ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށާއި އެ ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ށ. ފުނަދޫގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ސަޕޯޓަރުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީން ބައިވެރިވެވަޑައިގަތީ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން ހަރަކާތަށް އެ ރަށަށް ވަޑައިގެންނެވެ.

މިއަދު ހަވީރު 4:00 ހާއިރު ޔާމީން ފޮނަދުއަށް ވަޑައިގަތުމުން ސަޕޯޓަރުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މޭމަތީގައި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ޔާމީން ހުންނެވިއިރު އެ ރަށް އޮތީ ވަރަށް ބޮޑަށް އެ ހަރަކާތަށް ތައްޔާރުވެފަ އެވެ. ގިނަ ބަޔަކު ތިބީ އިންޑިއާ އައުޓް ޖަހާފައިވާ ދިދަ އާއި ބެނާތައް ވެސް ހިފައިގެންނެވެ.

ފުނަދު އަށް ޔާމީން ވަޑައިގަތުމާ ދިމާކޮށް އެ ރަށުގައި އިންޑިއާ އައުޓް ހަރާކާތެއް ބޭއްވިއިރު ޖަލު ހުކުމުން ޔާމީން މިނިވަންވެ، އެންމެ ފުރަތަމަ ބައްދަލުވުންތަކުގައި ވެސް އެމަނިކުފާނު އެދިވަޑައިގަތީ އިންޑިއާ އަސްކަރިއްޔާ ދެކޮޅަށް ހިންގާ ހަރަކާތް ފުޅާކުރުމެވެ. އެހެންވެ، މާލެ އާއި ރަށްރަށުގައި ވެސް މި ހަރަކާތުގެ އަޑު ގަދަކުރީ އެވެ.

ފުނަދޫގައި އޮތް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ ހުރިހާ ކަންކަމަށް އަތްގަދަ ކުރަމުން ދާ ކަމަށާއި އެކަމަށް ދިވެހިން ފުރުސަތުދޭ ނަމަ، މިހާރަށް ވުރެ އިންޑިއާގެ އުނދަގޫ ބޮޑުވާނެ ކަމަށެވެ. މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ އަސްކަރިއްޔާ އެބަ އޮތްކަމަށް ވިދާޅުވެ ޔާމީން ވަނީ އެފަދަ ރަށްރަށުގައި ދިވެހި ދައުލަތުގެ ބާރު ނުހިނގާ ކަމަށް ވިދާޅުވެފަ އެވެ.

"ހުރިހާ ކަމެއް މި ހިނގަނީ އިންޑިއާ އަސްކަރިއްޔާ އިން އިންޑިއާ ސިފައިން އަންގާ ގޮތަކަށް. އިންޑިއާ އައުޓް ހަރަކާތުގައި އުޅެނީ ޕީޕީއެމް އެކަންޏެެއް ނޫން. މީގެ ތެރޭގައި އެބަ އުޅޭ އެކި ސިޔާސީ ފިކުރުގެ މީހުން. އެހެންނަމަވެސް މިކަމުގައި އިސް ނަގައިގެން އުޅެނީ ޕީޕީއެމް/ ޕީއެންސީން. އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އިން އިންތިހާބު އޮޅުވާލި ކަމަށް ކުރާ ތުހުމަތު މިއަދު ވެސް ޔާމީން ތަކުރާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މި އިންތިހާބު އޮޅުވާލަން މަސައްކަތްކޮށްފި ނަމަ، މަޑުން ނުތިބޭނެ ކަމަށެވެ.

"މި އިންތިހާބަށް އަތްބާނައިފިއްޔާ ދެން ރައްޔިތުން މަޑަކުން ނުތިބޭނެ. މި އިންތިހާބަށް އަތް ނުބާނައިފިއްޔާ ޝައްކެއް ވެސް ނެތް ގޮތުގައި ހަމަ ސައްޕު ޖަހާފައި ފޮނުވާލާނަން،" އިންޑިއާ އާ މައްސަލަ ޖެހިފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އާ މެދު މައްސަލަ ނުޖެހުނު ނަމަވެސް އިންޑިއާ ސަރުކާރާ މައްސަލަ ޖެހިފައި ވަނީ ދާހިލީ ކަންކަމަށް ބެހޭތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެއްވެސް ދާއިރާއެއް ނެތް އެމީހުންގެ ބާރުގެ ދަށަށް ނުގެންދާ،" ޔާމީން ވިދާޅުވި އެވެ.

ފަތުހީގެ ކެމްޕެއިނަށް ޔާމީން ފުރަތަމަ ވަޑައިގަތީ ކޮމަންޑު އަށެވެ. އޭގެ ފަހުން ފުނަދޫއަށް ވަޑައިގެންނެވިއިރު ދެން އޮތް މަންޒިލަކީ މަރޮށި ކަމަށް އިދިކޮޅުން ބުނެ އެވެ. މިއީ ފަތުހީ އަށް ތާއީދު ހޯދުމަށް ޔާމީން ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ޔާމީން، ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ދަތުރުފުޅެއް ފެއްޓެވިއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނާ ދިމާކޮށް، ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވުމަށް ސަރުކާރުގެ އިސްވެރިންތަކެއް ވެސްވީ ކޮމަންޑޫގަ އެވެ. ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ދާއިރާއަށް ވަޑައިގެންފަ އެވެ.

އެމްޑީޕީ އާއި އިދިކޮޅު ޕީއެންސީން ވާދަކޮށް 2019 ގައި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ވަހީދު ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ވާދަކުރަނީ އެމްއެންޕީންނެވެ. ތިން ޕާޓީ ވެސް ގެންދަނީ ކޮމަންޑޫ ދާއިރާގައި ފޯރިގަދަ ކެމްޕެއިނެއް ކުރަމުންނެވެ.