ދިވެހި ކުޅިވަރު / އޭއެފްސީ ކަޕް 2021

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ބާއްވަން ރާއްޖޭން ބިޑްކޮށްފި

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ކުޅުންތެރިއަކު އަތުން ބޯޅަ ހޯދަން މާޒިޔާގެ ސަމޫހު (ވ) މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

19 ފެބުރުއަރީ 2021 - 09:36

މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކުޅެން ނިންމާފައިވާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ރާއްޖެ އިން ވެސް ހުށަހަޅާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ދެން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިންޑިއާ އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ރާއްޖޭން ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

"މި ކޮޅުން (އެފްއޭއެމް) އިން ވެސް ވާނީ ހުށަހަޅާފައި (ބިޑްކޮށްފައި). މި ވަގުތަށް ނޭނގޭ ކިތައް ގައުމުން ކަމެއް ބޭނުންވަނީ ހޯސްޓްކުރަން. ހުޅުވާލުމާ އެކު ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ގޮތަށް އެފްއޭއެމުން ވެސް ވާނީ ހުށަހަޅާފައި. ދެން ކުރިއަށް ދާނެ ގޮތެއް އޭއެފްސީން ވަރަށް އަވަހަށް ނިންމާނެ،" ޖަވާ ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް (ގްރޫޕް ޑީ)ގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިން ބުރުގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރާނެ އެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ ބާކީ މެޗުުތައް ހޯސްޓްކުރަން ހުޅުވާލި ބިޑް ކާމިޔާބުކުރީ ރާއްޖޭންނެވެ. މިދިޔަ އޮކްޓޫބަރު މަހު ފަށާ ގޮތަށް މެޗުތަކުގެ ޝެޑިއުލް އާންމުކުރި ނަމަވެސް އެންމެ ފަހު ވަގުތު މުޅި މުބާރާތް ކެންސަލްކުރީ ހުރިހާ ގްރޫޕްތަކެއްގެ މެޗުތައް ކުރިއަށްގެންދެވޭނެ މަގެއް އޭއެފްސީ އަށް ނުފެނުމުންނެވެ.

ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ބާއްވަން ރާއްޖޭން ބިޑްކުރާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލިބެން ޖެހޭ ޔަގީންކަން ލިބުމުން ކަމަށެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗުތަކެއް ހޯސްޓްކުރަން ބިޑްކޮށް އެކަން ކާމިޔާބުވެފައި އޮއްވައި ވަކި ހިސާބަކުން ހުއްޓާލަން ޖެހިއްޖެނަމަ އެއީ ފަސޭހަކަމަކަށް ނުވާނެތީ ކަމަށެވެ.

ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ހުށަހަޅައިފިނަމަ ކާމިޔާބުވުމުގެ ބައެއް ކަހަލަ ފުރުސަތުތައް އެބަހުރިކަމަށް ބައްސާމް ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ދިމާވި އެންމެ އުނދަގޫ ހާލަތުގައި ރާއްޖޭން އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރަން ބިޑްކޮށް މުބާރާތް ކުޅެން ވާންޖެހޭ ތައްޔާރީތައް ވެފައިވާތީކަން ބައްސާމް ފާހަގަކުރެއްވި އެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ ޓީމުތައް ކުޅޭ ކޮލިފައިން ބުރު އޮންނާނީ އޭޕްރީލް މަހު ހަތް ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ މެއި މަހު 14 އިން 20 ވަނަ ދުވަހަށެވެ. ސެންޓްރަލައިޒްކޮށް އެއް ލެގު ކުޅޭ ގޮތަށް ކޮލިފައިން ބުރު ވެސް ކުރިއަށްގެންދާއިރު، ރާއްޖޭގެ އީގަލްސް ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށެވެ.

ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް މާލެ ސަރަހައްދުގައި އިތުރުވަމުންދާތީ އެޗްޕީއޭގެ އެންގުމަށް މި މަހު ތިން ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގު 14 ދުވަހަށް މެދުކަނޑާލި އެވެ. އެޗްޕީއޭ އިން ވަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދައްމާލައިފަ އެެވެ.

ދިވެހި ލީގު އަލުން ފަށަން ކުރާ މަސައްކަތުގައި ހައްލެއް ހޯދަން ކްލަބްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީގެ އެހީތެރިކަމާ އެކު ފުރަަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ. ހުރިހާ ކްލަބެއް ވެކްސިން ޖަހައި ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކްލަބްތަކުގެ ޕްރެކްޓިސް ފަށަން ހުއްދަދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454