ފީފާ ވޯލްޑް ކަޕްގެ ޑްރޯގެ ތެރެއިން ވޯލްޑް ކަޕް ޓްރޮފީއާ އެކު ރިޔާޒް ފޮޓޯ އަކަށް ހުއްޓިލައިގެން.
24 ނޮވެމްބަރ 2020 - 11:38
ސްކޫލް ދައުރުގައި ގަލޮޅު ދަނޑުގެ ބޯލްބޯއީ އަކަށް އުޅުނުއިރު އިސްމާއިލް ރިޔާޒް ބޭނުންވީ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވާށެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެ މުބާރާތުގައި ވެސް ބޯލްބޯއީއަކަށް ހުރި ރިޔާޒް އޭރު ވެސް މަޖީދިއްޔާ ސްކޫލުގެ އެތެރޭގެ މުބާރާތްތަކުގައި ކުޅުނެވެ. އެފްއޭއެމް ވައިޑީޕީ ޕްރޮގްރާމުގައި ވެސް ބައިވެރިވި އެވެ.
ނަތީޖާއަކަށްވީ ސްކޫލް ނިންމާލުމަށް ފަހު 2011 ވަނަ އަހަރު 20 އަހަރުން ދަށުގެ އެފްއޭ ކަޕުގައި ކްލަބް ވެލެންސިއާ ޓީމަށް ކުޅެން ފުރުސަތު ލިބުމެވެ. އެއީ ފުޓްބޯޅަ ކުޅުން، ކެރިއަރަކަށް ބަދަލުކޮށްލަން ލިބުނު ފުރުސަތެކެވެ. އެކަމަކު ބޯލްބޯއިއަކަށް އުޅުމުގެ ތެރޭގައި އެފްއޭއެމްއާ އުފެދިފައި އޮތް ގުޅުމުގެ ތެރެއިން އޭނާ ދިޔައީ އެ އެސޯސިއޭޝަނުގައި ވޮލަންޓިއަރެއްގެ ގޮތުން މަސައްކަތްކުރާށެވެ.
އަދި ޖެހިގެން އައި 2012 ވަނަ އަހަރު އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގެ ކޮމްޕެޓިޝަންސް އޮފިސަރުގެ މަގާމް ހުސްވުމުން އޭނާ އަށް އެފްއޭއެމުން ވަޒީފާއެއް ދިނެވެ. ރިޔާޒް އެކަމާ ހަވާލުވީ ވެސް، އެއީ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަށް ދެކެމުން އައި ހުވަފެން ސީދާ ނުވެދާނެ ފަދަ ކަމެއްކަން އެނގި ހުރެ އެވެ.
ކަންވީ އެހެންނެވެ. އެކަމަކު އެއީ ރިޔާޒަށް ލިބުނު ދެެރައެއް ހެއްޔެވެ؟ ނޫނެކެވެ. މީގެ 14 އަހަރު ކުރިން އެފްއޭއެމުން ރާވާ މުބާރާތްތަކުގެ ބޯލްބޯއީ އެކެވެ. މިއަދު އުމުރުން 27 އަހަރުގެ ރިޔާޒަކީ އެފްއޭއެމްގެ އެންމެ ޒިންމާ ބޮޑު އެއް ޑިޕާޓްމަންޓް ކަމަށްވާ ކޮމްޕެޓިޝަންސް ޑިޕާޓްމަންޑުގެ ހެޑެވެ. ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ހިމެނޭ ގޮތަށް އެއް ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން އަދި އަތޮޅު މުބާރާތާއި ސްކޫލް މުބާރާތްތައް އިންތިޒާމްކުރުމުގެ ޒިންމާ ނަގާ ވެރިޔާ އެވެ. ފުޓްބޯޅަ ކުޅުންތެރިޔަކަށް ނުވެވުނަސް މިއަދު އޭނާ އަކީ ފުޓްބޯލް އެޑްމިނިސްޓްރޭޝަނުން ކާމިޔާބު ކެރިއަރެއް އޮތް ޒުވާނެކެވެ.
ރިޔާޒް ބުނި ގޮތުގައި ފުޓްބޯޅަ ކުޅުންތެރިންނަށް އެ ފުރުސަތު ދިނުނަށްޓަކައި އެއް ބަޔަކު ގުރުބާނީވެ، ފުޓްބޯޅަ އިންތިޒާމްކުރަން ތިބެން ޖެހޭނެ ކަމަށެވެ. އެހެންވެ ފުޓްބޯޅަ ކުޅުންތެރިޔަކަށް ނުވެވުނު ނަމަވެސް، މިއަދު އޭނާ ޒިންމާތަކާ މެދު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. ހާއްސަކޮށް އެހާ ޒުވާން އުމުރެއްގައި އެފަދަ ޒިންމާއެއް ނަގަން ލިބުމަކީ އޭނާ ފަހުރުވެރިވާ ކަމެކެވެ.
"ޒުވާން އުމުރެއްގައި ވިޔަސް މިފަދަ ބޮޑު ޒިންމާއެއް ނެގިދާނެކަން ސާބިތުކޮށްދޭން ބޭނުންވަނީ. ޒުވާނުންނަށް ނަމޫނާއަކަށް ވާން ބޭނުންވޭ،" ރިޔާޒް ބުންޏެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އޭނާއާ ހަވާލުވި އެ ޒިންމާގެ ދަށުން ފަށާ ފުރަތަމަ ފުލް ސީޒަން އަންނަ މަހު ފަށާނެ އެވެ. ފުރަތަމަ އޮންނާނީ ދިވެހި ޕްރިމިއާ ލީގެވެ. ޖުމްލަ އަށް ޓީމުގެ މެދުގައި 168 މެޗު އިންތިޒާމްކުރަން ޖެހޭނެ އެވެ. ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް 200 އެއްހާ މީހުންގެ ރަޖިސްޓްރީ ބަލަހައްޓަން ޖެހޭނެ އެވެ.
ރިޔާޒް އޭއެފްސީގެ އިދާރާގައި.
ރިޔާޒްގެ ފުރަތަމަ ފުލް ސީޒަނާ ކުރިމަތިލަނީ އެހެން ބޮޑު ޗެލެންޖަކާ ވެސް އެކު އެވެ. އެއީ މީގެ ކުރިން ކަރުދާހުގައި ކުރަމުން އައި ރަޖިސްޓްރޭޝަން މަސައްކަތްތައް ފީފާގެ ޑޭޓާބޭސްގެ ތެރެއިން ކުރިއަށްގެންދިއުމަށް ތައްޔާރުކޮށްފައިވާ ފީފާ ކަނެކްޓް ޕްރޮގްރާމާ ދިވެހި ފުޓްބޯޅަ ގުޅާލުމުގެ މަސައްކަތެވެ.
"މި ސިސްޓަމަކީ ފީފާ އިން ވެސް ބޭނުންކުރަމުން އަންނަ ސިސްޓަމެއް. މީގެ އެހީގައި ކޯޗުން އޮފިޝަލުން އަދި ކުޅުންތެރިންގެ މައުލޫމާތު އެއްތާކުން ފަސޭހައިން ފެންނަން ހުންނާނެ. މައުލޫމާތު ގެއްލިގެން ހޯދާކަށް ނުޖެހޭނެ. މިއީ ދިވެހި ފުޓްބޯޅަ އަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް،" ރިޔާޒް ބުންޏެވެ.
އެފްއޭއެމުން މީގެ ކުރިން ކްލަބްތަކާއި ކުޅުންތެރިން އަދި އޮފިޝަލުންނާ ގުޅޭ މުހިއްމު ގިނަ މައުލޫމާތުތައް ބަލަހައްޓަމުން އައީ މެނުއަލް ކޮށެވެ. އަދި ކްލަބްތަކުން ވެސް އަމަލުކުރަމުން އައި އެ ފަދަ އުސޫލެއްގެ ތެރެއިންނެވެ.
"މިއީ ދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލެއް އަންނާނެ ފަދަ ކަމެއް. ޕޭޕާލެސްކޮށް ފުޓްބޯޅައިގެ ހުރިހާ މަސައްކަތްތަކެއް ދެން ކުރެވިގެންދާނީ. ކުޅުންތެރިންގެ މައުލޫމާތާއި ސްޓެޓިސްޓިކްސް ވެސް ފަސޭހައިން ދެން ލިބެން ހުންނާނެ،" ރިޔާޒް ބުންޏެވެ.
ރިޔާޒް ބުނި ގޮތުގައި އެފަދަ މުހިއްމު މަސައްކަތެއް ބޯމަތީގައި އޮތް އަހަރެއްގައި އެފްއޭއެމުން އޭނާއާ އެ ޒިންމާ ހަވާލުކުރީ އެ އެސޯސިއޭޝަނުން އޭނާ އަށް އިތުބާރުކުރާތީ ކަމަށާއި އެއީ ކުރިއަށްދާން ލިބޭ ހިތްވަރެއް ކަމަށެވެ.
"އެންމެ ބޮޑު ހިތްވަރަކީ އެފްއޭއެމުން ކުރާ އިތުބާރާއި ދޭ ސަޕޯޓް. ހާއްސަކޮށް ޗެއާމަން ބައްސާމްގެ ފަރާތުން ލިބޭ ބޮޑު ސަޕޯޓެއް،" ރިޔާޒް ބުންޏެވެ.
ކޮމްޕެޓިޝަން ޑިޕާޓްމަންޓުގެ މަސައްކަތުގެ ތެރެއިން ރިޔާޒް އަންނަނީ 2015 އިން ފެށިގެން ރާއްޖޭގެ މުބާރާތްތަކުގެ މެޗު ކޮމިޝަނަރުކަން ވެސް ކުރަމުންނެވެ. އަދި 2018 އިން ފެށިގެން ފުރަރަމަ ޑިވިޝަނުގެ މެޗުތަކުގެ ކޮމިޝަނަރުކަން ވެސް ކުރެ އެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މެޗުތަކުގައި ލޯކަލް ޖެނެރަލް ކޯޑިނޭޓަރުގެ ޒިންމާ ވެސް ނަގަ އެވެ. އޭގެ ތެރޭގައި ފީފާ ވޯލްޑް ކަޕް ކޮލިފައިން އާއި އޭއެފްސީ ކަޕުގެ މެޗުތައް ހިމެނެ އެވެ. އިންޓަނޭޝަނަލް މެޗު ކޮމިޝަނަރުކަން ކުރުމަށް އޭއެފްސީން ކަނޑައަޅާފައިވާ އުމުރު ހަމަވުމާ އެކު އޭނާގެ އުއްމީދަކީ އެ ފުރުސަތު ވެސް ހޯދުމެވެ.
"ބޭނުންވަނީ ދައްކައިދޭން ފުޓްބޯލް އެޑްމިނިސްޓްރޭޝަނަކީ ވެސް ރަނގަޅު ކެރިއަރެއް ބިނާކުރެވިދާނެކަމެއް ކަން،" ރިޔާޒް ބުންޏެވެ. "ކިތަންމެ ބޮޑު ޒިންމާއެއް ވިޔަސް ދޫކޮށްލާކަށް ބޭނުމެއް ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތަ
05 December 2020
ހަމަ އަމިއްލަ މަސައްކަތުންތަ ތިހިސާބައް ދިޔައީ
ޟާނު
25 November 2020
ޢެޅިހާބަތަކަށްރިހަ އަޅާމީހުން ބައިތިއްބަިގެން އެފއޭއެމް މިހިންގަނީ
ސޮކާ
25 November 2020
މަ އަޑުއަހަން ބޭނުމީ ކިޔެވި އެއްޗެއް
90 ގެ ފުޓްބޯޅަ ސަޕޯޓަރެއް
24 November 2020
މަރްހަބާ... ދިވެހި ފުޓްބޯޅަ އަށާއި ދިވެހި އެފް އޭ އޭމް އަށް ކުރިއެރުން އެދެން.