގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ވަކީލު ހަސަން ލަތީފް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޓީޓީ އެސޯސިއޭޝަނުގެ ވަކީލް މުހައްމަދު ޖައުޝަން ޝަރީފް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަލިބެގެ ފަރާތުން ދައްކަނީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އައިޓީޓީއެފްގެ ފަރާތުން މިއަދު އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި ސާފުކޮށް ބަޔާންކޮށްފައި ވަނީ ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދާ ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެކަން ކަމަށެވެ. އެ ސިޓީ ޓީޓީ އެސޯސިއޭޝަނުން ވަނީ މީޑިއާ އަށް ހިއްސާކޮށްފަ އެވެ.

"ވަކި ގޮތަކަށް ވަކި ބަހެއް މާނަ ކުރުމެއް ނޫން. އައިޓީޓީއެފް އިން މިއަދު ފޮނުވި ސިޓީގައި އެ ފާހަގަކޮށްފައިވަނީ ހަމަ ވަރަށް ސަރީހަ އިބާރާތުން. ކޯޓުގައި މިހާރު އޮތް މައްސަލަ ކުރިއަށް ދާ ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެކަން އެ އޮތީ އަންގާފައި،" ޖައުޝަން ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބާ ދެކޮޅަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި އެ ފަރާތުން ވެސް ނިންމާފައިވަނީ އުސޫލާ ހިލާފު ކަމެއް ހިނގާފައިނުވާ ކަމަށެވެ. ޓީޓީ އިންތިހާބު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވިޔަނުދޭން ކޯޓަށް ހުށަހެޅި މައްސަލައިގައި އިންތިހާބު ފަސްކުރަން ކޯޓުން ވަގުތީ އަމުރެއް ނެރެނުދޭން ނިންމުމުން އެނގިގެންދާ ކަމަކީ ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް ރަނގަޅުކަން ކަމަށް ޖައުޝަން ފާހަގަކުރެއްވި އެވެ.