މައްސަލަ ހައްލުކޮށް ވޮލީގެ މަސްލަހަތު އިސްކުރަންޖެހޭ: ލަތީފް

ރާއްޖޭގެ ވޮލީބޯޅައިގެ ލީޑަޝިޕާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުކޮށް ވޮލީބޯޅައިގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް ދާދި ފަހުން އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.


މިދިޔަ އަހަރު ޖޫން މަހުން ލަތީފްގެ ލީޑަޝިޕާ ގުޅޭ މައްސަލަތަކެއް ބަލައި ކޮމިޝަނާ އޮފް ސްޕޯޓްސް ހިނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ލަތީފްގެ ލީޑަޝިޕް އުވާލައި ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހިންގުން ހަވާލުކޮށްފަ އެވެ. ނޯމަލައިޒިން ކޮމިޓީއަކާ ވީއޭއެމް ހިންގުން ހަވާލުކުރިކުރުން ބަދަލުކުރަން ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު ސިވިލް ކޯޓުން އޭރު ނިންމީ އެ ގޮތަށް އަމުރު ނުނެރެދޭށެވެ.

ނޯމަލައިޒިން ކޮމިޓީގެ ބެލުމުގެ ދަށުން އެސޯސިއޭޝަންގެ އިންތިހާބެއް ބާއްވަން މަސައްކަތްކުރަމުންދަނިކޮށް އެކަން ހުއްޓުމަކަށް އައިސް އެ ކޮމިޓީގެ މުއްދަތު ހަމަވީ އެވެ. އޭރު ވެސް ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީން ނޯމަލައިޒިން ކޮމިޓީ ބަލައެއްނުގަނެ އެވެ.

ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވީއޭއެމްގެ މެމްބަރު ކްލަބްތަކުން އިސްވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އެސޯސިއޭޝަން ހިންގުން ތިން މެމްބަރުންގެ އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރީ އެވެ.

ތިން މެމްބަރުންގެ އިންޓަރިމް ކޮމިޓީ މެދުވެރިކޮށް ވީއޭއެމްގެ ހިންގުމުގެ ކަންތައްތައް ކުރިއަށްދިޔަ ނަމަވެސް ވީއޭއެމްގެ ރައީސެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި ބައިވެރިވަމުން އަންނަނީ އެންމެ ފަހުގެ އިންތިހާބީ ރައީސެއްގެ މަގާމުގައި ހުންނެވި ލަތީފް އެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އޭވީސީގެ ބައްދަލުވުމުގައި ލަތީފް ވަނީ ވޯޓުގައި ބައިވެރިވި 13 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓު ހޯދައި އޭވީސީ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ލަތީފް "މިހާރު" އަށް ވިދާޅުވީ މިއީ ރާއްޖޭގެ ވޮލީ އަށް ލިބުނު ކާމިޔާބެއް ކަމަށާއި އޭނާ އަށް ލިބުނު މަގާމުގެ ސަބަބުން ރާއްޖޭގެ ވޮލީ އަށް އިތުރު އެހީތަކުގެ ދޮރު ވެސް ހުޅުވިގެންދާނެ ކަމަށެވެ.

"ނަފްރަތާއި ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް މިހާރު ޖެހިފައި އޮތް މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރަންވީ ވަގުތު މިއީ. އެންމެންގެ މަސްލަހަތަށް ވުރެން ވޮލީގެ މަސްލަހަތު އިސްކުރަންވީ،" ލަތީފް ވިދާޅުވި އެވެ.

އޭޝިއާގެ ވޮލީބޯޅައިގެ މައި އިދާރާ އޭވީސީން ވަނީ މި ބައްރުގެ ވޮލީބޯޅައިގެ ކަންތައްތައް ކުރިއަށްގެންދަން ފަސް ޒޯން އެސޯސިއޭޝަނަކަށް ބަހާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސެންޓްރަލް ޒޯނަކީ 14 ގައުމުގެ މައްޗަށް އެކުލެވޭ ޒޯނެކެވެ. މި ޒޯންގެ ކަންތައްތައް ކުރިއަށް އޮތް އަހަރުތަކުގައި ކުރިއަށްދާނީ ލަތީފްގެ ރައީސްކަމުގަ އެވެ.

މީގެ ކުރިން ލަތީފް ވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތުން ފެނުނު ބައެއް ކަންތައްތަކަށް ފާޑުކިޔައިފަ އެވެ. އަދި ވީއޭއެމްގެ ރައީސްގެ މަގާމުގެ ޒިންމާތަކުން އޭނާ ދުރުކުރީ ނާއިންސާފުން ކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަދައްކަވާފައިވެ އެވެ. އެހެން ނަމަވެސް ލަތީފް މި ފަހަރު ވަނީ މި ސަރުކާރާއި ސްޕޯޓްސް މިނިސްޓަރު ކުރައްވާ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ.

"ރައީސް ޔާމީން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވޮލީ އަށް އެހީތަކެއް ވެދީފި. އެކަމަށް ޝުކުރު އަދާކުރަން. މިނިސްޓަރު މަހުލޫފް ވެސް އިހުލާސްތެރި މަސައްކަތެއް ކޮށްފި. އެކަމަށް ވެސް ޝުކުރިއްޔާ. ރާއްޖޭގެ ވޮލީ އަށް މި ލިބުނު ކާމިޔާބީއާ އެކު މިއީ އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތު،" ލަތީފް ވިދާޅުވި އެވެ.

ވީއޭއެމް އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ މިނިސްޓަރު މަހުލޫފް ވަނީ މިދިޔަ ނޮވެމްބަރު މަހު ސްވިޒަލެންޑްގައި މަޝްވަރާކުރައްވައިފަ އެވެ. އެ ފަހަރު ބޭއްވުނު މަޝްވަރާތަކަށް ފަހު އެފްއައިވީބީން ވަނީ ވީއޭއެމްގެ ކަންތައްތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ލަތީފް ފަރާތުން މެމްބަރެއް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އެ ކޮމިޓީގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދަނިކޮށް ކޮވިޑް-19ގެ ކަންތައްތައް ދިމާވެގެން މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. މިހާާރުގެ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފަށް އެ މަގާމު ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ. އެ އިންތިހާބު ބޭއްވީ އޮކްޓޫބަރު މަހު އެއް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ގުނާނަމަ މި މަހު އެއް ވަނަ ދުވަހާ ހަމައަށް ލަތީފްގެ ދައުރުގެ ހަތަރު އަހަރު ހަމަވާނެ އެވެ.