ކުޅިވަރު / ކްލަބް ވެލެންސިއާ

ދަގަނޑޭ އާއި ވެލެންސިއާ: މާޒީގެ ހަނދާންތަކެއް

ދަގަނޑޭ 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ކުޅެނީ.

އޮކްޓޫބަރު 31، 2005 ގެ ރޭ ގަލޮޅު ދަނޑުގައި ކުޅެވެމުން ދިޔައީ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ވާދަކުރާ މެޗެވެ. ވިކްޓްރީ 1-0 އިން މޮޅުވި އެ މެޗުގެ، "ހަވީރު އޮންލައިން" ގެ ލައިވް އޯޑިއޯ ކޮމެންޓްރީގައި ނޫސްވެރިޔާ އަބްދުﷲ އަޒްމީނާ އެކު ބައިވެރިވި ނިއުގެ ޗެއާމަން އަލީ އާޒިމް ދިވެހި ފުޓްބޯޅަ އާއިލާ ސިހިގެން ދިޔަ ހަބަރެއް ދެއްވި އެވެ؛

އެތައް ކްލަބަކުން އޭނާގެ ސޮއި ހޯދަން އެހާތަނަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ކްލަބް ވެލެންސިއާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެލެންސިއާ ދޫކޮށްލަން ނިންމި ހަބަރެވެ. މާގިނަ އިރުތަކެއް ނުވަނީސް، ވެލެންސިއާއާ އެކު ދަގަނޑޭ ހަދާފައިވާ ކޮންޓްރެކްޓް އެރޭ ހަމަވުމާ އެކު މެންދަމުގެ ވަގުތެއްގައި ދަގަނޑޭ ނިއު އަށް ސޮއިކުރި އެވެ.

އުމުރުން 16 އަހަރުގައި، 2001 ވަނަ އަހަރު ވެލެންސިއާގައި ޖާޒީގައި ގަލޮޅު ދަނޑަށް ނުކުމެ ޖާދޫ ދައްކަން ފެށި ދަގަނޑޭ އެ ކްލަބް ދޫކޮށްލުމަކީ ވެލެންސިއާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ. ދަގަނޑޭ އަކީ ވެލެންސިއާ އިން ދަރިއެއްހެން ގެންގުޅުނު ކުޅުންތެރިއެކެވެ. އެއް ފަހަރަކު އޭނާ ސައިކަލް އެކްސިޑެންޓެއްވުމުން ފަރުވާ ދިނީ އޭރުގެ ޗެއާމަން އަދީލް ޖަލީލުގެ ގޭގައި ބާއްވައިގެންނެވެ. އެ ކްލަބުން އޭނާ ބަލަމުންދިޔައީ އެހާ ވެސް ގާތުންނެވެ.

ދަގަނޑޭ 2004 ގައި ވެލެންސިއާ އަށް މެޗެއް ކުޅެނީ.

ވެލެންސިއާ ދޫކޮށްލުމަށް ފަހު ދަގަނޑޭ ނިއުގެ އިތުރުން ރާއްޖޭގެ ވީބީ، މާޒިޔާ، ގްރީންސްޓްރީޓްސް، ޓީސީ އަދި ބުރުނާއީގެ ޑީޕީއެމްއެމް އާއި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުނެވެ. އެ ކްލަބްތަކަށް އެތައް ކާމިޔާބީއެއް އަދި އިންޑިވިޖުއަލީ ވެސް އެހާމެ ގިނަ ކާމިޔާބީތަކެއް ހާސިލްކުރި އެވެ. އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ މިހާރު ގުނަމުން އެދަނީ ކެރިއަރުގެ ފަހު ދުވަސްތަކެކެވެ.

އެކަމަކު އޭނާގެ ސަޕޯޓަރުންނަށް ވެސް އަދި ދިވެހި ފުޓްބޯޅަ އާއިލާ އަށް، ދަގަނޑޭގެ ކެރިއަރުގައި އަދި ބައެއް ކަންކަން ފުރިހަމަނުވެ އޮތް ކަމުގެ އިހުސާސް ކުރެވޭނެ އެވެ. ދަގަނޑޭ 15 އަހަރު ފަހުން ރޭ އަލުން ވެލެންސިއާ އަށް ބަދަލުވުމާ އެކު، ފުރިހަމަ އެވީ އޭގެ ތެރެއިން އެއް ކަންތަކެވެ. މާޒީގެ ރީތި ހަނދާންތައް އާކުރުމަށްޓަކައި ދަގަނޑޭ އަލުން ވެލެންސިއާގެ ރީނދޫ ޖާޒީގައި ކުޅޭ މަންޒަރަށް ދިވެހި ފުޓްބޯޅަ އޮތީ ފެންބޮވައިގެންފަ އެވެ. ކެރިއަރު ފެށި ކްލަބަށް އަދި އެއް ފަހަރު ނަމަވެސް ހިދުމަތެއް ކޮށްދިނުމަކީ ދަގަނޑޭ ވެސް އެދިއެދި ހުންނާނެ ކަމެއް ކަމަށް ބެލެވެ އެވެ. އެފަދަ އެތައް ސަބަބުތަކެވެ.

ދަގަނޑޭ ވެލެންސިއާ އަށް ކުޅެދިން ހަތަރު އަހަރަކީ އެތައް ހަނދާންތަކެއް ރައްކާކުރެވިފައިވާ އަހަރުތަކެކެވެ. ދަގަނޑޭގެ ފުރަތަމަ ފެނިލުމަކީ 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ކުޅުމެވެ. އެ މުބާރާތުގެ ފައިނަލުގައި ވެލެންސިއާ އިން 1-0 އިން ވިކްޓްރީ ބަލިކޮށް ތަށި ހޯދުމާ އެކު ކުޑަކުޑަ ދަގަނޑޭގެ ކަރުގައި ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް އެޅުވިގެންދިޔަ އެވެ.

ދަގަނޑޭ (ވ-2) ލަނޑެއް ޖެހުމަށް ފަހު ލައްޗޭ (ކ) އާއި ސައްޕާ (ކ-2) އާއި ތޮއްޑޫ (ކ-3) އަދި ލުއްޑާއާ އެކު އުފާފާޅުކުރަނީ.

ފުރަތަމަ އަހަރު އެންމެ މުބާރާތެއްގައި ކުޅެ އެންމެ ލަނޑެއް ކާމިޔާބުކުރެވުނު ނަމަވެސް ދަގަނޑޭގެ ފުރަތަމަ ފުލް ސީޒަނުގައި، 2002 ވަނަ އަހަރު 12 ގޯލް ޖެހި އެވެ. އެއީ ދަގަނޑޭ ހިމެނިގެން، އަލީ އުމަރާއި އަލީ ޝިހާމް، "ތިން އަލީ" ގެ ޖާދޫ ވެލެންސިއާ އިން ދެއްކި ސީޒަނެވެ. ތޮއްޑޫ މުހައްމަދު ނިޒާމުގެ މޮޅު ޕާސްތަކަށް އަރައި ދަގަނޑޭ ހިތްގައިމު ގޯލްތަކެއް ޖެހި އެވެ. ލަނޑު ޖެހުމަށް ފަހު ނުއަތަށް ބުރު އެއްލި އެވެ. އެ އަހަރުގެ ދިވެހި ލީގުގައި ނިއު ކޮޅަށް ފުންނާބުން ޖެހި ލަނޑަކީ ދަގަނޑޭގެ އެންމެ ހާއްސަ އެއް ލަނޑެވެ.

ޖެހިގެން އައި 2003 ގައި 36 ގޯލް ޖެހުމަށް ފަހު ދަގަނޑޭ 2004 ވަނަ އަހަރު ކުރިމަތިލީ ކެރިއަރުގެ އެންމެ ހާއްސަ އެއް ސީޒަނާ އެވެ. އެ އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕްވިނާސް ކަޕުގެ ފައިނަލުގައި އައިއެފްސީ 1-0 އިން ބަލިކޮށް ވެލެންސިއާ ތަށި ހޯދި އެވެ. ދެން އޮތް އެފްއޭ ކަޕުގެ ފައިނަލުގައި ވިކްޓްރީ 2-0 އިން ބަލިކޮށް ވެލެންސިއާ ތަށި ހޯދި އެވެ. އެ ސީޒަނުގައި ދަގަނޑޭ 37 ގޯލް ޖަހައި އެއް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދި އެވެ.

އެކަމަކު އެ އަހަރުގެ މާލޭ ލީގުގައި ނިއު އަތުން 3-2 އިން ވެލެންސިއާ ބަލިވި މެޗަކީ އެ ކްލަބާއި ދަގަނޑޭއާ ދެމެދު ދުރުމިނެއް އުފެދުނު މެޗެކެވެ. އެ މެޗުން ނިއު ބަލިނުވެ ފަރުޖައްސާލައި ނަމަ އެ ޓީމަށް ލީގު ލިބޭނެ އެވެ. ވެލެންސިއާ މޮޅުވެއްޖެ ނަމަ ލީގު ލިބޭނީ ވިކްޓްރީ އަށެވެ. ނިއުއާ އަބަދުވެސް ދެކޮޅުވެރިކަމެއް އޮންނަ ވެލެންސިއާގެ ކޯޗު ލާސްލޯ ކިސް ހުރީ ނިއު އަށް ލީގު ލިބުނަނުދޭން ފޫގަޅައިފަ އެވެ.

ވެލެންސިއާގެ ކުރީގެ ކޯޗު ކިސް.

އެ މެޗުގައި ވެލެންސިއާ 2-1 އިން ކުރީގައި އޮއްވާ ތިން ވަނަ ލަނޑެއް ޖަހަން ދަގަނޑޭ އަށް މަގުފަހިވި އެވެ. އެކަމަކު އޭރިއާ ތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ހުސްކޮށް އޮތް ކުޅުންތެރިޔާ ނުދީ އޭނާ މަސައްކަތްކުރީ އެތެރެއަށް ދެމި ގަންނާށެވެ. އެ ވަގުތު ނިއުގެ ޑިފެންޑަރަކު އެ ބޯޅަ އަތުލައި އުފެއްދި ހަމަލައެއްގައި އިލިއާ ވަލްޗޭފް ގޯލް ޖަހައި 2-2 އަށް ނަތީޖާ ބަދަލުކުރި އެވެ.

އެއާ އެކު ކިސް ރުޅިގަދަދަވި އެވެ. އިރުކޮޅެއް ތެރޭ އިލިއާ ނިއު އަށް ދެ ވަނަ ގޯލެއް ޖަހައިދީ އެ ޓީމަށް ލީގު ކަށަވަރުކޮށްދިނެވެ. އެއާ އެކު ކިސްގެ ރުޅިގަނޑު ފަޅައިގެން ގޮސް ދަގަނޑޭ އަށް އެންގީ އަޅައިގެން ހުރި ކެޕްޓަން ބޭންޑް ބޭލުމަށް ފަހު ދަނޑުން ފޭބުމަށެވެ. އޭރު ވެލެންސިއާގެ ތިން ބަދަލު ހަމަވެފައި އޮތުމުން ބާކީ 10 މިނެޓަށް އެހެން ކުޅުންތެރިޔަކު އެރުވެން ނެތަސް ކިސް އައިސްފައި ހުރި ރުޅިން ބޭނުންވީ ދަގަނޑޭ ބާލަށެވެ. އޭނާ މަޑުމަޑުން ފައިބައިގެން ގޮސް ދިޔައީ ޗޭންޖިން ރޫމަށެވެ.

އެހިސާބުން ދަގަނޑޭ އާއި ކިސްއާ ދެމެދު ގުޅުން ގޯސްވި އެވެ. އަދި އެ ސީޒަން ނިމުމުން ދަގަނޑޭ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. އޭނާ ގެންދަން ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. އެކަމަށް ބާރު ލިބެނީ ޖެހިގެން އައި 2005 ގެ ވެލެންސިއާ ޕްރެކްޓިސް ފެށިއިރު ވެސް އޭނާ ކޮންޓްރެކްޓް އާނުކުރުމެވެ. އެކަމަކު ވަގުތު ނިންމީ ވެލެންސިއާގައި މަޑުކުރާށެވެ.

ދަގަނޑޭ (ކ) އާއި އަދީލް ޖަލީލް ކޮންޓްރެކްޓް ދައްކާލަނީ.

އެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕްވިނާސް ކަޕުގެ ފައިނަލުގައި ދަގަނޑޭގެ ދެ ލަނޑުން ވިކްޓްރީ 2-1 އިން ބަލިކޮށް ވެލެންސިއާ ތަށި ހޯދި އެވެ. އެކަމަކު އެފްއޭ ކަޕުގެ ފައިނަލުން ނިއު އަތުން 2-0 އިން ބަލިވީ އެވެ. އެ މެޗުގައި އޭނާގެ ކެރިއަރުގައި 100 ވަނަ ގޯލް ޖަހަން ދަގަނޑޭ އަށް ފުރުސަތު އޮތް ނަމަވެސް އެ މެޗުގައި އެކަން ކާމިޔާބެއް ނުވި އެވެ. ދެން އޮތް މުބާރާތް ކަމަށްވާ ދިވެހި ލީގުގެ އައްޑަނައިގައި ވެސް ވެލެންސިއާ އަށް އަތްލެވޭ ގޮތެއް ނުވި އެވެ. ހުއްރިއްޔާ ކާމިޔާބުކުރި އެ މުބާރާތުގެ ހަތަރު ވަނަ އަށް ވެލެންސިއާ ދިއުމުން ޖެހުނީ ގައުމީ މުބާރާތުގެ ދެ ވަނަ ސެމީގައި ވިކްޓްރީއާ ވާދަކުރާށެވެ.

އެ މެޗުން ވިކްޓްރީ އަތުން 5-1 އިން ވެލެންސިއާ ބަލިވެ ސީޒަން ނިންމާލަން ޖެހުނެވެ. އެ މެޗު ވެގެންދިޔައީ ދަގަނޑޭ ވެލެންސިއާ އަށް ކުޅެދިން އެންމެ ފަހު މެޗަށެވެ. އަދި އެ މުބާރާތް ނިމުމާ އެކު ދަގަނޑޭ ވެލެންސިއާ ދޫކޮށްލި އެވެ. އޭނާ ވަނީ ހަތަރު އަހަރުގެ ތެރޭގައި އެ ޓީމާ އެކު ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕާއި ޕޮމިސް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެ ޓީމަށް 109 މެޗުން 104 ގޯލު ޖަހައިދިނެވެ.

އޭގެ 15 އަހަރު ފަހުން، ދަގަނޑޭ މިވަނީ އަލުން ވެލެންސިއާއާ ގުޅިފަ އެވެ. ރޭ ވެލެންސިއާ އަށް ސޮއިކުރުމަށް ފަހު ދަގަނޑޭ ކޮންޓްރެކްޓް ހިފައިެން ފޮޓޯއަކަށް ހުއްޓިހުރީ އޭނާ އެންމެ ފުރަތަމަ ވެލެންސިއާ އަށް ގެންދިޔަ ޗެއާމަން އަދީލް ޖަލީލާ އެއްކޮށެވެ. އެ ފޮޓޯއާ އެކު ދަގަނޑެގެ ކެރިއަރުގައި ފެށުނު އާ ޗެޕްޓަރުގެ ފުރަތަމަ ފެނިލުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ގްރީންސްޓްރީޓްސްއަ ދެކޮޅަށެވެ. މި ޗެޕްޓަރާ އެކު ދަގަނޑޭ އާއި ވެލެންސިއާގެ މާޒީގެ އެތައް ހަނދާންތަކެއް އާވާނެ އެވެ.

12 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 3%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިހަންދުރޯ

02 December 2020

ފުޓުބޯޅަ ފޯރިގެއްލިފައިވާތީ މާޔޫސްވެފައިވާ މީހުންނަށް ބުނެލާހިއްވޭ. އަދިވެސް ފޯރިގެނެވޭނެ މަސައްކަތްކޮއްފިއްޔާ. މިހާރު އޭރުގެ ކުޅުންތެރިންނެއް ދަނޑުމަތިންނެއް ނުފެންނާނެ. މިހާރު ފެންނާނީ މިހާރުގެ ޅަކުދިން. އެކުދިންގެ ތެރޭގައިވެސް ވަރަށް ހުނަރުވެރި ކުދިން އުޅޭ. އެކުދިންނަށް ސަޕޯޓު ދޭންޖެހޭނީ އަހަރެމެން ސަޕޯޓަރުން. އާ ނަންތަކެއް އުދަރެހުގައި ފަވާލަން ޖެހޭ. އެކަން ކުރަން ޖެހޭނީ އަހަރެމެން ސަޕޯޓަރުން. މައްސަލަ މިއުޅެނީ އަހަރެމެންގެ ވިސްނުމުގައި.

The name is already taken The name is available. Register?

ޒިންދަގީ

02 December 2020

ކުރީގަ ދިވެހިންބެލީ އަޝްފާގުމެންގެ ފުޓުބޯޅަ.. މިހާރު ބަލަނީ ޖާބިރުމެން މޮޅެތި ފޮނިކަނޑާތަން

The name is already taken The name is available. Register?

ރޮމޭ

01 December 2020

ދިވެހި ފުޓްބޯޅައިގެ "އެ ދުވަހެއް" ދެނެއް ނާންނާނެ. 2002 ވަނަ އަހަރުގެ ގައުމީ ފައިނަލް ބަލަން ދަނޑަށް ވަންނަން ޓިކެޓް ގަންނަން 1:30 ގަ ކިޔުގަ ޖެހުނު ހަނދާންވޭ. މިހާރު ކުރާނެ އެހެން ކަމެއް ނެތަސް ތިޔަ ގަލޮޅު ދަނޑަށް މެޗެއް ބަލަން ދާ ހިތެއް ނުވޭ. ނޭނގޭ ކީއްވެ ކަމެއް

The name is already taken The name is available. Register?

ކައް މަތީގެ

01 December 2020

މުބާރާތުގެ އިސްތިހާރުބައި ވ ކުޑަހެން ހީވަނީ ،

The name is already taken The name is available. Register?

މާޓިން ބަޝީރު

01 December 2020

ދަނގަޑޭއަކީ ވަޓް މަރަޑޯނާ އިޒް ޓް އާޖެންޓީނާ. އޭނަ ބޯޅަ ހިފައިގެން ދުއްވައިގަތީމަ ދިވެހިން ޔަގީންކަމެއް އޮވޭ. ސަޕޯޓަރުންގެ ލޭ ކައްކުވާލާ. ޚާއްސަކޮށް ގައުމީޖާޒީގަ ގައުމު ސީޔާސީ އޮއިވަރުގަ ބައިބައިވެފަ އޮންނައިރުވެސް އަތާއަތުން ގުޅުވާލާ. އެފަދަ ކުޅުންތެރިއެއް ދެން ފެންނާނެ ބާއޭވެސް ހިތަށް އަރާ. އެކަމަކު އޭނަގެ ހުނަރު ލިބުނު ފުރުސަތުތަކުގަ ބޭނުން ނުކުރުމަކީ ހިތާމައެއް.

The name is already taken The name is available. Register?

ވަކުންޖު

01 December 2020

އަހަރެން ތިބުނާ މެޗު ބެލިން، އެމެޗުގަ ދަނގަޑޭ ޗޭންޖިން ރޫމަށް ވަނުމަށްފަހު ޗޭންޖުކޮށްގެން މެޗު ނުނިމެނީސް ދަނޑުން ނުކުމެގެން ގެއަށް ދިޔައީ. ..އެހެން ފަހަރަކު އަހަރެން ގަލޮޅު ދަނޑުން ބެލި ވެލެންސިއާ މެޗެއްގަ، ކޮންމެވެސް ރަށެއްގެ ޓީމަކާ ކުޅުނީ އެމެޗުގަ ދަނގަޑޭ ޖެހި 12 ލަނޑު. ފުޓްބޯޅައަކީ މިކަހަލަ އެއްޗެއް އެންމެ މޮޅު ކުޅުން ތެރިއާއަށްވެސް!!!

The name is already taken The name is available. Register?

ބުރުވާލިބާގިރު ރިޔާސީ މާވަހަރު

01 December 2020

މިހާރު ތުއްތު ދަގަނޑޭ އެހުރީ ފުރާފުރިހަމަވެފާދޯ. މިލިޔުން ކިޔާލުމުން 2000 ގެ ކުރީކޮޅަށް ވަގުތުކޮޅަކަށް ސިކުނޑި ގެންގޮއްސި. އަންނިމެން މަގުމަތީގާ ފޯރިނެގިދުވަސްވަރު އެއީ.

The name is already taken The name is available. Register?

ބާބާ

01 December 2020

އަހަރެން ބެލިން ދަނގަޑޭގެ ފުރަތަމަ މެޗު. ޕޮމިސްކަޕު މެޗެއްގަ ފަހު ދެތިން މިނެޓަށް. ސިންގަލް މަންމައެއްގެ ގޮތުގަ ދެކުދިން ބޮޑުކުރަމުން ދިޔަ ދަނގަޑޭގެ މަންމައެއް ދަނޑަށް އޭރަކު ނުވަދޭ. ލަދުންކަމެއް ނުވަތަށް އާކޮޅުވީމަ މަންމަ ދަނޑުގަ ހުރީމަ ދަނގަޑޭއަށް ކުޅެން އުނދަގޫވެދާނެތީމަ ކަމެއް. މަންމަ ފެނުނަސް ފެންނާނީ ދަނޑު ހުޅަގުފަރާތު ހުރި ހަދަމުންދާ އުސްއިމާރާތެއްގެ މަތިން ދަރިފުޅު ކުޅޭތަން ދެކިލަން ހުންނަތަން. ޝި މަސްޓް ބީ ސޯ ޕްރައުޑް.

The name is already taken The name is available. Register?

ނަގިއްޔާ

01 December 2020

ތެދެއް.2003 ވަނަ އަހަރަކީ ދިވެހި ފުޓްބޯޅައިގެ ހަޔާތުގަ އާދަޔާޚިލާފު މޮޅު ކުޅުންތެރިއެއް ދިވެހިންނަށް ފެނިގެންން ދިޔައަހަރެއް. ޑިފެންސް ލައިން ފަސޭހަކަމާއެކު ފޫއަޅުވާލާ ވާއަތުފައިން ބާރަށް ބޯޅަ ޖަހާ، އެކުޅުން ތެރިއަކަށް ބޯޅަ ލިބުމުން އިދިކޮޅު ޓީމުގެ ގޭމް ޕްލޭން ގެއްލި، މުޅިޓީމު ފަހަތަަށްޖެހި، ބިރުވެރިކަން އުފެދޭ! ހަމައެކަނި ބާރު ޝޮޓަކުން ލަނޑެއް ޖަހަނީނުން ޑިފެންސް ކަޓްވާލާ ކީފަރު ކަޓްވާލާ، ސަޕޯޓަރުންނަށް ކޮންފަދަ ހިތްގައިމު މަންޒަރު ތަކެއް އެއީ.

The name is already taken The name is available. Register?

ޅަބޭ

01 December 2020

ސުވާލަކީ އައި.ސީ.ޔޫގަ އޮތް ދިވެހި ފުޓުބޯޅަ، ކިހިނެތްތޯ ދެން ސަލާމަތް ކުރާނީ............

The name is already taken The name is available. Register?

ކަންފަތް

01 December 2020

ފުޓްބޯޅަ ސަޕޯޓަރުންގެ ސަޕޯޓާއިއެކު ވާނީ. ސިޔާސީ ކަންކަމުން މުނިފޫހި ފިލުވުމުގެ ބަދަލުގައި އެނބުރި ފުޓްބޯޅައިން މުނިފޫހިފިލުވައިގެން ކުރިއެރުމެއް އޮތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!