ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބީ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފްގެ އިތުބާރު ނެތްކަމަށް ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މެމްބަރު ކްލަބްތަކުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ހެނދުނު ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ވެސް ހާޒިރުގައި ބޭއްވި އެކްސްޓްރާ ކޮންގްރެސްގައި ލަތީފްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ވީއޭއެމްގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އޮތް އަށް ކްލަބްގެ ތެރެއިން، ވޯޓުގައި ބައިވެރިވި، ހަ ކްލަބްގެ އިއްތިފާގުންނެވެ.

ވީއޭއެމްގެ ފުރިހަމަ މެމްބަރު ކްލަބްތަކުގެ ގޮތުގައި މި އަށް ކްލަބް ކަނޑައެޅީ ވީއޭއެމްގެ މައްސަލަތައް ހައްލުކުރުމަށް ނޯމަލައިޒިން ކޮމިޓީން ކުރި މަސައްކަތުގެ ތެރެއިންނެވެ. ސައްހަ މެމްބަރުންގެ ކްލަބްތައް ކަނޑައެޅުމުގައި ބެލީ ވީއޭއެމް ގަވާއިދުގައިވާ ގޮތަށް ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އިންޑޯ މުބާރާތްތަކުގައި ކުޅެފައިވާ ޓީމުތަކަށެވެ. ވީއޭއެމްގެ ހިންގާ ކޮމިޓީން މިއަދުގެ ކޮންގްރެސް ފެށީ ވެސް އެ ކްލަބްތައް ސައްހަ ކަމަށް ނިންމުމަށް ފަހު އެވެ.

ވީއޭއެމްގެ އެކްސްކޯ އިން މި ބައްދަލުވުން ބާއްވާފައި މިވަނީ ވީއޭއެމްގެ މައްސަލަތައް ހައްލުކުރަން ޖޫން 10 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އެކުލަވާލެއްވި ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވެ، އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވަ އެވެ. ނޯމަލައިޒިން ކޮމިޓީން މި މަހު 24 ވަނަ ދުވަހު އިންތިހާބެއް ބާއްވަން ތާވަލުކުރި ނަމަވެސް އެންމެ ފަހު ވަގުތު ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެއީ މިހާރު ހުރި މައްސަލަތައް ހައްލުކޮށް އެފްއައިވީބީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެއްބާރުލުން ލިބޭ ގޮތަށް އެސޯސިއޭޝަންގެ ކަންތައްތައް ކުރިއަށް ގެންގޮސް އިންތިހާބެއް ބޭއްވުމަށެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު މީގެ ކުރިން ވަނީ ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީ އަށް އިންޒާރެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ނޯމަލައިޒިން ކޮމިޓީން ބާއްވާ އިންތިހާބަކުން ހޮވޭ ފަރާތެއް މި މަހު 26 ވަނަ ދުވަހު ބާއްވަން އޮތް އޮލިމްޕިކް ކޮމިޓީގެ އަހަރީ ޖަލްސާ އަށް ނުވަދެވޭނެ ކަމަށެވެ. ނޯމަލައިޒިން ކޮމިޓީން ބާއްވަން އުޅުނު އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރިިއިރު، އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ވެސް ވަނީ އަންނަ މަހަށް ފަސްކޮށްފަ އެވެ.

ވީއޭއެމްގެ މިއަދުގެ ކޮންގްރެސް އަކީ ގަވާއިދާ ހިލާފަށް ބާއްވާ ކޮންގްރެސްއެއް ކަމަށާއި މި ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި ލަތީފް ވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެކަމަކު މިއަދުގެ ކޮންގްރެސްގައި އޮބްޒާވަރެއްގެ ގޮތުގައި އޮލިމްޕިކް ކޮމިޓީގެ މެމްބަރު ހުސެއިން ރަޝީދު ބައިވެރިވެވަޑައިގަތެވެ.

އޮލިމްޕިކް ކޮމިޓީން މިއަދުގެ ކޮންގްރެސްގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވީ ދުނިޔޭގެ ވޮލީބޯލް ފެޑެރޭޝަން އެފްއައިވީބީގެ އެދުމާ އެކު އެވެ. އަދި މިއަދު ކޮންގްރެސްއާ ބެހޭ ގޮތުން އޮލިމްޕިކް ކޮމިޓީން ތައްޔާރުކުރާ ރިޕޯޓެއް އެފްއައިވީބީ އަށް ފޮނުވާނެ އެވެ.

ކޮންގްރެސްގައި ބައިވެރިވެފައިވަނީ ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވްސް ޕޮލިސް ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބާއި މޯލްޑިވިއަން، ސްޕޯޓްސް ކްލަބް ސިޓީ ސްޕޯޓްސް އަދި ކްލަބް ހޯކްސް އެވެ. ޖަލްސާގައި ބައިވެރިނުވަނީ ކްލަބް ހާފް ލައިން ލިންކްއޭޖް އާއި ޔޫތު ނިއު ޖެނެރޭޝަނުންނެވެ.

ލަތީފްގެ އިތުބާރު ނެތްކަމަށް ހުށަހެޅީ ދިވެހި ސިފައިންގެ ކްލަބުންނެވެ. އެކަމަށް ހާޒިރުވެ ތިބި ހަ ކްލަބްގެ ތާއީދު ލިބުނެވެ.

ކޮންގްރެސްގައި ދެން ސިފައިންގެ ކްލަބުން ހުށަހެޅީ ވީއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން 30 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވާއިރު، އެކަން ކުރިއަށް ގެންދަން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ. އެ ތިން މެމްބަރުންގެ ގޮތުގައި ސިފައިންގެ ކްލަބުން ހުށަހެޅީ މިއަދު ވީއޭއެމް ހިންގާ ކޮމިޓީގެ ފަރާތުން ކޮންގްރެސްގައި ބައިވެރިވި އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ ފަޒާދާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދު (ބޮޑު ކާއްޓެ) އަދި ބީޗް ވޮލީބޯލް ޗެއާމަން އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ. އެ ތިން މެމްބަރުންނަށް ވެސް ކޮންގްރެސްގައި ބައިވެރިވި ހަ ކްލަބްގެ ތާއީދު ލިބުނެވެ.

ދެން ކޮންގްރެސްގައި އިސްލާހެއް ހުށަހެޅީ ޕޮލިސް ކްލަބުންނެވެ. ޕޮލިސް ކްލަބުން ހުށަހެޅީ ވީއޭއެމްގެ އަސާސީ ގަވާއިދުގައި އޮލިމްޕިކް ޗާޓަރާއި އެފްއައިވީބީގެ ގަވާއިދާ ފުށުއަރާ ގިނަ ކަންތައްތަކެއް ހުރުމުން އެކަންތައްތައް ހައްލުކުރަން 100 ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށެވެ. އެ އިސްލާހަށް ވެސް ހުރިހާ ކްލަބެއްގެ ތާއީދު ވަނީ ލިބިފަ އެވެ.