ލީގުގެ ވަރުގަދަ ޓީމަކަށް ވެލެންސިއާ ވާނެ: އާތީ

މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރާ ވެލެންސިއާ ލީގުގެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ ޓީމުގެ އާ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.


ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި ވާދަކުރާނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއް ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. ދެ ވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ.

ވެލެންސިއާ އިން މި ފަހަރު ކޯޗަކަށް ގެނައީ ކުރިން ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީގައި ރަނގަޅު މަސައްކަތްތަކެއް ކުރި ގައުމީ އަންހެން ޓީމުގެ ކޯޗުކަމާއި ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި އާތީ އެވެ. ވެލެންސިއާ އިއްޔެ ހަވީރު ޕްރީ ސީޒަން ޕްރެކްޓިސްތައް ފެށުމުގެ ކުރިން ރާއްޖެޓީީވީ އަށް ދިން އިންޓަވިއުއެއްގައި އާތީ ބުނީ ކުޅުންތެރިންނެކޭ އެއްގޮތަށް ކޯޗުން ވެސް ކްލަބް ބަދަލުވާނެ ކަމަށާއި އެއީ މާ ބޮޑު ކަމެއް ނޫން ކަމަށެވެ.

"ވެލެންސިއާއާ ހަވާލުމިވީ ޗެލެންޖެއް ގޮތަށް. މިހާރު ފުރަތަމަ ޑިވިޝަނުގައި އޮތް ޓީމުތަކަށް ބަލާއިރު ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެންމެ ކާމިޔާބު ހޯދި ކްލަބް ވެލެންސިއާ އަކީ. މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި އޮވެފައި އައި ކަމުގައި ވިޔަސް ވެލެންސިއާ އަކީ މިހާރު ފުރަތަމަ ޑިވިޝަނުގައި އޮތް އެންމެ ދުވަސްވީ ޓީމު،" އާތީ ބުންޏެވެ.

"މީގެ ބެކްގްރައުންޑަކީ ވަރަށް ވަރުގަދަ އެއްޗެއް. ކިހާވަރެއްގެ އެއްޗެއްކަން ދަނެގެން ވެލެންސިއާއާ ހަވާލު މިވީ. އިރާދަކުރެއްވިއްޔާ ވެލެންސިއާ މި ފަހަރު ޕްރިމިއާ ލީގުގައި ވަރުގަދަ އެއް ޓީމުގެ ގޮތުގައިވާނެ. އެހެން ޓީމުތަކަށް ހަމަ ރަނގަޅު ފައިޓެއް ދޭން."

ވެލެންސިއާ އިން މިދިޔަ ސީޒަނުގައި ފެނުނު ގިނަ ކުޅުންތެރިން މި އަހަރު ވެސް އެ ޓީމަށް ކުޅޭނެ އެވެ. އަލުން ވެލެންސިއާއާ ގުޅުނު ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ސްޕެއިނުގެ ހަތަރު ވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސް އަށް ކުޅުނު އިސްމާއިލް ޒާން އާމިރުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ކުރިން ފެނުނު ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ހިމެނެ އެވެ.

އާތީ ބުނީ ރަނގަޅު ސްކޮޑެއް އެކުލަވާލަން ބަލާއިރު ގިނަ ކުޅުންތެރިން ތިބީ އެހެން ކްލަބްތަކާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށެވެ. ވެލެންސިއާ އިން މަސައްކަތް ކުރަނީ އެ ޓީމުގެ ޕްލޭނަށް ބޭނުންވާ ކުޅުންތެރިން ހޯދުމަށް ކަމަށާއި އެ ގޮތަށް ކުރިއަށްދާން ބަލާއިރު ރަނގަޅު ކުޅުންތެރިންތަކެއް ޓީމުގައި އެބަތިބި ކަމަށް އާތީ ފާހަގަކުރި އެވެ.

ވެެލެންސިއާ އިން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވެލެންސިއާ މި އަހަރު މި ނުކުންނަނީ ވަރަށް އުއްމީދާ އެއްކޮށް. ވެލެންސިއާ ނުކުންނައިރު އެބައޮތް ޕްލޭނެއް. މިއީ އަންޑަ 18 އާއި އަންޑަ 16 ޓީމެއް. ޑިވެލޮޕްމަންޓަކާ އެއްކޮށް މި ނުކުންނަނީ. ތިން އަހަރެއްގެ ތެރޭ މި ބަލަނީ ހަަމަ ބޮޑަށް ޓީމު ޅަ ކޮށްލެވޭތޯ. އަހަރެމެންގެ ފިލޯސަފީ އަށް ޔޫތުގައި ޓްރެއިން ވެގެން އައިސް ވެލެންސިއާ ސީނިއާ ޓީމަށް ކުޅޭ ކަހަލަ ގޮތަކަށް މި ޕްލޭން މި އޮތީ. ބައެއް ސެޝަންތަކުގައި ޒުވާން ދެ ޓީމު ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކުރާނެ. އެއީ އެ ކުޅުންތެރިން ޑިވެލޮޕްކުރުމުގެ ވިސްނުމުގައި،" އާތީ ބުންޏެވެ.ި

ކޮވިޑް-19 ގެ ސަބަބުން ދިގު މުއްދަތަކަށް މެޗެއް ނުކުޅެ ތިބުމަށް ފަހު އަލުން ކުޅުންތެރިން ޓްރެއިނިން އަށް ނުކުންނައިރު ފިޓްނަސް ދަށްވުމާއި އެ ނޫން ވެސް ބައެއް އުނދަގޫތަކެއް ހުންނާނެ އެވެ. އާތީ ބުނީ ޓްރެއިނިންތައް ހަދާނީ ހާލަތާ މެދު ވަރަށް ރަނގަޅަށް ވިސްނައިގެން ކަމަށާއި ބޭނުންވަނީ މުބާރާތްތައް އަންނައިރު ކުޅުންތެރިން ރަނގަޅު ލެވަލެއްގައި މެޗުތައް ބޭނުންވާ ފިލޯސަފީ އަށް ކުޅެވޭ ގޮތަށް ފިޓްކޮށް ބޭތިއްބުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަތަމަ ޑިިވިޝަނުގެ ކްލަބްތައް ޕްރެކްޓިސް ކުރަން ފުރުސަތު ދިނުމާ އެކު އެންމެ ފުރަތަމަ ތަމްރީންތައް ފެށީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ. ދެ ވަނަ އަށް ކްލަބް ވެލެންސިއާގެ ޓްރެއިނިން ފެށިއިރު ވަރަށް އަވަހަށް އެހެން ކްލަބްތަކުން ފަރިތަކުރުންތައް ފަށާނެ ކަމަށް މައުލޫމާތު ލިބެ އެވެ.