އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 އޮކްޓޯބަރ 2020 - 09:38
ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން އޭޝިއާގެ އެކި ގައުމުތަކުގައި ހާލު ޖެހިފައި ތިބި ފުޓްބޯޅަ ކުޅުންތެރިންނާ މެދު މާ ބޮޑު އަޅާލުމެއް ނުބާއްވާ ކަމަށް ބުނެ، ކުޅުންތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ފިފްޕްރޯ އިން އޭއެފްސީ އަށް ފާޑުކިޔައިފި އެވެ.
މިިދިޔަ ޑިސެމްބަރު މަހު ކޮވިޑް-19 ޗައިނާ އިން އެންމެ ފުރަަތަމަ ފެނި ފަހުން މުޅި ދުނިޔެ އަށް އޭގެ ނުރައްކާ ބޮޑުވާން ފެށުމާ އެކު ފުޓްބޯޅަ ހަރަކާތްތައް އޭޝިއާގައި ވެސް ހުއްޓާލި އެވެ. އެކި ގައުމުތަކުގެ ފުޓްބޯޅަ ހަރަކާތް ފެށުނީ ވަރަށް ފަހުންނެވެ. ބައެއް ގައުމުތަކުގައި އަދިވެސް ނުފެށޭއިރު އޭއެފްސީން ވަނީ އެ އިދާރާގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕް ވެސް ކެންސަލްކޮށްފަ އެވެ.
ގައުމުތަކުގެ ފުޓްބޯޅަ މުބާރާތްތައް ވެސް ފެށޭނެ ދުވަހެއް ނޭނގި އޭއެފްސީ ކަޕް ވެސް ކެންސަލްކުރުމާ އެކު ގިނަ ކްލަބްތަކާއި ކުޅުންތެރިންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭއެފްސީ ކަޕް ކެންސަލްކުރުމާ އެކު ލިބުނު ގެއްލުމުގެ ބަދަލެއް ހޯދަން ރާއްޖޭގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ޓީސީން ވަނީ އޭއެފްސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އިން ވެސް އޭއެފްސީ އަށް ބަދަލު ހޯދަން ވަނީ ހުށަހަޅައިފަ އެވެ.
އޭޝިއާގެ ކްލަބްތަކަށް ކުޅޭ ގިނަ ބިދޭސީ ކުޅުންތެރިން ވަނީ ކޮންޓްރެކްޓުގައިވާ ގޮތަށް އެއްވެސް ވަރަކަށް މުސާރަ ނުލިބޭތީ ފިފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ އަދަދު ފާއިތުވި ހަ ވަރަކަށް މަހު ވަރަށް ބޮޑަށް އިތުރުވާތީ ފިފްޕްރޯގެ ޖެނެރަލް ސެކްރެޓަރީ ޖޮނަސް ބެއާ-ހޮފްމަން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ އޭޕްރީލް މަހު ފިފްޕްރޯ އިން އޭއެފްސީއާ އެކު ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދަން މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
"މި ކަހަލަ އުނދަގޫ ވަގުތެއްގައި އެހީތެރިކަން ނުލިބޭނަމަ ގިނަ މީހުން މި ކުޅިވަރު ކުޅުން ހުއްޓާލާނެ. އެ ގެއްލެނީ ފުޓްބޯޅައިން ވަރަށް ބޮޑެތި ހުނަރުވެރިންތަކެއް. އޭޝިއާ އަކީ ވަރަށް ހަލުވި ދުވެއްޔެއްގައި ފުޓްބޯޅަ ކުރިއަރަމުން އައި ބައްރެއް. އެކަމަކު ކޮވިޑް-19ގެ ކަންތައްތަކާ ހުރެ ވަރަށް މައްސަލަ ގިނަވެ މިދިޔަ އަހަރުތަކުގައި އޭޝިއާ ފުޓްބޯޅަ ހޯދި ކުރިއެރުން ފަހަތަށް ގޮސްފާނެ ކަމުގެ ބިރު މިހާރު އެބައޮތް،" ހޮފްމަން ވިދާޅުވި އެވެ.
އިންޑޮނީޝިއާ ފަދަ ބިދޭސީ ކުޅުންތެރިންނަށް ބޮޑު މުސާރަ ދޭ ގައުމުތަކުން ކުޅުންތެރިންގެ މުސާރައިގެ ބޮޑު އިންސައްތައެއް ނުދޭ މައްސަލަތައް ފީފާ އަށް ހުށަހަޅާފައިވާ ކަމަށާއި ބައެއް ކުޅުންތެރިންނަށް ޒަރޫރީ ބޭނުން ފުއްދޭ ވަރަށް ވެސް ފައިސާ ނުލިބޭ ކަމަށް ހޮފްމަން ވިދާޅުވި އެވެ.
ހަމައެކަނި މައްސަލަ އަކީ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުލިބޭ މައްސަލަ ނޫން ކަމަށާއި އޭއެފްސީން ވެސް ކުޅުންތެރިންނާ މެދު މާ ފުންކޮށް ނުވިސްނާ ކަމަށް ހޮފްމަން ދެކިލައްވަ އެވެ.
"ހަގީގަތުގައި އަހަރެމެން ދެކެން ބޭނުންވީ އޭއެފްސީން އެ ބައްރުގެ އެކި ގައުމުތަކަށް ކުޅުންތެރިންގެ ހައްގުގައި ބޮޑަށް އެހީވާތަން ބަލަން. ހަަމައެކަނި ކޮންފެޑެރޭޝަނަލް ލެވަލްގައެއް ނޫން. އެބަޖެހޭ ޑޮމެސްޓިކް ލެވަލްގައި ވެސް އެންމެ ދަތިކޮށް އުޅޭ ކުޅުންތެރިންގެ ހައްގުގައި ހުރި ދަތިތަކަށް ހައްލުތަކެއް ހޯދަން. މިއީ އެހީތެރިކަން ދޭން އެންމެ މުހިއްމު ވަގުތު،" ހޮފްމަން ވިދާޅުވި އެވެ.
އޭޝިއާ ފުޓްބޯޅަ ކުރިއަރުވާނަމަ މި ވަގުތަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުޅުންތެރިންގެ ހައްގުގައި ކުރަން ޖެހޭ ވަގުތެއް ކަމަށް ފިފްޕްރޯ އިން ވަނީ ބުނެފަ އެވެ. އެ ގޮތުން އޭއެފްސީ އާއި ގިނަ ގައުމުތަކުގައި އެކި މުބާރާތްތައް ކެންސަލްކުރީ އެކަށީގެންވާ ވަރަށް ކުޅުންތެރިންނާ މެދު ވިސްނުމެއް ނެތި ކަމަށް ފިފްޕްރޯ އިން ދެކެ އެވެ.
ކޮވިޑާ ގުޅިގެން ކޮމިއުނިޓީތަކަށް އެހީތެރިވުމުގެ ގޮތުން އޭއެފްސީ މެދުވެރިވެގެން އޭޝިއާގެ އެކި ގައުމުތަކުގައި ވަނީ "ފުޓްބޯލް ކެއާސް"ގެ ނަމުގައި ހަރަކާތްތަކެއް ހިންގައިފަ އެވެ.
ނެދަލެންޑްސް އަށް ނިސްބަތްވާ ފިފްޕްރޯ އަކީ ފީފާގެ ވެސް ބައިވެރިއެކެވެ. ފިފްޕްރޯއާ މި ވަގުތު ގުޅިފައިވާ 65 ގައުމުގެ ކުޅުންތެރިންގެ އެސޯސިއޭޝަން އެކްޓިވްކޮށް މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި އޭޝިއާ އަށް ނިސްބަތްވާ އަށް ގައުމުގެ އެސޯސިއޭޝަން ވެސް ހިމެނެ އެވެ. ފިފްޕްރޯ އިން ބުނީ ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވް ކުޅުންތެރިންގެ އެސޯސިއޭޝަންތަކެއް އޭޝިއާގެ ގިނަ ގައުމުތަކުގައި ނެތް ކަމަށާއި ކުޅުންތެރިންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއްގެ ހައްލު ހޯދުމުގައި އޭޝިއާގައި ދަތިތަކެއް ކުރިމަތިވެފައިވަނީ ވެސް އެ ސަބަބާ ހުރެ ކަމަށް ފިފްޕްރޯ އިން ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމޫސަ
10 October 2020
ބޭރު ކުޅުންތެރިން ނުގެނެސް އޭޝިޔާ ގައުމުތަކަށް ފުޓުބޯޅަ ނުކުޅެވެންނާ ފުޓުބޯޅަ ކުޅުން ހުއްޓާލާފަ ވާވަރުގެ ކަންކަމާ އުޅުނިއްޔާ މާރަނގަޅު ވާނެ.