ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ބޮޑު މޮޅަކާ އެކު ގްރޫޕްގެ އެއް ވަނަ މާޒިޔާ އަށް

ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އަސަދުﷲ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

21 ނޮވެމްބަރ 2016 - 23:03

ކެޕްޓަން އަސަދުﷲ އަބްދުﷲގެ ހަތަރު ލަނޑާ އެކު ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 8-0 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ބީ އިން އެއް ވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ގްރޫޕްގެ އެއް ވަނަ މާޒިޔާ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި މި ގްރޫޕުން ސެމީ އަށް ދިޔައީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ޓީމު ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. ގްރޫޕްގެ އެންމެ ފުލަށް ދިޔައީ ސ. ފޭދޫ އެވެ. މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންގެ ހައިސިިއްޔަތުން މި މުބާރާތުގައި ވާދަކުރި ފޭދޫ މުބާރާތުން ވަކިވީ ޕޮއިންޓެއް ނުލިބި އެވެ.

މި މެޗުގައި އަސަދުﷲ ޖެހި ހަތަރު ލަނޑާ އެކު އޭނާ ވަނީ ސީޒަނުގައި 32 ގޯލު ހަމަކޮށްފަ އެވެ. އެންމެ ކުރީގައި އުޅެނީ ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ 34 ލަނޑު ޖަހައިފަ އެވެ.

ސެމީ ފައިނަލް:

- އީގަލްސް - ޔުނައިޓެޑް ވިކްޓަރީ (25 ނޮވެމްބަރު 2016)

- މާޒިޔާ - ޓީސީ ސްޕޯޓްސް ކްލަބް (26 ނޮވެމްބަރު 2016)

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގަ އެވެ. އެ މެޗުން މާޒިޔާ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މި ދެ ޓީމު މި މެޗަށް ނުކުތްއިރު ވެސް އޮތީ ސެމީ ފައިނަލު ޔަގީންވެފަ އެވެ. ޔުނައިޓެޑް ވިކްޓަރީ މި މެޗަށް ނުކުތީ ފުރަތަމަ އެގާރައިގައި އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވުކޮބްރެޓް ޑޯޑީ އާއި ރަފީނިއާ އަދި ކީޕަރު މަހުމޫދު އަލް ޔޫސުފް ނުހިމަަނަ އެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ 15 މިނިޓްގައި މާޒިޔާ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ ހަ ވަނަ މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭރިއާ ރޮނގުކައިރިން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ މިނިޓެއް ފަހުން ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ފޯވާޑް ކެރިކް އަންދްރޭ މާޒިޔާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 13 އަދި 14 ވަނަ މިނިޓްގައި މާޒިޔާގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ކާމިޔާބުކުރީ އަސަދުﷲ އެވެ. އަސަދުﷲ މި ދެ ލަނޑު ޖެހީ ވެސް ދަގަނޑޭ ތަނަވަސްކޮށްދިން ދެ ފުރުސަތުންނެވެ.

އަސަދުﷲ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 29 ވަނަ މިނިޓްގަ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ކައިރީގައި ހުރި ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ޝުވައިބު (ވ) ކައިިރިން ދަގަނޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ މުހައްމަދު އިރުފާން (އިރޭ) އެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އިރޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 12 ސިކުންތު ތެރޭގައި މާޒިޔާގެ ހަ ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ. އޭނާ މި ލަނޑު ޖެހީ އަހުމަދު ނާޝިދު (ނާއްޓޭ) ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށް ފަހު ދިން ބޯޅައަކުންނެވެ.

މާޒިޔާގެ ހަތް ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް ހުސެއިން ނިޔާޒު (ބޮކުރީ) ނަގައިދިން ހުރަހަކުން މެޗުގެ 69 ވަނަ މިނިޓްގައި ދަގަނޑޭ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ މިނިޓެއް ފަހުން މާޒިޔާގެ އަށް ވަނަ ލަނޑު ޖެހީ މުހައްމަދު އުމެއިރު އެވެ. އުމެއިރުގެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ބޮކުރީ އެވެ.

އިތުރު ލަނޑު ޖަހަން މާޒިޔާގެ ނާއްޓޭ އާއި އަސަދުﷲ އަދި ދަގަނޑޭ އަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ނާއްޓޭ އާއި ދަގަނޑޭ ފޮނުވާލި ބައެއް ބޯޅަތައް ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އިބްރާހިމް ރަޝީދު މަތަކުރިއިރު، އަސަދުﷲ ފޮނުވާލި ހަމަލާތައް ގޯލާ ސީދާވާގޮތެއްނުވި އެވެ.

މި ހާފްގައި ލަނޑު ޖަހަން ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އަށް މާޒިޔާ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން މިރޭގެ މެޗުގައި ފެނުނީ ފަހަކަށް އައިސް އެ ޓީމުގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުމެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 15%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454