ޕީޕީއެމްގެ ލީޑަޝިޕުން ނިހާން ވަކިވެއްޖެ، އެހެން ބޭފުޅުން ވެސް އިސްތިއުފާ ދޭން ގޮވާލެއްވި

އިދިކޮޅު ޕީޕީއެމްގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވި ހުރިިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ގޮވާލައްވައިފި އެވެ.


މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ އިސްވެރިން އިސްތިއުފާ ދެއްވުމަށް ނިހާން ގޮވާލެއްވިއިރު، އޭނާ ވަނީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމުން ވެސް ވަކިވެވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ ހުރިިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ނިހާން ގޮވާލެއްވިއިރު، އޭނާ އަކީ ވެސް ލީޑަޝިޕްގެ ބޭފުޅެއް ނޫންތޯ މީހަކު ދެންނެވުމުން ނިހާން ވިދާޅުވީ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މި ފަހަރުގެ އާންމު އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބު ވެފައިވާ ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕުން އާ ބަޔަކަށް ޖާގަ ދިނުމަށްޓަކައި، އެ ޕާޓީން ފެއިލްވި ހުރިހާ ބޭފުޅުން ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނިހާންގެ ޓުވީޓު

ނިހާން ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި މި ފަހަރުގެ އާންމު އިންތިޚާބުން ވެސް ޕީޕީއެމް ބަލިވީ ހަރުދަނާ ލީޑަޝިޕެއް ނެތުމުންނެވެ.

"އެ އެންމެން އިސްތިއުފާ،" ނިހާންގެ ޓުވީޓުގައި ގޮވައިލެއްވި އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ނިހާން ގޮވާލެއްވިއިރު، އެ ޕާޓީ ހިންގުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަވާލުވެވަޑައިގަންނަވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ. އެ ބޭފުޅުންގެ މައިގަނޑު މަސައްކަތަކީ ޕީޕީއެމަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވަރުގަދަ ކުރުމެވެ. އެކަމަކު، ޑރ. ޖަމީލާއި އުމަރު ޕީޕީއެމާ ހަވާލުވަނީ އެ ޕާޓީގެ މިހާރުގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީޑަޝިޕްގައި ކަމެއް ނުވަތަ ނޫން ކަމެއް އަދިއެއް ނޭނގެ އެވެ.

"ޕީޕީއެމްގެ އާއްމު މެމްބަރުން ނުހަނު އިހުލާސްތެރި، އެ މެމްބަރުންނަށް އިތުރަށް ހިތާމަ އާއި ގެއްލުން ދިނުމަށް ޖާގައެއް ނެތް،" ނިހާން

ނިހާން މިރޭ ވިދާޅުވީ ޕީޕީއެމަކީ ވަރަށް ކުރު މުއްދަތެއްގައި ރާއްޖޭގެ ވެރިކަމާ ހަމައަށް ދަތުރުކުރި ޕާޓީއެއް ކަމަށެވެ. އެ ޕާޓީން މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއްގެ ހައްގުވެރި ފަރާތަކީ އާއްމު މެމްބަރުންކަމަށް ވިދާޅުވި އެވެ. އެއާ އެކު އޭނާ ބޭނުންކުރެއްވީ ޕީޕީއެމް އިސްލާހު ކުރުމުގެ ހޭޝްޓެގެވެ.

"ޕީޕީއެމްގެ އާއްމު މެމްބަރުން ނުހަނު އިހުލާސްތެރި، އެ މެމްބަރުންނަށް އިތުރަށް ހިތާމަ އާއި ގެއްލުން ދިނުމަށް ޖާގައެއް ނެތް،" ނިހާން ވިދާޅުވި އެވެ.

އާއްމު މެމްބަރެއްގެ ގޮތުގައި ޕީޕީއެމަށް އަދި ރައްޔިތުންނަށް ސިޔާސީގޮތުން ހިދުމަތް ކުރުމުގައި ދެމި ހުންނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނިހާންގެ ޓުވީޓުގައި ވެ އެވެ.

މިދިޔަ އާންމު އިންތިޚާބުގައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ވާދަކޮށް ޕީޕީއެމަށް ނެގުނީ އެންމެ ފަސް ގޮނޑި އެވެ. އެ ޕާޓީއާ އެކު ކޯލިޝަން ހެދި ކޮންގްރެސް ޕާޓީ އަށް ލިބުނީ އެންމެ ތިން ގޮނޑި އެވެ.

ޕީޕީއެމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީ އެކެވެ. އެކަމަކު، މައުމޫނާއި ކޮއްކޯފުޅު ޔާމީނާ ދެމެދު އުފެދުނު ސިޔާސީ ބޮޑެތި ހިޔާލު ތަފާތުވުންތަކަށް ފަހު، މައުމޫން ޕާޓީން ވަކިކޮށް ހިންގުމާ ހަވާލުވަޑައިގަތީ ޔާމީނެވެ. އަދި ޕާޓީގެ ކޯޅުންގަނޑުގެ މައްސަލަ ޝަރުއީ މަރުހަލާ އިން ކާމިޔާބު ކުރެއްވީ ވެސް ޔާމީނެވެ.