ޔުނައިޓެޑް ވިކްޓަރީގެ އަންދްރޭ (ވ) ކައިރިން އީގަލްސްގެ ނައުފަލް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ނޮވެމްބަރ 2016 - 09:54
ކްލަބް އީގަލްސް އަކީ މުޅި ސީޒަނަށް ބަލާއިރު ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ޓީމެކެވެ. މި އަހަރު ފުރަތަމަ ޑިވިޝަންގައި އީގަލްސް އަށް ބަލިނުކުރެވި އޮތީ ދެ ޓީމެކެވެ. އެއީ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އެވެ. އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ މި ފަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އެހެން ނަމަވެސް މިރޭ ޕްރެޒިޑެންޓަސް ކަޕްގެ ސެމީ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރާއިރު، މިއީ ޔަގީނުން ވެސް ނަތީޖާ ނެރެންޖެހޭ މެޗެކެވެ.
މި ފަހަރުގެ ސީޒަން އީގަލްސް އިން ފެށީ ވަރަށް ރަނގަޅަށެވެ. ލީގުގައި ފުރަތަމަ ކުޅުނު 13 މެޗު އެ ޓީމުން ނިންމާލީ ބަލި ނުވެ އެވެ. އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވީ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުން މާޒިޔާ އަތުންނެވެ. ދެން ބަލިވީ ދެ މެޗުންނެވެ. އެއީ ލީގުގެ ފަހު ބުރުގައި މާޒިޔާ އާއި ވިކްޓަރީ އަތުންނެވެ. އީގަލްސް އަށް މައްސަލަ ދިމާވާން ފެށީ އެ ޓީމުގެ އެންމެ އިތުބާރު ޑިފެންޑަރު އަހުމަދު ނުއުމާން (ހެލްމެޓް) އަށް އަނިޔާވި ހިސާބުންނެވެ.
ލީގު ގެއްލުމަށް ފަހު އީގަލްސް އަށް ދެން ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ބަލިވެ މުބާރާތް ނިންމާލަން ޖެހުމެވެ. އެފްއޭ ކަޕާއި ލީގުގައި ދިމާވި މައްސަލަތައް ފަހަތަށް ޖައްސާލުމަށް ފަހު އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕަށް ނުކުތީ ވަރަށް ފޯމުގަ އެވެ. އެ ޓީމު ސެމީން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ މެޗުން ނިއު އަތުން 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ޓީސީ އަތުން މޮޅުވީ 2-1 އިންނެވެ.
އީގަލްސް އިން އެންމެ ފަހުން ޕްރެޒިޑެންޓްސް ފައިނަލުގައި ވާދަކުރީ 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ނިއު އަތުން 1-0 އިންނެވެ. މިދިޔަ އަހަރު ސެމީ ފައިނަލުން އީގަލްސް ކެޓީ ވެސް ނިއު އަތުން ބަލިވުމުންނެވެ.
އީގަލްސްގެ މުއްކި އާއި ނިއުގެ ހޮކޭ (ވ) ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މި އަހަރުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމަށް އީގަލްސް މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ސަސްޕެންޝަންގެ ސަބަބުން އުއްމީދީ މިޑްފީލްޑަރު އިބްރާހިމް މުބީން (މުއްކި) އަށް ސީޒަން ނިމިފައިވުމެވެ. މުއްކި އަށް ސީޒަން ނިމުނީ އެންމެ ފަހުން ޓީސީއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގެ ފަހު ވަގުތު ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
މުއްކި އަކީ މި އަހަރު އީގަލްސް އަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެކެވެ. މި މުބާރާތުގައި އީގަލްސް އިން ކުޅުނު ދެ މެޗުގައި ވެސް މުއްކި ވަނީ ލަނޑު ޖަހައިފަ އެވެ. މި ވަގުތު މުއްކި ހުރި ފޯމަށް ބަލާއިރު އޭނާ ނެތްތަން އީގަލްސް އިން ދެއްކުން އެކަށީގެންވެ އެވެ.
ޔުނައިޓެޑް ވިކްޓަރީ މި ފަހަރު ފުރަތަމަ ޑިވިޝަނަށް އައީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ. އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރި ނަމަވެސް ލީގުގެ ގަދަ ހަތަރެއްގައި ހިމެނި އެފްއޭ ކަޕްގެ ހަތަރު ވަނަ ހޯދައި އެ ޓީމުން ވަނީ ފެންވަރު ސާބިތުކޮށްދީފަ އެވެ. މި ފަހަރުގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ އަށް ކްލަބްގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީ އަށް ބަލިނުކުރެވެނީ ނިއު އާއި އީގަލްސް އެވެ. އެ ޓީމުން ވަނީ ދެން އޮތް ފަސް ޓީމު ބަލިކޮށްފަ އެވެ. އެ ޓީމުން ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އަތުން ހޯދި މޮޅެވެ.
ސެމީ ފައިނަލަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީ އިން މި މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުނީ ޓީމުގެ މުހިއްމު ބިދޭސީ ކުޅުންތެރިން ނުލަ އެވެ. އެ މެޗުން މާޒިޔާ އަތުން އެ ޓީމު ބަލިވީ 8-0 އިންނެވެ. މިއީ މި އަހަރު ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މިއީ މި އަހަރު ފައިނަލެއްގައި ކުޅުމަށް މި ދެ ޓީމަށް ލިބޭނެ ފަހު މުބާރާތެވެ. ކުރިން ކުޅުނު ތިން މެޗުން އެއްވަރުވެފައިވީ ނަމަވެސް މިއީ ނަތީޖާ ނެރެންޖެހޭ މެޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy