ސާއިދު (ކ) އާއި ދަގަނޑޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކަސްރަތުކުރަނީ.
14 ސެޕްޓެމްބަރ 2020 - 07:26
ކޮވިޑުގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތައް މެދުކެނޑިފައިވާތީވެ ފިޓްނަސް ހިފެހެއްޓުމަށްޓަކައި އަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭ ގޮތަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންތަކެއް ގައުމީ ސްޕްރިންޓް ކޯޗު އަހުމަދު ފާއިލް ގާތުން ތަމްރީންތައް ހަދަން ފަށައިފި އެވެ.
ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ރާއްޖޭގެ ހަސަން ސާއިދާ އެކު އޭނާގެ ކޯޗުގެ ތަމްރީންތަކުގައި ބައިވެރިވަނީ ދަގަނޑޭ އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ކުރީގެ އިތުބާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި ޓީސީގެ މުހައްމަދު އަޖުފާނާއި މުހައްމަދު ފުހެއިދު އާއި އަހުމަދު ފައްރާހު (ފައްރަ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.
ތިން މަސްދުވަހުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ތިން ހަފުތާ ފުރިހަމަކޮށްފައިވާ ދަގަނޑޭ "މިހާރު" އަށް ބުނީ ފާއިލް ކޯޗުގެ ތަމްރީންތައް ވަރަށް ބަރާބަރު ކަމަށާއި ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ވަރަށް ތަފާތު ތަޖުރިބާއެއް. ހިތަށް އަރާ ތަންކޮޅެއް ކުރިން ފެށުނުނަމައޭ،" ދަގަނޑޭ ބުންޏެވެ. "އެހެން ކުޅުންތެރިންނަށް ވެސް ދޭނެ ނަސޭހަތަކީ، ފިޓްނަސް ރަނގަޅުކުރަން އިސްކަންދޭށޭ."
ރާއްޖޭގައި އުފެދުނު އެންމެ ދުވެލި ބާރު ދުވުންތެރިޔާ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އެކުގައި ތަމްރީން ހަދާ މަންޒަރުތައް ވެގެންދިޔައީ އާއްމުންނަށް ވެސް ހިތްހަމަޖެހުން ގެނުވައިދިން މަންޒަރުތަކަކަށެވެ.
ދަގަނޑޭ (ކ) އާއި ފުޓްބޯޅަ ކުޅުންތެރިޔާ ފައްރަ (ކ-2) ސާއިދު (ވ) އާއި މިޑްލް ޑިސްޓެންސް ދުވުންތެރިޔާ ހުސެއިން ރިޒާއާ އެކު ހުކުރު ދުވަހު ކޮފީއެއްގައި. --ފޮޓޯ: ފައްރަ ފޭސްބުކް
ދަގަނޑޭއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ސާއިދު ލިޔުނު ގޮތުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއާ އެކު ޝައުގުވެރި، ހިތްވަރުލިބެނިވި ތަމްރީން ސެޝަނެއް ނެގިއްޖެ ކަމަށެވެ. ދަގަނޑޭ ސިފަ ކުރި ގޮތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާއާ އެކު ނެގުނީ އެހާމެ ވަރުގަދަ ސެޝަނެކެވެ.
"ދެ ލެޖެންޑުން އެކުއެކީގައި. ރީތި މަންޒަރެއް،" ޒާމިރު ކިޔާ މީހެއް ސާއިދުގެ ފޮޓޯއަށް ކޮމެންޓްކުރި އެވެ.
"ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިކުރުވާ ދެ ބަތަލުން،" ޖެރޫޝިޔާ ކޮމެންޓްކުރި އެވެ.
އިބްރާހިމް ރަޝީދު ކިޔާ މީހަކު ދަގަނޑޭގެ ފޮޓޯއަށް ކޮމެންޓްކުރި ގޮތުގައި މިއީ "އަބަދުވެސް ރާއްޖެ ފަހުރުވެރިވެ ރީތި ނަން ހޯދާ ދިނުމުގައި އަވަދިނެތި އުޅުއްވާ ހިތްވަރުގަދަ ދެ ފަހުލުވާނުން" ކަމަށާއި "ދެ މީހުން އެކުގައި ފެނުމުން އުފާވާ" ކަމަށެވެ.
މިއީ ފާއިލާ އެކު ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ މިހާރުގެ ސީނިއާ ނައިބް ރައީސް އަލީ އުމަރުގެ ވިސްނުމެއްގެ ދަށުން ފެށި ޕްރޮގްރާމެކެވެ. އަދި މިއީ ފަށަން މުހިއްމުކަމެއް ކަން ކުޅުންތެރިންގެ ބޮލަށް ވައްދައިނީ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
"އަހަންނާއި އަލީ އުމަރު މި ވާހަކައެއް ދައްކާތަ އަހަރެއްވެއްޖެ. ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދަންޏާ މި ޑިސިޕްލިން އެބަޖެހޭ އަންނަން،" ސާއިދަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ކޯޗު ބުންޏެވެ.
ފާއިލް (ވ) 2016 ވަމަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ރިހި މެޑަލަށް ފަހު އޭނާއާ އެކު. --ފޮޓޯ: އިމޭޖަސް އެމްވީ
ފާއިލް ބުނީ ފުޓްބޯޅަ ނޫނަސް އެހެން ކުޅިވަރުގައި ވިޔަސް އެންމެ މައިގަނޑު އެއްޗަކީ ފިޓްނަސް ކަމަށާއި ގައުމީ ޓީމުތަކުގައި އެންމެ ޖޫނިއާ އުމުރުފުރާ އިން ފެށިގެން އަދި ކްލަބްތަކުގައި ފިޓްނަސް އަށް ހާއްސަ މީހަކު ހުންނަން ޖެހޭ ކަމަށެވެ.
"އެ ހުންނަ އެންމެ ކޯޗަކަށް ބަރޯސާނުވެ ފިޓްނަސް އަށް ވަކި މީހަކު ބަހައްޓައިގެން އެބަޖެހޭ ހާއްސަ ސަމާލުކަމެއް ދޭން ހާއްސަކޮށް ކްލްބަތްކުގައި. އެއީ މުޅި އަހަރު ކްލަބުން ކުޅުންތެރިޔާ ގެންގުޅެފައި ގައުމީ ޓީމާ މި ހަވާލުކުރަނީ. އެހެން ލިބޭއިރު ގައުމީ ޓީމުގައި މާގިނަ ކަންތައްތަކެއް ނުކުރެވޭ. އެހެންވެ ކްލަބް ލެވެލްގައި އެބަޖެހޭ ފިޓްނަސް ރަނގަޅުވާން،" ފާއިލް ބުންޏެވެ.
ނުވަދިހައިގެ އަހަރުތަކުގައި މެރެތަން ދުވުންތެރިޔާ ހުސެއިން ހަލީމް (ކުޑަހުސެން) ނިއު ރޭޑިއަންޓުގައި ފިޓްނަސް ކޯޗަކަށް މަސައްކަތްކުރި އެވެ. އަދި 2007 ގައި ވީބީ އައްޑޫ އެފްސީން އާޖެންޓީނާގެ ފިޓްނަސް ކޯޗެއް ގެނެސް ތަފާތު ދެއްކި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯޑާ
17 September 2020
ފުޓްބޯޅަ ސީނިއަރ ރެފްރީންވެސް ކިރީގެ ފީފާ އެސިސްޓެންޓް ރެފެރީ ޑީނާޔާ އެކީ ޓްރެއިން ކުރާތަންފެނޭ
ހިދާ
17 September 2020
އޭނަ މީނަ ބުނެލަން އޮތީ ވަރައް ޖޭވޭ ދޯ ވ ސަލާން
ޕޮގުބަ
15 September 2020
ސައުގެއްނެތް
މުހައްމަދު25
14 September 2020
ފާއިލް ކޯޗަކީވަރައަ ހިންހެޔޮ ، މަޖާ މިޒާޖެއްގެ ބޭފުޅެއް ، ދައުލަތުން ފާއިލް ކޯޗްގެނައް މިއައްވުރެ ބޮޑައްފާހަގަ ކުރަންޖެހޭނެކަމައް އަޅުގަނޑުދެކެން ،މިހެން މިވިދާޅުވީ ސާއިދުގެ ހުރިހާ ކާމިޔާބެއްގެ އެއްމޭސްތެރިޔަކީ ފާއިލް...
އައްޔ
14 September 2020
ދަގޭއާ ސާއިދުއާ ރޭސްޖަހާލަ ދުވެވޭވަރު ބަލާލަން
އޭނަ މީނަ
15 September 2020
ދަގަނޑޭގެ ސްޕީޑެއް މިހާރަކު ނުހުންނާނެ. އޭނަގެ ޕްރައިމްގައި ސާއިދުއާއެކު ރޭސްޖަހާލިނަމަ ކޮންމެވެސް ކަހަލަ ފައިޓެއް ދެވުނީސް.
ނަޖުމުއްދީން
14 September 2020
މީ އަހަރެމެން ދެކެންބޭނުންވާ މަންޒަރަކީ.
ދުފާއާދަނު
14 September 2020
ފާއިލް ކޯޗުމީ ހަމަ 100 ގެ މީހެއް. އެންމެންނަށްވެސް ކުރިއެރުން ދެއްވާށި.