އޭޑީކޭ ހޮސްޕިޓަލު-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 ނޮވެމްބަރ 2021 - 13:39
ރައްޓެހިންނާ އެކު ކަސްރަތަށް ނިކުމެ އުޅެނިކޮށް ހޭނެތިގެން ވެއްޓި، ހާލު ދެރަވި، ގއ. ވިލިނގިލީ އަންހެން މީހާ މަރުވެއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ހާލު ދެރަވި އެ މީހާ، 20 ގަޑިއިރު ފަހުން މާލެ ގެނެސް އޭޑީކޭގައި ފަރުވާދޭން ފެށިއިރު އެ މީހާ މަރުވެފައި ވަނީ އެތަނުގައި ފަރުވާދެމުން އަންނަތާ މަސް ދުވަހަށްވީ ފަހުން، މިދިޔަ ހޮނިހިރު ދުވަހު ކަމަށް އޭނާގެ އާއިލާއިން "މިހާރު" އަށް ބުންޏެވެ.
އެ ރޭ ގާތްގަނޑަކަށް 8:00 ހާއިރު އުމުރުން 57 އަހަރުގެ އެ އަންހެން މީހާ އެކުވެރިންތަކަކާ އެކު، ރަށުގައި ހުންނަ އައުޓްޑޯ ޖިމަށް ދިޔަ ނަމަވެސް މާގިނަ އިރުތަކެއް ނުވެ އޭނާގެ ބޮލުގައި ރިއްސައިގެންފައި މުޅި މީހާގެ ހަރަކާތް ހުއްޓުނެވެ.
ކުއްލިއަކަށް މީހާގެ ހަރަކާތް ހުއްޓުމާ އެކު 8:30 ގައި އޭނާގެ އެކުވެރިއަކު ހޮސްޕިޓަލަށް ގުޅައި އެމްބިއުލާންސް ފޮނުވަން ބުނި ނަމަވެސް އެމްބިއުލާންސް އައުން ވެސް އެތައް އިރެއް ލަސްވި އެވެ. އެންމެ ފަހުން ހޮސްޕިޓަލަށް ގުޅި މީހާ، އެމްބިއުލާންސް ބަލައި ހޮސްޕިޓަލަށް ދާން ޖެހުނުއިރު އަންހެން މީހާ ހޮސްޕިޓަލަށް ގެންދެވުނީ އެ ރޭ 9:15 އެވެ.
އަންހެން މީހާގެ ހާލަތު އެހާ ބޮޑަށް ދަށަށް ދިޔައީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވެސް އާއިލާ އިން ތުހުމަތުކުރެ އެވެ.
އެ ހޮސްޕިޓަލަށް ދިއުމުން އެތަނުން ބުނީ އަންހެން މީހާގެ ހާޓް ފެއިލްވެފައިވާ ކަމަށެވެ. އެހެންވެ ވެންޓިލޭޓަރަށް ލި ނަމަވެސް އިތުރު ފަރުވާގެ ކަންކަން ވަރަށް ބޮޑަށް ލަސްވި ކަމަށް އާއިލާ އިން ބުނެ އެވެ.
އާއިލާ އިން ވާހަކަ ދެއްކި އަންހެން މީހާގެ ކޮއްކޮއަކު ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި އަންހެން މީހާ ވީ އެންމެ އަވަހަކަށް މާލެ ފޮނުވައިދޭން އާއިލާއިން އާދޭސްކުރަމުން ދިޔަ އެވެ. އެކަމަކު ހޮސްޕިޓަލުން އެންމެ ފުރަތަމަ އުޅުނީ އަންހެން މީހާގެ ސީޓީ ސްކޭނެއް ހެދުމަށް ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާށެވެ.
އާދޭސްތަކާ އެކު، އަންހެން މީހާ މާލެ ފޮނުވަން ނިންމައި، ކޮވިޑަށް ޓެސްޓްކުރުމަށް އެރޭ ދަންވަރު 1:00 ގައި ސާމްޕަލް ނެގި ނަމަވެސް މާލެ ގެނެވުނީ، މައްސަލަ ދިމާވިތާ 20 ގަޑިއިރު ފަހުންނެވެ.
"އެއްފަހަރު ބުނި ފަތިހު 5 ގަ ޑޯނިއާ އޮންނާނީ މިކޮޅު [ކޫއްޑޫ] ގައޭ. ހައެއް ޖަހާއިރު ތިބޭނީ މާލޭގައޭ. އެކަމަކު އެމްއެންޑީއެފް ސަދަން އޭރިއާ އަށް ގުޅުމުން ބުނީ ހެލިކޮޕްޓަރަށް އެދިފައޭ އިނީ. ޑޮކްޓަރު ލިޔުމެއް ނެތޭ،" އާއިލާ އިން އޭރު ކިޔައިދިނެވެ.
އޭނާ ބުނީ، ރަށު ހޮސްޕިޓަލުގައި އޮތްއިރު ބަލި މީހާގެ ހާލަތު ތަކުރާރުކޮށް އަހަމުންދިޔުމުން ވެސް ހޮސްޕިޓަލުން ބުނެފައި ވަނީ ވަރަށް ރަނގަޅު ކަމަށެވެ.
އަންހެން މީހާ މާލެ ގެނައި ގޮތަަށް އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށް ނަމަވެސް، އެ ހޮސްޕިޓަލުން އަންހެން މީހާގެ އޮޕަރޭޝަން ކުރެވެން ނެތުމުން އޭޑީކޭ އަށް ރިފާކުރި އެވެ. މާލެ ގެނައިރު އަންހެން މީހާ އަށް ތިން ސްޓްރޯކް ޖެހިފައިވެ އެވެ. އަދި އެއް ފަހަރު ފިޓް ޖެހިފައިވެ އެވެ. އަންހެން މީހާގެ ބޮލުގެ ނާރެއް ބުރިވެ، ސިކުނޑި އަށް ލޭ އެޅިފައިވެ އެވެ. އެކަމަކު މިއިން އެއްވެސް މައުލޫމާތު އަތޮޅު ހޮސްޕިޓަލުން އާއިލާއަކަށް ނުދެ އެވެ.
އަންހެން މީހާގެ ހާލު ގޯސްކަމުން އޭޑީކޭ އިން އޭނާގެ އޮޕަރޭޝަނެއް ކުރީ އިންޑިއާގެ ޑޮކްޓަރުންގެ ޓީމެއް ވެސް ބައިވެރިކޮށްގެންނެވެ. އެކަމަކު އިންޑިއާގެ ޑޮކްޓަރުންގެ ޓީމު ބައިވެރިކޮށްގެން ކުރަން ޖެހޭ މުހިއްމު އެއް އޮޕަރޭޝަން ނުކުރެވުމުން އެ ޓީމުން އޭރު ފުރައިގެން ދިޔައީ ތިން ހަފްތާ ފަހުން ބެލުމަށް ފަހު އޮޕަރޭޝަން ކުރާ ގޮތަށެވެ. އެކަމަކު އަންހެން މީހާ މަރުވީ، އޭނާގެ ހާލު ގޯސްކަމުން، އެ އޮޕަރޭޝަން ވެސް ނުކުރެވި އުޅެނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
16 November 2021
ވަރިހަމަތާ.. އޭޑީކޭ އިން އެ އާއިލާއަށް ފޮނުވާނެ ފަލަކީ ނަމްބަރެއް އޮތް ބިލެއް !
ހަސަނުު
16 November 2021
އަބަދުވެސް އިހުމާލު.... އެމީހެއްގެ ވަގުތު ޖެހުނީމައި އެމީހަކު ގެންދަވާނެ.
ޢާއިލާ
16 November 2021
ގއ.އަތޮޅު ޙޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑު...ބަލިމީޙާގެ ހާރޓް ފެއިލްވުން ނޫން އެހެން ސިއްޚީ މައްސަލައެއް ހުރިކަމުގެ އެއްވެސް މަޢުލޫމާތެއް ހޮސްޕިޓަލުން އާއިލާއަށް މައުލޫމާތެއް ނުދޭ....