މިދިޔަ އަހަރު ބޭއްވި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
07 އޮކްޓޯބަރ 2020 - 09:53
ކޮވިޑް-19ގެ ކޭސްތައް މަދުވަމުން އަންނާތީ ދިން ލުއިތަކުގެ ތެރޭގައި ފުޓްބޯޅަ ފަދަ ކޮންޓެކްޓް ކުޅިވަރުތަކަށް ހުއްދަދީފައިނުވަނީ އަދިވެސް އެ ފަދަ ހަރަކާތްތަކުގެ ސަބަބުން ބަލި ފެތުރުމުގެ ރިސްކު އޮތް މިންވަރު ބޮޑުވުމުންކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19ގެ ބަލީގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ލުއިތައް ދޭން ވިސްނަނީ މަޑުމަޑުން ކަމަށާއި އެ ގޮތުން މި ވަގުތަށް ލުއި ދިންއިރު ވަކިކަންކަމަށް އިސްކަން ދިން ކަމަށެވެ.
"ލުއި ދޭއިރު އަޅުގަނޑުމެން މި ބަލަނީ އިތުރު ދެ ކަމެއް. އެއީ އެ ހަރަކާތެއްގެ ސަބަބުން ބަލި ފެތުރުމުގެ ރިސްކް ލެވަލް އޮތް މިންވަރާއި އަދި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް އެކަމުގެ ސަބަބުން ކުރާ އަސަރުތަަކަށް. މި ދެކަމަށް ހާއްސަކޮށް ހަމަ އެ ކަމުގެ ރިސްކް ލެވަލަށް މި ބަލަނީ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޭސްތައް މަދުވަމުންދާ ވަރަކަށް އެހެން ކަންކަމަށް ވެސް ލުއިދޭނެ ކަމަށާއި އެ ގޮތުން ފުޓްބޯޅަ ފަދަ ކޮންޓެކްޓް ސްޕޯޓްސްގެ ހަރަކާތްތަކަށް ހުއްދަދިނުމާ މެދު ވިސްނާ ކަމަށެވެ.
"ހާއްސަކޮށް އަޅުގަނޑުމެން ކުރިން ވެސް ފާހަގަކޮށްފައި ހުންނާނެ ކޮންޓެކްޓް ސްޕޯޓްސް އަކީ މީހުން ވަރަށް ގައިގޯޅިވެގެން ކުޅޭ ކުޅިވަރުތައް. އެ ކުޅިވަރު ކުޅޭއިރު މާސްކެއް ނޭޅޭނެ. ސޯޝަލް ޑިސްޓަންސިން އެއް ނުބެހެއްޓޭނެ. އޭގެ އިތުރުން އެކި ކަހަލަ އެކްސަސައިޒް ކުރާއިރުގައި ބާރަށް ނޭވާ ލުމުގެ ކަންތައްތައް ވެސް ދާނެ. އެހެންވީމަ ވައިރަސް ހުރި މީހެއް ކަމަށްވާނަމަ އޭނަގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެތި ކަންތައްތައް މި ކަހަލަ ކުޅިވަރުތަކަކީ. (މި ވަގުތަށް ކޮންޓްކެޓް ސްޕޯޓްސް ކުރިއަށްގެންދަން ލުއިދިނުމަކީ) އެއީ ރިސްކު ހައި ކަމެއް. އަދި މިއީ އިތުރަށް ބަލަންޖެހޭ ކަމެއްކަން ފާހަގަކޮށްލަން،" ޑރ ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ، އެޗުއީއޯސީގެ މީޑިއާ ބްރީފިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-
އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވާތީ މިދިޔަ ސީޒަނުގެ ކުޅުން މާޗް މަހު ފަހުކޮޅު ނިންމާލީ ފުޓްބޯޅަ ސީޒަން ކުރުކޮށްލުމަށް ފަހު އެވެ. އެއީ އޭރު ކުޅެމުންދިޔަ އެފްއޭ ކަޕްގެ އިތުރުން ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ވެސް ކެންސަލްކުރުމަށް ފަހު އެވެ.
ފުޓްބޯޅަ އަކީ ރާއްޖޭގެ ކުޅިވަރުތަކަށް ބަލާއިރު ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅުމުގައި އާމްދަނީ ހޯދަން ކުރާ މަސައްކަތަށްވާއިރު، ކޮވިޑް-19އާ ހެދި ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކުގެ ތެރެއިން ފުޓްބޯޅަ އަކީ ޕްރޮފެޝަނަލުންގެ ގޮތުގައި ނުދެކޭތީ ގިނަ ފުޓްބޯޅަ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުންގެ ޖުމްލަ އަދަދު 300 އަށް އަރާއިރު މި ވަގުތު މަސައްކަތެއް ނުކޮށް އާމްދަނީ ހުއްޓިފައިވަނީ މި 300 މީހުންގެ އާއިލާ ކަމަށް ވެސް ބައެއް ކޯޗުން ވަނީ ބުނެފަ އެވެ.
ފުޓްބޯޅަ އަށް މި ވަގުތު އޮތް ކަންބޮޑުވުންތަކާ އެކު ކަންތައްތަކަށް ހައްލެއް ހޯދަން ފުރަތަމަ ޑިވިޝަނުގެ ކޯޗުންތަކެއް ރައީސް އިބްރާހިމް ސޯލިހުއާ ބައްދަލުކުރައްވަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މަސައްކަތްކުރަނީ އަންނަ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު އެވެ. އެ ތާރީހުގައި ލޯކަލް ފުޓްބޯޅަ ސީޒަން ފަށާނަމަ ލަސްވެގެން މި މަސް ތެރޭ ޕްރެކްޓިސް ފެށޭގޮތްވުން މުހިއްމެވެ. އެއީ ނުކުޅެ ތިބެ ބޮޑު ބްރޭކަކަށް ފަހު އަލުން މެޗުތައް ފަށާއިރު މަދުވެގެން ދެ މަހެއްހާ ދުވަހުގެ ޕްރީ ސީޒަން ޓްރެއިނިން އެއް ބޭނުންވާނެތީ އެވެ.
އެޗްޕީއޭ އިން ފުރަތަމަ ދިން ލުއިތަކުގެ ތެރެއިން ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސް ފަށަން ހުއްދަ ލިބޭނެ ކަމުގެ އުއްމީދުގައި ގިނަ ކްލަބްތަކުން ތިއްބައި މި ފަހަރު ވެސް އެކަން ހާސިލްނުވިއިރު، މިހާރު އޮތްގޮތުން ޕްރެކްޓިސްތައް ފެށޭނެ ތާރީހެއް ނޭނގުމަކީ ކްލަބްތަކަށް އަނެއްކާ ވެސް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޒާގު
07 October 2020
ނަޒްލާ ހެޔޮނުވާނެ ފުއްޕާފަ އަރާ ހަމަޖެހޭ ވަހަކަ ދައްކަބަލަ
ހުސޭނުބެ ތ
07 October 2020
ނަޒްލާ ކީކޭ ތޯ ތިވިދާލޫވަނީ ، އާއްމުން މޫދައް އެރިއުޅޭއިރުގަ ކޮންޓެކްޓު ވޭ ، އެކަމަކު މޫދައް އެރުން މަނަލެއް ނޫން ، ހަމަ ޖެހޭވަހަކަ ދެއްކެވީ ރީތިވާނެ ،
ޟާނު
07 October 2020
ޜިސްކުނެތް ކަމެއް އެބޮތްތޯ ބިރުދަށްކައިގެން ގެންގުޅެންތަ އެޗްޕީއޭ މިއުޅެނީ