ވެލެންސިއާގެ ކޯޗަކަށް އާތީ ހަމަޖައްސައި ޕްރެކްޓިސް ފަށަނީ

ގައުމީ ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ކުރިން މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ކްލަބް ވެލެންސިއާ އިން ކުރިއަށް އޮތް ސީޒަން ތައްޔާރުވާން މާދަމާ ޕްރެކްޓިސް ފަށަން ނިންމައިފި އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަތަމަ ޑިވިޝަން ޕްރެކްޓިސް ފަށަން ހުއްދަ ދިނުމާ އެކު އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިންނެވެ. ވެލެންސިއާގެ އޮފިޝަލަކު "މިހާރަ"ށް ބުނީ ކޯޗު އާތީގެ ބެލުމުގެ ދަށުން މާދަމާ ހަވީރު ޕްރެކްޓިސް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ބެންޗުން ފެނުނު އާތީ ވަނީ އެ ޓީމަށް ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު ސީޒަން ފަށައިގެން ދިމާވި މާލީ މައްސަލަތަކާ ހުރެ އާތީ ވަނީ ޓީސީ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ.

ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުކަމާއި ފިރިހެން ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ އާތީ ވަނީ ޔުނައިޓެޑް ވިކްޓަރީއާ އެކު ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަތަރަކުން ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެ ފަހަރުގެ އެފްއޭ ކަޕުގައި އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ ކަޓުވާލުމަށް ފަހު ސެމީ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި އަހަރު އޭނާ ވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިވެ، ގައުމީ އަންހެން ޓީމާ ހަވާލުވެފަ އެވެ. އަދި ގައުމީ އަންހެން ޓީމަށް ސިންގަޕޫރުގައި ބޭއްވި މުބާރާތަކުން ތިން ވަނަ ހޯދައިދީ އެ ޓީމަށް ބޮޑު ކުރިއެރުމެއް ހޯދައިިދިނެވެ.

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު ގިނަ ކުޅުންތެރިން ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ ކަމަށް ބެލެވޭ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި ވާދަކުރާނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއް ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. ދެ ވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ. ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ގޮތުގަ އެވެ. އެ ޓީމަށް އަލުން ފުރަތަަމަ ޑިވިޝަނުގެ ޖާގަ ހޯދައިދިނީ ކުރިން އެ ޓީމަށް ކުޅުމުގެ އިތުރުން އެތައް ފަހަރެއްގެ މަތިން ކޯޗުކޮށްދިން އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ގޮތުން ވެލެންސިއާ އިން ވެސް އަންނަނީ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. ވެލެންސިއާއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް އެންމެ ފަހުން ކުޅުނު ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ހިމެނެ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ޕްރިމިއާ ލީގާއި ޔޫތު ޗެމްޕިއަންޝިޕްގައި ވެލެންސިއާ އަށް ކުޅެފަ އެވެ.

މި ފަހަރުގެ ލީގު ކުރިއަށްދާނީ އަށް ޓީމުގެ މެދުގަ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

އެފްއޭއެމުން ސީޒަން ފަށަން މަސައްކަތް ކުރަމުން އަންނަ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގަ އެވެ. ގިނަ ކްލަބްތަކުން ޕްރެކްޓިސް ފަށަން މަސައްކަތްކުރަމުން އަންނަނީ މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހުގެ އެއް ވަނަ ދުވަހުގަ އެވެ.