މިއީ ޗެލެންޖެއް، ދެން އޮތް ލެވެލަށް ދާން ތަށްޓެއް ބޭނުން: ނިޒާމް

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު މިއީ ޓީސީ ސްޕޯޓްސް ކްލަބަށް ޗެލެންޖެއް ކަމަށާއި މިހާރު އެ ޓީމު އޮތް ހިސާބުން އެހެން ލެވެލަކަށް ދާން ތަށްޓެއް ބޭނުންވާ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


ޓީސީ ފައިނަލުން ޖާގަ ހޯދީ މި އަހަރުގެ ލީގު ޗެމްޕިއަން އަދި ޕްރެޒިޑެންޓްސްގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ބަލިކުރުމަށް ފަހު އެވެ. ފައިނަލުގައި ޓީސީ ނުކުންނާނީ އެ ޓީމާ އެންމެ ވާދަވެރިކޮށް މި އަހަރު ދިޔަ އެއް ޓީމު ކަމަށްވާ އީގަލްސްއާ ދެކޮޅަށެވެ. ޓީސީ އާއި އީގަލްސް މި ސީޒަނުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އީގަލްސް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. އަނެއް މެޗު އެއްވަރުވިއިރު، ޓީސީ މޮޅުވީ އެފްއޭ ކަޕް ކުއާޓާ ފައިނަލުގަ އެވެ.

"ހަގީގަތުގައި ފައިނަލަށް ނުކުންނައިރު ވިސްނަންވީ އިދިކޮޅަށް އޮންނަ ޓީމެއްގެ ނަމަކަށް ނޫން. ފައިނަލަށް އަންނާނީ ވަރަށް ބުރަކޮށް މަސައްކަތްކޮށް ވަރަށް ހިތްވަރު ކޮށްގެން އަންނަ ޓީމުތައް. އީގަލްސް އާއި ޓީސީ ކުރިން ކުޅުނު މެޗުތަކަކީ މި މެޗަށް އަސަރެއް ކުރާނެ މެޗެއް ނޫން. މިއީ މުޅިން ތަފާތު މެޗެއް. ދެ ޓީމުގެ ވިސްނުން އަދި ތައްޔާރީތައް ވެސް ތަފާތު ވާނެ،" "މިހާރަ"ށް ވާހަކަދައްކަމުން ނިޒާމްބެ ބުންޏެވެ.

ޓީސީ ވަނީ މި ސީޒަނުގައި ދެ ފައިނަލެއްގައި ވާދަކޮށްފަ އެވެ. ޔޫތު ޗެމްޕިއަންޝިޕް ފައިނަލުން އީގަލްސް އަތުން ބަލިވިއިރު، އެފްއޭ ކަޕް ފައިނަލުން ބަލިވީ ވެލެންސިއާ އަތުންނެވެ. ނިޒާމްބެ ބުނީ ފައިނަލުތަކުގައި މިހާރު ޓީސީ އަކީ އާ ނަމަކަށް ނުވާނެ ކަމަށެވެ.

ނިއު ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެންޓޭ (ކ-2) އާއި އެހެން ނާފިއު (ކ) އާއި ބޮންޑާ (ވ) އަދި ޔާމްބެ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ސީޒަނަށް ބެލިޔަސް ފައިނަލުތަކުގައި ޓީސީ ފެނިއްޖެ. އެހެންވުމުން މި ޓީމުގައި މިތިބި ކުޅުންތެރިން ފައިނަލަށް އަލެއް ނުވާނެ. އަދީ ޓީސީ ވެސް ފައިނަލަށް އަލެއް ނުވާނެ ކަންނޭނގެ މިހާރު. އެކަމަކު ކޮންމެ މުބާރާތެއްގެ ދެ ވަނައިން ފަރުޖައްސާލުމުގެ ބަދަލުގައި އެހެން ލެވެލަކަށް ދާން ބޭނުންނަމަ ތަށްޓެއް ހޯދުން މުހިއްމު،" ވެލެންސިއާއާ އެކު 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ބުންޏެވެ.

އީގަލްސް އާއި ޓީސީގެ ކުޅުންތެރިންނަށް އަޅާކިޔާއިރު ޓީސީގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންނާއި މީގެ ކުރިން ފައިނަލުތަކުގައި ކުޅެ ގިނަ ކާމިޔާބީތައް ހޯދާފައިތިބި ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) އަދި ޝައްފާޒް އަހުމަދު (ސައްޕޭ) ހިމެނެ އެވެ. ނިޒާމްބެ ބުނީ މިރޭގެ މެޗުގައި މި ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ހިފުން ޓީސީ އަށް މުހިއްމު ކަމަށެވެ.

"ތަޖުރިބާކާރު ކުޅުންތެރިން މި ޓީމުގައި އެބަތިބި. އޭގެ އިތުރުން ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން ވެސް އެބަތިބި. ފައިނަލެއްގައި ތަޖުރިބާގެ ބޭނުން ހިފުން ވަރަށް މުހިއްމު. ޓީސީގައި މިތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފުން މިރޭ ވަރަށް މުހިއްމު،" ކުރިން ވިޔަންސާ އާއި ލ. ކަޅައިދޫ އަށް ކޯޗުކޮށްދިން ނިޒާމްބެ ބުންޏެވެ.

ނިއުގެ ކީޕަރު ކޯޗީ (ކ) ކައިިރިން ބޯޅަ ހިފައިގެންދާން ޓީސީގެ ބޮންޑާ މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ޓީސީގެ އުއްމީދީ މިޑްފީލްޑަރު ނާއިޒު ހަސަން (ދާދު) ކުޅުމާ ދުރު ހުންނަން ޖެހުނެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައިސް ދާދު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

"ދާދު އަކީ ޓީސީގެ މިދިޔަ ތިން އަހަރަށް ބެލިޔަސް އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔާ. އެކަމަކު ދެން ތިބި ކުޅުންތެރިން ވެސް ލައިގެން އޭނާގެ އެ ހުނަރުގެ ބޭނުން ކުރެވެނީ. އަނިޔާއިން ރަނގަޅުވެ ފިޓްނަސް ރަނގަޅު ކުރަމުން ގޮސް ދާދު މިހާރު އެހުރީ ވަރަށް ރަނގަޅު ފޯމެއްގައި،" ނިޒާމްބެ ބުންޏެވެ.

މި މުބާރާތުގައި އެންމެ ފަހުން ޓީސީ ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން ތަޖުރިބާކާރު މިޑްފީލްޑަރު ބޮންޑާ ނުކުޅެ އެވެ. އެހެން ނަމަވެސް މިއަދުގެ މެޗަށް ބޮންޑާ ވަނީ ފިޓްވެފަ އެވެ. ނިޒާމްބެ ބުނީ ބޮންޑާ ފުރަތަމަ އެގާރައިގައި ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ ފަހު ޕްރެކްޓިހަށް ފަހު ކަމަށެވެ.

ޓީސީ އާއި އީގަލްސް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ފަށާނީ މިއަދު ހަވީރު 15:50 ގަ އެވެ.