ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ނޮވެމްބަރ 2016 - 12:43
މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު އަލީ ފާސިރު (ސެންޓޭ) ވަނީ މޮޅު ކުޅުމެއް ދައްކައި ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި އަހަރު ސެންޓޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު ނަމަވެސް އަދި ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވެ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕުގެ ދެ ވަނަ ހޯދިއިރު ދެން މިއޮތީ ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ސެންޓޭ ހުރީ މިއީ އޭނާ އަށް ކާމިޔާބު ސީޒަނަކަށް ހެދުމަށްޓަކައި މި މުބާރާތް ކާމިޔާބުކުރަން އަޒުމް ކަނޑައަޅައިގެންނެވެ.
ސީޒަނުގައި މިހާތަނަށް ސެންޓޭ ވަނީ 32 ލަނޑު ޖަހައިފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ސެންޓޭ ހޯދިއިރު، ޓީސީ ލީގު ނިންމާލީ ދެ ވަނައިގަ އޮވެ އެވެ. އެންމެ ފަހުން ނިމުނު އެފްއޭ ކަޕް ފައިނަލުން ވެލެންސިއާ އަތުން 3-1 އިން ޓީސީ ބަލިވިއިރު، ކުއާޓާ ފައިނަލުގައި އީގަލްސް އަތުން މޮޅުވި ލަނޑު ޖަހައިދިނުމުގެ އިތުރުން ސެމީ ފައިނަލުގައި ނިއު ކޮޅަށް ވެސް ސެންޓޭ ވަނީ ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"އަމިއްލަ ފޯމަށް ބަލާއިރު މިއީ އަހަންނަށް ވަރަށް ކާމިޔާބު އަހަރެއް. އެކަމަކު އެންމެ މުހިއްމީ ޓީމަށް ކާމިޔާބެއް ހޯދައިދިނުން. ޓީސީ އަކީ މި އަހަރު އެންމެ ރަނގަޅަށް ކުޅޭ އެއް ޓީމު. ސީޒަންގެ ފަހު މުބާރާތަށް ނުކުންނައިރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މި މުބާރާތް ޓީސީ އަށް ކާމިޔާބު ކޮށްދޭން،" ސެންޓޭ ބުންޏެވެ.
އެފްއޭ ކަޕް ސެމީ ފައިނަލުގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސެންޓޭ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނީ ހުރިހާ ކުޅުންތެރިންގެ ވެސް އަމާޒަކަށް ވެފައި ވަނީ އެފްއޭ ކަޕްގެ ފައިނަލުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ.
ސެންޓޭ ވަނީ އެންމެ ފަހުން ކުޅުނު ދެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ވެސް ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުން މާޒިޔާ އަތުން ނިއު ރޭޑިއަންޓް 3-1 އިން ބަލިވިއިރު، ނިއުގެ ހަމައެކަނި ލަނޑު ޖެހީ ސެންޓޭ އެވެ. އަދި 2014 ވަނަ އަހަރުގެ ފައިނަލުގައި އީގަލްސް އަތުން 1-0 އިން ނިއު މޮޅުވިއިރު، ސެންޓޭ ވަނީ ފަހު ވަގުތު އެ ޓީމު މޮޅުކޮށްދީ ތަށި މިލްކުކުރުމަށް އެހީވެދީފަ އެވެ.
އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ފިޓްނަސްގެ މައްސަލަ ދިމާވުމުން ސެންޓޭ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެކަމަކު މި ސީޒަނުގައި ޓީސީ އަށް ބަދަލުވި ފަހުން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ސެންޓޭ އަންނަނީ ތަފާތު ދައްކަމުންނެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުން އީގަލްސް ވަނީ 3-0 އިން ނިއު ބަލިކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި ޓީސީ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމ.އޭ.ކަރީމް
17 November 2016
އަލީ ފާސިރު އަދި ޓީސީ އަށް ކާމިޔާބަށް އެދެން.މާތް އިރާދަފުޅުން ކާމިޔާބުދެއްވްވާށި.
ހައްޕު
17 November 2016
ސެންޓޭ މި ސީޒަނުގަ ތަފާތު ބޮޑުކޮށް މޮޅު. ތައްޓެއް އެކަނި މަދުވަނީ. ސެންޓޭ ފެންވަރުގެ އިތުރު ކުޅުންތެރިއެއް މި އަހަރު ގަލޮޅު ދަނޑުން ނުފެނޭ.