އިންޑިއާ ސިފައިންގެ އިސްވެރިން ދަތުރުކުރި ހެލިކޮޕްޓަރެއް ވެއްޓި މިއަދު މެންދުރު ފަހު ހިނގި ހާދިސާގައި އިންޑިއާ ސިފައިންގެ އިސްވެރިޔާ ޑިފެންސް ޗީފް ބައިޕިން ރަވަތު އަވަހާރަވެއްޖެ އެވެ.

މި ހާދިސާގައި އޭނާގެ އަނބިކަނބަލުން މަދުލިކާ ރާވަތު ވެސް ވަނީ އަވަހާރަވެފަ އެވެ. އަދި އެ ހެލިކޮޕްޓަރުން ދަތުރުކުރި އިތުރު 11 މީހަކު ވަނީ މަރުވެފަ އެވެ.

އިންޑިއަން އެއާ ޕޯސް އިން މައުލޫމާތު ދިން ގޮތުގައި ޓެމިލް ނާޑޫގެ ހިސާބަކަށް މި ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި 14 މީހުން ތިއްބެވެ. އަދި މި ހެލިކޮޕްޓަރު ދަތުރުކުރީ އިންޑިއާގެ އެއާ ފޯސް މަރުކަޒަކުން ފުރައިގެން ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖަށް ދިއުމަށް ކަމަށެވެ.

މި ހާދިސާ ތަހުގީގުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ވެއްޓުނީ ރަޝިއާގައި އުފައްދާފައިވާ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރަކީ އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބޮޑުވަޒީރު ވެސް ދަތުރުކުރައްވާ ހެލިކޮޕްޓަރެކެވެ.