އީގަލްސް ދެ ޑިފެންޑަރުން ކައިިރިން ޓީސީގެ ސެންޓޭ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ނޮވެމްބަރ 2016 - 08:39
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު، މި ދެ ޓީމު ވެސް ނުކުންނަނީ އަލަތު ތަށި ހޯދާށެވެ. ޓީސީ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލުގައި ވާދަކުރާއިރު، އީގަލްސް ވަނީ 2014 ވަނަ އަހަރުގެ ފައިނަލުގައި ނިއު އަތުން ބަލިވެފަ އެވެ.
ރާއްޖޭގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މި ދެ ޓީމު ކުރިމަތިލާއިރު، މިއީ މި އަހަރު ރާއްޖޭގެ އެންމެ ވާދަވެރިކަން ބޮޑު ދެ ކްލަބެވެ. ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު، ދެ ވަނަ އާއި ތިން ވަނަ މަގާމު އެންމެ ފަހު ވަގުތާ ޖެހެންދެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެންމެ ފަހު މެޗުތަކުގެ ނަތީޖާތަކަށް ފަހު ޓީސީ ދެ ވަނަ ހޯދީ އީގަލްސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ޓީސީ 42 ޕޮއިންޓް ހޯދިއިރު، އީގަލްސް އަށް ލިބުނީ 38 ޕޮއިންޓެވެ.
މި ފަހަރުގެ ސީޒަން އެންމެ ރަނގަޅަށް ފެށި ޓީމަކީ އީގަލްސް އެވެ. ސީޒަނުގައި ފުރަތަމަ ކުޅުނު 13 މެޗުން އެ ޓީމު ބަލިވެފައި ނުވެ އެވެ. އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވީ ލީގުގެ ދެ ވަނަ ބުރުގައި ޗެމްޕިއަންކަން ހޯދި މާޒިޔާ އަތުންނެވެ. މުޅި ސީޒަނުގައި މިހާތަނަށް އީގަލްސް ބަލިވީ ލީގުގެ ހަތަރު މެޗާއި އެފްއޭ ކަޕް ކުއާޓާ ފައިނަލުންނެވެ.
ލީގުގައި އީގަލްސް އަށް އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ އެ ޓީމުގެ އެންމެ އިތުބާރު ޑިފެންޑަރު އަހުމަދު ނުއުމާން (ހެލްމެޓް) އަށް އަނިޔާވެ ސީޒަން ނިމުމެވެ. އެއަށް ފަހު އެ ޓީމުގެ އެންމެ ރަނގަޅަށް ކުޅޭ މިޑްފީލްޑަރު އަހުމަދު ޒާދު ފަހަތަށް ޖައްސައިގެން ކުޅެން ޖެހުމުން ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އީގަލްސް އިން މި ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިންނަކީ ބިދޭސީ ދެ ފޯވާޑުން ކަމަށްވާ މުސްތަފާ ސެޑިކާއި ރިސްޓޭ ނައުމޯވް އެވެ. މި ދެ ކުޅުންތެރިންގެ ޕާޓްނާޝިޕް ރަނގަޅުވުމުގެ އިތުރުން ޒުވާން ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ވެސް މި އަހަރު ފެނުނީ ކުރިއަށް ވުރެން ތަފާތުކޮށެވެ.
އީގަލްސްގެ މުޖުތާޒް (ވ) ބޯޅަ ފޮނުވާލާއިރު ޓީސީގެ އައްޒާމް އެ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލީގުގެ އެއް ވަނަ ގޯލްކީޕަރުގެ މަގާމު ހޯދި އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ފެރޭރާ ހޯދި ކުރިއެރުން ގިނަ ބަޔަކު ފާހަގަކުރި އެވެ. ސުޖަން ވަނީ މި ފަހަރު ލީގުގައި ލަނޑެއް ވައްދާނުލާ 13 މެޗު ފުރިހަމަކޮށްފަ އެވެ.
މި ސީޒަނުގައި މިހާތަނަށް އީގަލްސް އާއި ޓީސީ ވަނީ ފަސް ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. ތިން މެޗުން އީގަލްސް ވަނީ މޮޅުވެފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އެއް މެޗުން ޓީސީ މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިއަދުގެ ފައިނަލަށް ނުކުންނައިރު އީގަލްސް އަށް އޮތް ކަންބޮޑުވުމަކީ އެ ޓީމުގެ އެންމެ އުއްމީދީ މިޑްފީލްޑަރު އިބްރާހިމް މުބީން (މުއްކި) ސަސްޕެންޝަންގައި ހުރުމެވެ. މުއްކި ސަސްޕެންޑްވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކުމުންނެވެ.
މިދިޔަ ސީޒަނުގައި ޓީސީ ލީގަށް ވާދަކުރުމުން މި އަހަރު އެ ޓީމުގެ މެޗުތަކަށް ގިބަ ބަޔެއްގެ ލޯ އަމާޒުވި އެވެ. އެހެން ނަމަވެސް ފުރަތަމަ މެޗުތަކުން އެ ޓީމުގެ ފަރާތުން އެންމެ އެދެވޭ ނަތީޖާތަކެއް ނުފެނުނެވެ. އެކަމަކު ޓީމުގެ މައްސަލަތައް ރަނގަޅުކޮށް ބޮޑު ކުރިއެރުމަކާ އެކު އެ ޓީމު ލީގުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދި އެވެ. އަދި ލީގުގެ ދެ ބުރު އެއްކޮށް ދެ ވަނަ މަގާމުގައި އޮތް އީގަލްސް ވައްޓާލުމަށް ފަހު ލީގުގެ ދެ ވަނަ އަށް އެރި އެވެ.
ޓީސީ މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރިއިރު މާގިނަ މަޝްހޫރު ކުޅުންތެރިންތަކެއް އެ ޓީމުގައި ނެތެވެ. އެހެން ނަމަވެސް މި ސީޒަނަށް އެ ޓީމު ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ، އެގޮތުން އަލީ ފާސިރު (ސެންޓޭ)، އަހުމަދު އަބްދުﷲ (ލިލީ)، ޝަމްވީލް ގާސިމް (ބޮންޑާ) އަދި މުހައްމަދު ޝައްފާޒް (ސައްޕޭ) ޓީމަށް ގެނަ އެވެ. ޓީސީގައި މިއަހަރު އެންމެ ވިދުންގަދަ ކުޅުންތެރިޔަކީ ސެންޓޭ އެވެ. އޭނާ ވަނީ 34 ލަނޑު ޖަހައިފަ އެވެ. މިއީ ސެންޓޭގެ ކެރިއަރުގައި ލަނޑު ޖެހުމަށް ބަލާއިރު، އޭނާ އެންމެ މޮޅު އަހަރެވެ.
ސެންޓޭގެ އިތުރުން ބޮންޑާ އާއި ސައްޕޭ އަދި ލިލީގެ ތަޖުރިބާގެ ބޭނުން ޓީސީން މި އަހަރު ވަރަށް ރަނގަޅަށް ހިފި އެވެ. މުހިއްމު ވަގުތުތަކުގައި ޓީސީ ޓީމުން ތަފާތު ދެއްކި ކުޅުންތެރިންގެ ތެރޭގައި މި ތިން ކުޅުންތެރިން ހިމެނެ އެވެ. އަދި މިދިޔަ ސީޒަނުގައި ވިދާލި ނާއިޒު ހަސަން (ދާދު) މި އަހަރުގައި ވެސް ވަނީ އެ ފެންވަރުގައި ކުޅެ ޓީސީ އަށް އެހީވެދީފަ އެވެ.
މާޒިޔާގެ އަޑުބަރޭ (ވ) ކައިރިން ޓީސީގެ ބޮންޑާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއަދުގެ މެޗަށް ނުކުންނައިރު ޓީސީ ވަނީ މިއަހަރު ކުޅުނު ދެ ފައިނަލުން ބަލިވެފަ އެވެ. ޔޫތު ޗެމްޕިއަންޝިޕް ފައިނަލުން އީގަލްސް އަތުން ބަލިވިއިރު، އެފްއޭ ކަޕް ފައިނަލުގައި ބަލިވީ ވެލެންސިއާ އަތުންނެވެ. މިއަދުގެ ފައިނަލަށް ނުކުންނައިރު ޓީސީ އަށް އޮތް ހިތްހަމަ ޖެހުމަކީ އެފްއޭ ކަޕް ކުއާޓާ ފައިނަލުން އީގަލްސް އަތުން 1-0 އިން ހޯދި މޮޅެވެ. އެއީ ނޮކައުޓް މެޗެއްގައި މި ދެ ޓީމު މި އަހަރު ކުރިމަތިލި ހަމައެކަނި މެޗެވެ.
އީގަލްސް ފައިނަލުން ޖާގަ ހޯދީ ޔުނައިޓެޑް ވިކްޓަރީ ބަލިކުރުމަށް ފަހު އެވެ. ޓީސީ ފައިނަލަށް އައީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ މައްޗަށް ކުރިހޯދައިގެންނެވެ.
ދެ ޓީމުގެ ކޯޗުންނަށް ބަލާއިރު ތިބީ ދިވެހި ކޯޗުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ ކޯޗުންނެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަކީ ތަޖުރިބާގެ ގޮތުން ބެލިޔަސް ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ދެ ނަމެވެ. ގައުމީ އާ ޗެމްޕިއަނެއް މިއަދު ފެނިގެންދާއިރު މި ދެ ކޯޗުންނަކީ މިއަދާ ހަމައަށް ވެސް މި ދެ ޓީމު ގޮވައިގެން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ރާއްޖޭގެ ފުޓްބޯޅައިގައި މަގުބޫލު ދެ ފަރާތެވެ.
ޓީސީ އާއި އީގަލްސް ކުޅޭ ފައިނަލް މެޗު މިއަދު ފަށާނީ ހަވީރު 3:50 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާން އަބްދުﷲ
29 November 2016
މިފަހަރު މީ އިންޝާ ﷲ އީގަލްސް ތަށި ނަގާ ފަހަރު. ގުޑް ލަކް!
އަޙުމަދު ޝަރީފް
29 November 2016
މިމެޗް ކާމިޔާބުކުރާނީ ޓީސީ
ލުއްޑާ
29 November 2016
ލުއްޑާ މިމެޗް ކާމިޔާބުކުރާނީ ޓީސީ
ބައްސާމް
29 November 2016
އަޅުގަނޑުގެ ސްކޯ: އީގަލްސް 3 - 1 ޓީ.ސީ
ޓޮމް
29 November 2016
ޓީސީގެ ފަހަރެއް