ފުޓްބޯޅަ ފެށޭނެ ދުވަހެއް ނޭނގި ކުޅުންތެރިން ގޮތްހުސްވެފައި!

"ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނީ ފުޓްބޯޅަ ކުޅުންތެރިން ޕްރޮފެޝަނަލް ވެގެން. ފުޓްބޯޅަ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި އެހެން މީހުން ދެކިގެން. އަދި އެ މީހުން (ކުޅުންތެރިން) ވެސް ޕްރޮފެޝަނަލް ވެގެން،"


މިއީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ފާއިތުވި ފަސް އަހަރު ތެރޭ އިރުޝާދުދިން ހަތަރު ކޯޗުންގެ ތެރެއިން ދެ ކޯޗުންގެ ފަރާތުން އިވުނު ވާހަކައެކެވެ. އެއީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައިިދިން ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓާއި އޭގެ ކުރިން 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކޯޗުކޮށްދިން ނިއު ޒީލެންޑްގެ ކޯޗު ރިކީ ހާބަޓް އެވެ. ސެގާޓަކީ އަފްގާނިސްތާން ގޮވައިގެން ރަނގަޅު މަސައްކަތްތަކެއް ކުރި ކޯޗެކެވެ. އަދި ހާބަޓަކީ ނިއު ޒީލެންޑާ އެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ކޯޗެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެ އަށް ފެތުރި ދަތި އުނދަގޫ މި ވަގުތުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް މި އޮތީ ކުރިން ހީ ވެސް ނުކުރާވަރުގެ ގެއްލުންތަކެއް ލިބިފަ އެވެ. ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސިއްހީ މާހިރުންގެ ލަފާގެ މަތިން ލޮކްޑައުންއެއްގައި ވެސް އެންމެން ތިބެފި އެވެ. އަލުން ފުރުސަތު ލިބުނުހާ އަވަހަކަށް ސިއްހި މާހިރުން ދޭ ލަފާގެ މަތިން އެކި ދާއިރާތަކުގެ މަސައްކަތްތެރިން އިގްތިސާދު ރަނގަޅުކޮށް މަސައްކަތްތަކުގައި އުޅެން ފަށައިފި އެވެ. އެކަމަކު އޭގެން ފުރުސަތެއް ނުލިބި އަދި އަލި މަގެއް ވެސް ނުފެނި އޮތީ ގިނަ ޒުވާނުންތަކެއް މިއަދު އާމްދަނީ ހޯދަމުން އަންނަ ފުޓްބޯޅަ އަށެވެ. މި އަހަރުގެ ނިމުމުގެ ކުރިން ސީޒަން ފަށަން މަސައްކަތްކުރަމުން އަންނައިރު، އަދިވެސް އެކަން ވާނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތީ ސިއްހީ މާހިރުން އެކަމަށް ގޮތެއް ނުނިންމާތީ އެވެ. ކުޅުންތެރިންނަށް ޕްރޮފެޝަނަލް ވުމަށް އޮތް ބޮޑު ހުރަހެކެވެ.

އޭއެފްސީ ކަޕް ކެންސަލްވުމާ އެކު ދެން ބެލެވުނީ ލޯކަލް ސީޒަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެފްއޭއެމުން ކުރިން ދެއްކި ވާހަކަތަކަށް ބަލާއިރު ޑިސެމްބަރު އަށް ވަނަ ދުވަހަކީ އެ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިޕާޓްމަންޓުން ސީޒަން ފަށަން އެންމެ ބޭނުންވާ ތާރީހެވެ. އެ ގޮތަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ވެސް ރުހި ގަބޫލެވެ. އެކަމަކު ކުރިއަށް ދެވެން އޮތީ ސިއްހީ މާހިރުން އެކަމަށް ހުއްދަދީފިނަމަ އެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީން ދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ އެކު ބައްދަލުވުންތަކެއް ބާއްވައި ފުޓްބޯޅަ ސީޒަން ފަށަން ހުއްދަ ހޯދަން މަސައްކަތްކުރަމުންނެވެ. އެކަމަކު އަދި އެކަމަށް އަލިމަގެއް އޮތީ ނުފެނި އެވެ. އެފްއޭއެމުން އޮތީ ސީޒަން ފަށަން ކޮންމެ ގައިޑްލައިނެއް ހަދައިގެން ކުރިއަށްދާން ތައްޔާރަށެވެ.

ރަސްމީ އިދާރާތަކުން ޕްރޮފެޝަނަލް ނަޒަރަކުން ވިސްނާލުން މުހިއްމު

މިދިޔަ މަހު ކުރީކޮޅުގައި މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެޗްޕީއޭ އިން ނިންމި ނިންމުންތަކުގެ ތެރޭގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލުން ވެސް ހިމެނި އެވެ. އޭގެ ތެރޭގައި ރަސްމީ ސިފައެއްގައި ޕްރޮފެޝަނަލް އުސޫލުން ފުޓްބޯޅަ ނޫނީ އެހެނިހެން ކުޅިވަރު ކުޅެގެން އާމްދަނީ ހޯދާ ފަރާތްތަކެއް އިސްތިސްނާވެފައެއް ނެތެވެ.

އެޗްޕީއޭގެ އޭރުގެ ނިންމުމުގައި ކަސްރަތު ކުރަން ޖިމްތައް ހުޅުވުމަށް ހުއްދަދީފައިވާއިރު، ކުޅިވަރު ހަރަކާތްތައް ހިންގުން މަނާކޮށްފައިވަނީ ކޮން އުސޫލަކުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެޗްޕީއޭގައި އިސްކޮށް ހަރަކާތްތެރިވާ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޖިމްތައް ހިންގުމަށް ހުއްދަ ދީފައިވަނީ އެއީ ވިޔަފާރިއަކަށް ވާތީ ކަމަށާއި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.

ޑރ. އަފްޒަލްގެ އެ ވާހަކައިގައި ފުޓްބޯޅަ ކްލަބްތަަކަކީ ވިޔަފާރި ވެސް ޝާމިލުވެ އެ ގޮތަށް ހިންގާ ބައެއްގެ ގޮތުގައި ދެކެފައިނުވާތީ އާއި ފުޓްބޯޅަ ކުޅުންތެރިން ކުޅެގެން ކުރަނީ ދިރިއުޅުމަށް މަސައްކަތް ގޮތުގައި ބަލައިގަނެފައި ނުވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ބުނެފަ އެވެ.

އޭއެފްސީ ކަޕާ ދިމާކޮށް (މުބާރާތް ކެންސަލްކުރުމުގެ ކުރިން) އެޗްޕީއޭއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު އޭއެފްސީ ކަޕްގައި ކުޅެން ހަމަޖެހިފައި އޮތް ރާއްޖޭގެ މާޒިޔާ އާއި ޓީސީ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް ފަށަން ހުއްދަދިނެވެ. މާޒިޔާ އިން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޕްރެކްޓިސްތައް ވެސް ބޭއްވި އެވެ. އެކަމަކު މުބާރާތް ކެންސަލްކުރުމުން މާޒިޔާ އިން މި ވަނީ ޕްރެކްޓިސް މެދުކަނޑާލައިފަ އެވެ. އެ ނިންމުމާ އެކު ކުޅުންތެރިންނަށް ދެން މުސާރަ ލިބެން އޮތީ އަލުން ޕްރެކްޓިސް ފެށުމުންނެވެ. ޕްރެކްޓިސް ފެށެން އޮތީ ސިއްހީ މާހިރުން ހުއްދަދިނުމުންނެވެ.

އޭއެފްސީ ކަޕް ކެންސަލްވުމުން މާޒިޔާ އަށް ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް ލިބުނުކަން ފާހަގަކުރައްވައި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިއްހީ މާހިރުންނާއި އެހެނިހެން ފަރާތްތަކުން ވެސް ވަރަށް ފުންކޮށް ވިސްނުމަށް ފަހު "ކުޅުންތެރިންގެ ހައްގު" ގައި ނަމަވެސް އަވަހަށް ފުޓްބޯޅަ ސީޒަން ފެށޭނެ ގޮތެއް ހަދައިދޭން ޖެހޭ ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް އެކި ގައިޑްލައިންތައް ހަދައިގެން އެ ކުރާ ގޮތަށް ރާއްޖޭގައި ވެސް ފުޓްބޯޅަ ސީޒަން ފެށޭނެ ގޮތެއް ހޯދައިދޭން ޖެހޭކަން ވައްހާބު ފާހަގަކުރެއްވި އެވެ.

ގިނަ ކުޅުންތެރިން ގޮތް ހުސްވެފައި!

ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފުޓްބޯޅަ ކުޅުންތެރިންނަށެވެ. އެވްރެޖްކޮށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ މުސާރަ ސީޒަނަކަށް ބަލާއިރު މިހާރު އުޅެނީ 120،000 ރުފިޔާ އަށް ވުރެ މަތީގަ އެވެ. ގިނަ ކުޅުންތެރިން ތަންތަން ކުއްޔަށް ހިފައި ދިރިއުޅުން ބިނާކޮށްފައިވަނީ މި ފައިސާ އަށް ބަރޯސާވެގެންނެވެ. މާޗް މަހު ކޮވިޑް-19 ފެތުރޭތީ ފުޓްބޯޅަ ސީޒަން މެދުކަނޑާލީ ސީޒަންގެ ފަހު ދެ މުބާރާތް ނުކުޅެ އެވެ. އޭރު ބެލީ ޖޫން މަހުގައި ފުޓްބޯޅަ ސީޒަން ފެށޭނެ ކަމަށެވެ. އެކަމަކު ކޮވިޑް-19 ގެ ކަންތައްތައް ބޮޑުވެ، ސީޒަން ފެށޭނެ ތާރީހު ފަސްކުރަން ޖެހުނީ އެވެ.

ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޕޯޓަލް އިން އިންކަމް ސަޕޯޓް އެލަވަންސް އަށް ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް އެދެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނި ނަމަވެސް މިހާތަނަށް ކުޅުންތެރިއަކަށް އެ ފައިސާ ލިބުނުކަން އެނގިފައެއް ނެތެވެ. ފުޓްބޯޅަ ސީޒަން ފަށާނެ ސީދާ ތާރީހެއް ނޭނގޭތީ ޓީމުތަކުގެ ޕްރެކްޓިހެއް ނުފަށަ އެވެ. ޕްރެކްޓިސް ނުފަށަނީސް ކްލަބަކަށް ކުޅުންތެރިންނަށް ފައިސާ ދެވޭކަށް ނެތެވެ. މި ހާލަތުގައި ފުޓްބޯޅަ ކުޅެގެން އާމްދަނީ ހޯދާ ގިނަ ކުޅުންތެރިން ތިބީ ގޮތް ހުސްވެފަ އެވެ.

"ގައުމީ ޓީމު ޕްރެކްޓިސް ކުރިއިރު ވެސް މާލޭގައި ހުރެ އަމިއްލަ އަށް ހަރަދުކުރަން ޖެހުނީ. ފުޓްބޯޅަ ސީޒަން ނުފަށާތީ ނޫނީ ފަށާނެ ތާރީހެއް ނޭނގޭތީ ކްލަބުން ވެސް ލާރިއެއް ނެތް ލިބޭކަށް. މިހާރު ހާލަތު މި ހުރީ ގޮތް ހުސްވާ ހިސާބުގައި. ކުޅުން ހުއްޓާލުން ވެސް އެއީ ވިސްނުމެއް. އެއީ އާމްދަނީ ހޯދާނެ އިތުރު ގޮތެއް ހޯދަން އެބަޖެހޭ،" ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިއަކު "މިހާރަ"ށް ބުންޏެވެ.

"ގައުމު ކާމިޔާބު ހޯދާއިރު ކުޅިވަރު ކުޅުންތެރިން މުހިއްމުވާ ގޮތަށް. މި ފަދަ އުނދަގޫ ހާލަތެއްގައި ވެސް ކުޅިވަރު ކުޅުންތެރިންނާ މެދު ވިސްނާލަން ޖެހޭ. (އާމްދަނީ ނުލިބި) މިހެން ތިބެން ޖެހޭ ކޮންމެ ދުވަހަކު ވެސް ހީނުކުރާހާ ދަތިތަކާ އެބަދިމާވޭ."

އަވަހަށް ސީޒަން ނުފަށައިފިނަމަ ކްލަބްތަކަށް ވެސް ގެއްލުން އެބައޮތެވެ. މިިދިޔަ އަހަރު އެފްއޭއެމުން ހެދި ގަވާއިދު ބުނާގޮތުން ގިނަ ކުޅުންތެރިން ކްލަބްތަކާ އެކީ ކޮންޓްރެކްޓް ހެދީ ތިން އަހަރަށެވެ. މި އަހަރު ފުޓްބޯޅަ ސީޒަން ނުފެށިއްޖެނަމަ އޭގެ ތެރެއިން ކުޅުންތެރިންނަށާއި ކްލަބަށް ވެސް އެ ގެއްލެނީ ކޮންޓްރެކްޓްގައިވާ ބޮޑު މުއްދަތެއްގައި ކަމެއް ހާސިލްނުވެ އެވެ.

"ކޮންޓްރެކްޓްގައިވާގޮތުން ކުޅުންތެރިންނަށް މުސާރަ އެބަދޭންޖެހޭ. އެކަމަކު މެޗުތައް ނުކުޅެ ޕްރެކްޓިހެއް ނުކޮށް ހުއްޓައި މުސާރަ ދެވޭނެ ގޮތެއް ނެތް. މީގެ ބޮޑު ގެއްލުން ކުޅުންތެރިޔާ އަށް މި ވަނީ. ކްލަބަށް ލިބޭ ގެއްލުމަކީ ނުކުޅުނަސް ކޮންޓްރެކްޓާ ހިލާފުވެގެން ފައިސާ ދޭން ޖެހޭ ހާލަތު އޮތުން،" ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.

ފުޓްބޯޅަ ސީޒަން ފަށަން ބޮޑު ހުރަހެއް އެބައޮތްތަ؟

ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ޕްރޮޖެކްޓްތަކުގެ ނަމުގައި ފުޓްބޯޅަ ކުޅުން އަލުން ފަށަން ބެލިއިރު، ހުރިހާ ބައެއްގެ ވެސް އެންމެ ބޮޑު ސަމާލުކަމެއްދީ އިއްތިފާގުވި ކަމަކީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށްގެންދެވިދާނެ ކަމެވެ. އެއީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ހުރިހާ ކަމެއް ބިނާވެފައި އޮތީ ގިނަ ބަޔަކު އެއް ސަރަހައްދަކަށް އެއްވެ ނޫޅުން ކަމަށްވުމެވެ.

ކޮވިޑް-19ގެ މި ހާލަތުގެ ތެރޭ އެފްއޭއެމުން ފުޓްބޯޅަ ސީޒަން ފަށަން ފީފާ އާއި އޭއެފްސީގެ މެޑިކަލް ފަރާތްތަކާ މަޝްވަރާކޮށް ގައިޑްލައިންތަކެއް ހަދައި އެޗްޕީއޭއާ މަޝްވަރާކުރި ކަމަށް އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝަކީބް (ޑޮކް) މިދިޔަ ޖުލައި މަހު ވިދާޅުވި އެވެ. އޭރު ޝަކީބް ވިދާޅުވީ އެ ގައިޑްލައިންތަކަކީ ދުނިޔޭގެ އެކި ގައުމުތަކުން ކަންތައް ކުރަމުން އަންނަ އުސޫލުތައް ވަރަށް ރަނގަޅަށް ބަލައިގެން އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށެވެ.

ރާއްޖޭގެ ލޯކަލް ފުޓްބޯޅަ މެޗުތައް ބަލަން ކުރިއާ އަޅާބަލާއިރު މިހާރު މާ ގިނަ ސަޕޯޓަރުންތަކެއް ނުވަދެ އެވެ. އަމުދުން ސަލާމަތީ ސަަބަބުތަކަށް ބަލާފައި ޕްލޭނިން މިނިސްޓްރީގެ ލަފާގެ މަތިން ގަލޮޅު ދަނޑުގެ ދެ ސިޑިބަރި ބަންދުކޮށްފައި އޮތުމުން ސަޕޯޓަރުން ވަންނަން ތިއްބަސް އެ އަދަދު މަދުވާނެ އެވެ. މި ކަންކަމަށް ބަލާއިރު މެޗުތައް ބަލަން ސަޕޯޓަރުން ވަންނަ އަދަދު މަދުކޮށްގެން މެޗުތައް ބާއްވަން ރާއްޖެ އަށް މާ ބޮޑު ހުރަހެއް ވެސް ނެތެވެ.

ސިއްހީ ސަލާމަތީ ކަންތައްތަކަށް ބަލާއިރު ބޭރު ގައުމުތަކުގައި ކުރާ ގޮތަށް ކޮވިޑް-19 ޓެސްޓް ކުރެވިދާނެ އެވެ. އަދި ޕޮޒިޓިވްވާ ކުޅުންތެރިން ކަރަންޓީނު ކުރުމުގެ އުސޫލުތަކެއް ވެސް ރޭވިދާނެ އެވެ. ރާއްޖެ އަށް ވުރެ ކޮވިޑް-19ގެ ހާލަތު ގޯސް އިންޑިއާ އާއި ބަންގްލަދޭޝްގައި ވެސް އެ އަންނަނީ ފުޓްބޯޅަ ސީޒަން ފެށުމަށް ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރަމުންނެވެ.

ރާއްޖެ އަންނަ ބިދޭސީ ކޮންމެ ކޯޗަކު ކަހަލަ ގޮތަކަށް ދިިވެހި ކުޅުންތެރިންގެ ހުނަރަށް ތައުރީފުކޮށް ދައްކާ ވާހަކަ އަކީ ޕްރޮފެޝަނަލް އުސޫލުތަކަށް ރާއްޖޭން ބޮޑަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އެކަން ކޮށްފިނަމަ ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރާ އެއްވަރަށް ކުރިއަރާނެ ކަމަށެވެ. އެފްއޭއެމުން ރާއްޖޭގެ ކްލަބްތައް ހިންގުން ހަރުދަނާ ކުރަން މަސައްކަތްކުރަމުން އަންނައިރު، ރާއްޖޭގެ ގިނަ ކުޅުންތެރިން ވެސް އަންނަނީ ހަމައެކަނި ފުޓްބޯޅަ އަށް ހުސްވެގެން ކުރިއަށްދާން މިސްރާބު ޖަހަމުންނެވެ. ޕާޓްޓައިމްކޮށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ނިސްބަތް މަދުވެ، ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ އަށް ހުސްވެ ކުރިއަށްދާ ޒުވާނުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެ ޒުވާނުން މި ވަގުތު ތިބީ މާލީ ގޮތުން ގޮތް ހުސްވެފަ އެވެ. އަލިމަގެއް ފެންނަން އޮތީ ލޯކަލް ސީޒަން ފަށައިގެން އެ ކުޅުންތެރިންނަށް ކުޅެވެން ފެށުމުންނެވެ. ޕްރޮފެޝަނަލް ނަޒަރަކުން މިކަމަށް ބަލައިލުން މުހިއްމެވެ.