ހިޔާ ފްލެޓް ކައިރީ ހުރަހަށް އޮތް މަގެއްގައި ކާރުތައް ޕާކުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
19 ޖެނުއަރީ 2022 - 11:54
ހިޔާ ފްލެޓްތައް ކައިރީގައި ކާރު ޕާކުކުރަން ހާއްސަ ޖާގައެއް ނެތުމުން މަގުމަތީގައި ބާއްވާ ވެހިކަލްތައް ގިނަވެ، މަގުމަތީގައި ޕާކުކުރާ ވެހިކަލްތަކުން އުނދަގޫތަކާ ކުރިމަތިވާން ފަށައިފި އެވެ.
ހިޔާގެ 16 ޓަވަރު ހަދާފައި ހުރީ އެތަންތަނުގެ ތިރީގައި ސައިކަލު ޕާކުކުރެވޭ ގޮތަށެވެ. ބައެއް ޓަވަރުތަކުގެ ކައިރީގައި ސައިކަލު ޕާކުކުރެވޭ ގޮތަށް ޕާކިން ޒޯނު ވެސް ހަދާފައިވެ އެވެ.
އެކަމަކު ޓަވަރުތައް ޑިޒައިންކޮށްފައި ހުރީ އެތަނުގެ އެންމެ ތިރީގައި ކާރު ޕާކުކުރެވޭ ގޮތަކަށް ނޫނެވެ. އަދި އެ ސަރަހައްދުގައި ކާރަށް ހާއްސަ ޕާކިން ޒޯނެއް ވެސް ނެތް އިރު މަގުތައް ހަނިކަމުން، މަގުމަތީ ޕާކުކުރާ ވެހިކަލްތަކުން މަގުގެ ބޮޑު ބައެއް އޮންނަނީ ބަންދުވެފަ އެވެ.
ހިޔާ ފްލެޓް ކައިރީ މަގެއްގައި ކާރުތައް ޕާކުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ގިނަ ބަޔަކު ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނައިރު އެތަނުގައި އުޅޭ މީހުންގެ ކާރު ޕާކުކުރެވޭނެ ގޮތެއް ނެތިގެން އެ ސަރަހައްދުން މިހާރު ފެންނަނީ އެތަނުގެ ކައިރީ އޮތް މަގުތަކުގައި ކާރުތައް ބަރިއަކަށް ޕާކުކޮށްފައި އޮތް މަންޒަރެވެ.
ވިނަރެސް ފްލެޓްތައް ކައިރީ މަގުން ހިޔާ ފްލެޓާވީ ސަރަހައްދުގެ މަގުގައި ވެސް ބައެއް މީހުން ކާރު ޕާކުކުރުން އާންމެވެ. އަދި ހުޅުމާލޭ ބޮޑު މަގުން ދެވަނަ ފިޔަވައްސަށް އަރާ ބްރިޖުން ގޮސް، ހިޔާ ފްލެޓާ ދިމާލަށްދާއިރު ހުންނަ ހުރަސް މަގުތަކުގައި ވެސް ބައެއް މީހުން އެ މީހުންގެ ކާރު ޕާކުކޮށްފައި ހުރެ އެވެ.
އެކި ތަންތަނުގައި މީހުން ޕާކު ކުރި ނަމަވެސް އެތަނުގައި ކާރަށް ހާއްސަ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމެއް ސާފެއް ނުވެ އެވެ.
އެތަނުގައި ކާރުތަކަށް ޕާކިން ޒޯނެއް ނެތުމުން އެކަމުގެ އުނދަގޫ ޓެކްސީ ޑްރައިވަރުންނަށް ވެސް ކުރިމަތިވެ އެވެ.
މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދެމުން އަންނަ، "އަވަސް ރައިޑް" ގެ އޮފިޝަލަކު ބުނީ ފޭސް ދޭއްގައި ކާރު ޕާކިން ޒޯނެއް ނެތުމުން މިހާރު ޓެކްސީ ޑްރައިވަރުން ޖެހެނީ ފޭސް އެކެއްގެ ޕާކިން ޒޯނެއްގައި ޓެކްސީ ޕާކުކުރުމަށް ފަހު، އެތަނަށް އެހެން ވެހިކަލެއްގައި ދާން ކަމަށެެވެ.
"ވަރަށް ދަތިވޭ އަސްލު އެތަނުގައި ކާރު ޕާކުކުރެވެން ނޯންނާތީ. ފޭސް އެކެއްގެ ޕާކިންތަކުގައި ޕާކުކޮށްފައިދާން ޖެހެނީ ކޮންމެސް މީހަކު ބަލައި އައިމަ އެމީހެއްގެ ސައިކަލަކަށް އަރައިގެން ނޫނީ ބަސް އައިމަ ބަހަށް އަރައިގެން،" އޭނާ ބުންޏެވެ.
ފޭސް ދޭއްގައި ވެހިކަލް ދުއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނި ގޮތުގައި ޓަވަރުުތަކުގެ މެދުގައި އޮންނަ ހުސް ބިމުގައި ޓެކްސީ ބޭއްވިޔަސް އެއްވެސް ރައްކާތެރިކަމެއް ނޯވެ އެވެ. އެހެންވެ، ގެއަށް ވަދެލާ ވަގުތު ވެސް އެތަނުގައި ޓެކްސީ ބާއްވަން ޑްރައިވަރުން ފަސް ޖެހެ އެވެ.
"ފްލެޓްތަކުގެ މެދުގައި އޮންނަ ހުސް ޖާގަތަކުގައި ބޭއްވީމަ ވަރަށް ގިނަ ފަހަރަށް އެބަ ގެއްލުންވޭ ޓެކްސީއަށް. އެތަނުގައި މަސައްކަތްކުރާ މީހުން އެއްގޮތަކަށް ވެސް ނުބަލާ ޓެކްސީތަކަށް. އެހެންވީމަ ގެއްލުން ލިބޭތީ އާއި އަދި އެހާ ބޮޑަށް ހިރަފުސް އަރާތީ އެތަނަކު ނުބާއްވާ،" އަވަސް ރައިޑްގެ އޮފިޝަލު ބުންޏެވެ.
ޕްރައިވެޓް ކާރުތައް ގެންގުޅޭ މީހުންގެ ކާރުތައް މަގުތަކުގެ އެއް ފަޅީގައި ބާއްވާފައި އޮންނައިރު އެ މީހުންގެ ކަންބޮޑުވުމަކީ ވެސް އެތަނުން ކާރަށް ރައްކާތެރިކަން ނުލިބޭ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
20 January 2022
ހިޔާފުލެޓަކީ ޕްރައިވެޓް ކާރުގެންގުޅޭ މީހުން އުޅެން ހެދި ތަނެއްނޫން. ކާރުގެންގުޅޭ މީހުން ފުލެޓް ގަންނާނީ ގަރާޖު ހުންނަ ތަންތަނުން. ކުއްޔަށް ތަނެއް ހިފިޔަސް ގަރާގު ހުރޭތޯ ދިވެހިން ނުބަލާނަމަ ކުއްޔަށް ދޫކުރާގޭވެރިފަރާތުން ގަރާޖު ބަހައްޓާކަށް ނޫޅޭނެ. މާލެއަށް އަރުވާ ކޮންމެ ވެހިކަލެއް ރައްޔިތުންގެ ކޮނޑުން އުފުލަންވެއްޖެނަމަ ވެހިކަލް އިތުރުވުމަކަށް ހުއްޓުމެއް ނާންނާނެ.
ދުކްތޫރު
21 January 2022
ހިޔާ ފްލެޓަކީ ދެން ކޮންބަޔަކު އުޅެން ހެދިތަނެއް؟ ކާރު ގެންގުޅޭ ކޮންމެ މީހަކީ އަމިއްލަ ކާރު ގެންގުޅޭ މީހެއްވެސް ނޫން. އާމްދަނީ ހޯދަން ކުއްޔަށް ކާރު ނަގައިގެން ދުއްވާމީހުންވެސް އުޅޭނެ އިނގޭ. ވާނުވާ ނޭނގޭ ވާހަކަ ތި ލިޔަނީ.
ހިނގާމީހާ
20 January 2022
ސައިކަލްތަކުން ހަނިމަގުތަކުގެ ދެބައި ކުޅަ އެއްބައި ފުރާލަ ވާހަކަ ކޮބާ. ކުރީގައި ދިވެހިންނަކީ ހިނގާފައިދާ މީހުންނަށް އިހްތިރާމްކުރާ ބައެއް. ކުރި ނުކަނޑާ ބައެއް. އެކަމަކު މިހާރު މުސްކުޅިއަކަސް ކުޑަކުއްޖަކަށް މަގުގެ އެއްކާރިއަށް އަރާ ސައިކަލްތަކަށް ފުރުސަތުދޭންޖެހޭ ހަނި ގޯޅިތަކުގަ. ހިނގާ މީހުންނަށް ނުހުރޭ ހިިންގަން ވަކި ދުވާރުގެ ބައެއްވެސް. މިހާރުގެ ޒުވާނުންނާ ޕޮލިސީ ލެވެލްގެ މީހުން މުސްކުޅިވާ ދުވަހަކުން ވިސްނޭނީ މިބުނާ ވާހަކަ.
އިބްރާހިމްބެ
20 January 2022
ސައިކަލު ޕާކް ކުރާނެ ޖާގަނެތިގެންތަ ގޮސް ފްލެޓް ސިޑިބުޑުގަ ބަރިބަރި އަށް ސައިކަލު ޕާކްކުރަނީ؟؟ އެހެން އެ ޕާކްކުރާ މީހަކަށް ލިފްޓުންގޮސް އެޕާޓްމަންޓް ދޮރުމަތީގަ ޕާކް ކުރެވުނަށް ދިގުވާނެ ހިގާފާ ދާންޖެހޭތަން. ވަށައިގެން ޕާކިންޒޯން ބޭސްމަންޓް ޕާކިންޒޯންތައް އޮންނަ އިރު ސިޑިބުޑުގަ އެ ބަހައްޓަނީ ހިގާފަ ދާންޖެހޭ ހިސާބު ދުރުވެންތާ... ދިވެހިން ދުވަހަކުވެސް ސިކުނޑި ތަރައްޤީ އެއް ނުވާނެ.
ބޯލްސްޓަރ
20 January 2022
މަގުތަކަކީ ޕާކުކުރަން ހަދާފަ ހުންނަ ތަންތަނެއް ނޫން
ސެލިއުޓު
20 January 2022
މައުމޫނު ވަރެއް ހަމަ ނެތް. 2008 ގެ ފހުން މިޖަހާ ސަކަރާތަށް ބަލައިލީމާ މަންޒަރުވަރަށް ސާފު. މީހަކު ވެރިކަމާ ހެދި މޮޔަފުޅުވގެން ޑިމޮކްރަސީ އޭ އަނިޔާޔޭ ކިޔާ ހުޅަނގުމީހުންގެ ޕޮރޮޕަގެންޑާގައި އައިސް މުޅި ޤައުމު ފަނާކޮށްފި
ރެޓޭ
19 January 2022
ކިހިނެއްތަ ދިރިއުޅޭނެ ތަނެއް ނުލިބިފައި "އަނގައާއި އަތާދިމާނުވެގެން އުޅޭ،" ނިކަމެތިން ތިޔަހައި ބައިވަރު ކާރުތަކެއް ގެންގުޅެނީ؟ ކޮންމެވެސް ގޯހެއް އެބަ އުޅޭ އުތަ؟
އެކަމަނަ
19 January 2022
2 ކާރު 3 ކާރުގެ އޯނަރުންނަށް ފުލެޓު ލިބިފަ މަގޭ 3 ދަރިން ތިބެފަ ވަންނާނެ ތަނެއް ނެތި މަށަށް ފުލެޓު ކުފޫ ހަމަނުވީމަ ހަމަ އަންތަރީސް ވަނީ
ގޯސް
19 January 2022
ޕްލޭން ކޮށްލިލެ މޮޅީ!
ހާމިދު ޝާހިދު
19 January 2022
މައުމޫނު ސިންގަޕޫރު މީހުން ގެނެސްގެ ޑިޒައިން ކުރެއްވި ހުޅުމާލެ މިއަދު މުޅިން ތޮއް ޖެހިއްޖެ. އެޗްޑީސީއަކަށް އެތަނެއް ނުބެލެހެއްޓޭ. އެމީހަކު ބޭނުންތަނެއްގައި ޕާކުކޮށްފްއި ކެފޭތަކަށް ވަދެ އެތިބެނީ. ރައީސް ޔާމީން މެކޭނިކަލް ޕާކިންގ ސިސްޓަމްތަކެއް ބަހައްޓާދިނީމާވެސް އެ ބޭނުން ކުރަން އިނގުނީކީނޫން. ކާރަށް ހުއްދަ ދޭ ފަރާތްތަކުން ދައްކަންޖެހޭ ގަރާޖު ދެއްކުމުގައިވެސް މުޅިން މަކަރު. މިކަންކަން ހައްލުކުރުމަށްވެސް ދެވަނަ ފުރުޞަތެއް ސަރުކާރަށް ދޭންޖެހޭތޯ!
ސަންފަގެއަލީ
19 January 2022
ހައްދެއްނެތީމަ ވާނެގޮތްމިވަނީ. ކޮންމެމީހަކަށް ކާރަކާއި ދެސައިކަލާއި ޕިކަޕެއް އޮތީމަ ބާއްވާނެތަނެއް ނޮއޮންނާނެ. ދެންވާނީ އާއްމުއުދަގުލަކަށް. ޓްރާންސްޕޯޓަކަށް ނުވިސްނޭ ކޮންމެމީހަކަށް ވެހިކަލެއް ރައްޖިސްޓްރީ ކޮށްދޭ އުސޫލު ގާއިމުކޮށް މާލެ ހުޅުމާލެއިން މިތަކެތި މަދުކުރަން. އެހެންނޫނީ މަގުމަތީ ނުބާއްވައި ގެންގުޅޭނެ ގޮތަކަށް ގެންގުޅެން ބުނަން. ދެން ގެންގުޅޭނެގޮތަކަށް އުޅެފާނެ، ވެހިކަލް އުރާލައިގެ ތިމާގެ ފުލެޓަށްއަރުވަފާނެ ނުވާނެނަމަ ދޫކޮށްލަފާނެތާ