"އެންމެންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މީހުންތައް ތިބީ ކާ އެއްޗެއްސަށް ވަރަށް ބޮޑަށް ޑެސްޕަރޭޓްވެފައި. މީލް ޕެކްތައް ބަހަން ދިއުމުން މީހުންގަނޑު އަހަރެން ވަށައިލި."
ސަމާ ލަންކާގެ ދިދަ ހިފައިގެން ނަގާފައިވާ ފޮޓޯއެއް--
23 އެޕްރީލް 2022 - 11:43
ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ މަރިޔަމް ސަމާ ޝަރީފް، އޭނާގެ 22،000 އިންސްޓަގްރާމް ފޮލޯވަރުންގެ ކިބައިން އެހީ އަށް އެދުނީ ލަންކާގެ އިގްތިސޯދީ ހާލަތު ގޯސްވެ، އެ ގައުމުގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު ކައިރިން ފެނިގެންނެވެ. އެންމެ 48 ގަޑިއިރުގެ ތެރޭގައި 8713 ދިވެހި ރުފިޔާ ލިބުނެވެ.
މީގެ ތިން ދުވަހެއް ކުރިން ސަމާ އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓުގައި ވަނީ، ލަންކާއަކީ އަބަދުވެސް ދިވެހިންނާ މެދު ގާތް ގުޅުމެއް ބާއްވައި ލޯބި ދިން ގައުމަކަށްވާއިރު އެ ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ތަދު ދުވަސްވަރުގައި އެ ގާތް ކަމުގެ ބަދަލު ދޭން ބޭނުންވާ ކަމަށެވެ.
އެ ވީޑިއޯއާ އެކު ދިވެހިންގެ ފަރާތުން ލިބުނީ ސަމާ ހީނުކުރާ ވަރުގެ ތަރުހީބެކެވެ. އެ ފައިސާގެ އެހީގައި ފުރަތަމަ އެހީގެ ޕެކޭޖްތައް އޭނާ ބަހާލީ އިއްޔެ އެވެ. އެއާއެކު، އެތައް ބަޔަކު ސަމާ އަށް ވަނީ ތައުރީފު ވެސް ކޮށްފަ އެވެ.
ސަމާ ބުނި ގޮތުގައި 100 މީލް ޕެކާ އެކު 11 ކެއާ ޕެކޭޖް އިއްޔެ ވަނީ ލަންކާގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް ބަހައިފަ އެވެ.
Thank you to my Maldivian fam for making this possible. In less than 48hrs I was able to raise MVR 8713 through instagram. I took the initiative to provide meals and dry ration to help the people of Srilanka in this difficult time. Distributed 100 meals today. pic.twitter.com/dJTqdOo5du
— Dhonkamana (@mariumsummer) April 22, 2022
ކެއާ ޕެކޭޖްގެ ތެރޭގައި ހިމެނެނީ ހަނޑުލައި ފުށާއި ހަކުރު އަދި ލޮނާއި ކާށި ކިރު ޕެކެޓާއި ކައްކާ ތެޔޮ އަދި ސައިފަތާއި ބިސްކޯދު ކަހަލަ އެކި ސާމާނެވެ.
"އެންމެންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މީހުންތައް ތިބީ ކާ އެއްޗެއްސަށް ވަރަށް ބޮޑަށް ޑެސްޕަރޭޓްވެފައި. މީލް ޕެކްތައް ބަހަން ދިއުމުން މީހުންގަނޑު އަހަރެން ވަށައިލި،" ލަންކާގެ ހާލަތު ކުރު ގޮތަކަށް ކިޔައިދެމުން ސަމާގެ އިންސްޓަގްރާމް ޕޯސްޓެއްގައިވެ އެވެ.
ދިވެހިންގެ ފަރާތުން ލިބުނު އެހީގައި އޭނާ ތައްޔާރުކުރި މީލް ޕެކްތައް ބެހި ވަގުތު އެކި މީހުންނާ އެކު ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާ އަށް ސަމާ ދޫކޮށްލި އެވެ. އޭނާ ބުނި ގޮތުގައި ފޮޓޯ އާންމުކުރީ ލިބުނު އެހީ ބޭނުންކުރީ ރަނގަޅު ގޮތުގައިކަން އެ މީހުންނަށް ދެއްކުމަށެވެ.
ސަމާ ބުނެފައިވާ ގޮތުގައި އިއްޔެއަކީ އެހީގެ ފުރަތަމަ ދުވަހަށްވާތީ އެންމެ 100 ޕެކް ތައްޔާރުކުރިޔަސް އެ ބުރުގައި ލިބުނު ފައިސާ ވެސް އަދި ބާކީ އެބަހުއްޓެވެ. އެ ފައިސާ ވެސް ބޭނުންކުރާނީ ބޭނުން ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދޭށެވެ.
އޭނާ މިހާރު ތައްޔާރުވަމުން އެ ދަނީ އަންނަ ހުކުރު ދުވަހު އަނެއްކާ ވެސް މީލް ޕެކްތައް ބެހުމަށެވެ.
ސަމާ ބުނީ، ފުރަތަމަ ބުރުގެ މީލް ޕެކްތައް ބަހާލި ފަހުން، އެހީތެރިވާން ބޭނުންވެގެން ގިނަ ބަޔަކު އޭނާއަށް މެސެޖްތަކުރަމުން އަންނަ ކަމަށެވެ.
"ޑޮނޭޓް ކުރަން ބޭނުންވެގެން ގިނަ ބަޔަކު އެކައުންޓް ޑީޓެއިލްސް ހޯދަން އެބަ އެދެމުންދޭ. އަހަރެން އުއްމީދުކުރި ވަރަށް ވުރެ ގިނައިން މި ފަހަރު ވެސް އެހީ ލިބުނު. އެހެންވީމަ އެ ފައިސާ އެހަށް ބޭނުންކުރާނީ. އެންމެނަށް ވެސް އިނގޭ ފައިސާއަކީ އަމާނާތެއްކަން. އެކަމަށް އަހަރެން ސަމާލުވާން ޖެހޭ. މި ވަގުތު ހުރި ފަންޑު ހުސްވުމުން އިތުރަށް ފަންޑު ހޯދަން ހުޅުވާލާނަން،" ސަމާގެ އިސްޓަގްރާމު ސްޓޯރީއެއްގައިވެ އެވެ.
ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު މިނިވަންވީ ފަހުން، އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ. ޑޮލަރު ނުލިބުމުގެ ސަބަބުން އެންމެ އަސާސީ ތަކެތި ގަންނާނެ ބޭރު ފައިސާއެއް ވެސް އެ ގައުމަކު ނެތެވެ.
ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ޓޫރިޒަމް ހުއްޓުމަކަށް އައުމުން ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ ލަންކާ ވަނީ ތެލާއި ގޭހަށް ވެސް ޖެހިފަ އެވެ. ފިހާރަތަކުގައި ވެސް މުދާ ހުސްވެ، އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަބީބު
24 April 2022
ތިޤަައުމުހެ ހާލަތު ތިހާބޮޑަށް ގޯސްވެ ތިޤައުމުގެ ރައްޔިތުން ކާބޯތަކެއްޗަށްޖެހި، ތެލާގޭހާ ހުސްވެ، ފިހާރަތަކުން ކާބޯތަކެތި ހުސްވެފަ ވާއިރުވެސް ދިވެހިންނަށް ހަމަ އެއްވެސް ދަތިކަމެއްނެތީމަބާ، ތިހާގިނަ ދިވެހިން ތިތާ ތިއުޅެނީ.
ފޫހި
24 April 2022
މިގައުމުގައި އުޅޭ ބިދޭސީންނަކީ މުއްސަދިން އެކަމަކު އެމީހުންނަށް އުރީދޫންނާ ދިވެހިން މީލް ޕެކް ބެހުމުގެ ބޭނުމަކީ ކޮބާބާއޭ ހިތަށްއަރާ. އެއަށްވުރެ ދިވެހިންގެތެރޭ ގައި ހާލުގައި ޖެހިފައިވާ މީހުންނާ ލަންކާ އިންޑިޔާ އަދި ޔަމަންފަދަ ހައިހޫނުކަމުގައި ތިބި މީހުންނަށް ދިނުން މާރަނގަޅުވާނެ.
ބާޓާ ސިސްޓްމް ދިވެހީންނަށް ފުރުސަތެއް
23 April 2022
ދިވެހީންގެ ކަނޑުމަސް ލާންކާ އަށް ވިއްކަން ރަނގަޅު ވަގުތެއް. ލަންކާ ރުފިޔާ އިން ގަނެ ވިއްކުން ރަނގަޅު. ލަންކާ ރުފިޔާ ދިވެހި ޚަޒާނާގައި ރައްކާކޮށް އޭގެ ބަދަލަށް ދިވެހި ރުފިޔާ ބޭންކް ތަކުން ދިނުން ރަނގަޅު. ނުވަތަ ބާޓާ ސިސްޓަމެއްގައި ލަންކާ އަށް ނޭވާ ލެވެންދެން ދިވެހި ކަނޑު މަސް ސައިފަތަށް ބަދަލުކޮށް އެ ސައިފަތް ރީބްރޭންޑް ކޮށްގެން ދިވެހިން އިމްޕޯރޓް އަދި ރީއެކްސްޕޯޓް ކުރުން ވެސް ރަނގަޅު. ލަންކާ މަސް ވިއްކުމުން ލަންކާ އަށްވެސް ޑޮލަރު ލިބޭނެ.
ޝަފީރު
23 April 2022
ލަންކާއަށް ދިވެހިންގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިސްނަގަން ގެހޭފަރާތަކީ ދިވެހި ސަރުކާރު. ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހިންގެ ކިބައިން ފަންޑު ހޯދައިދޭ ފަރާތްތަކުންވެސް މިހާރު ސަރުކާރުގެ އަމަލުތައް ހުރިގޮތުން ކަމަކަށް އިސްނަގަންވެސް ފޫހިވެފައިވާކަމަށް ފާހަގަކުރެވެނީ. ލަންކާގެޙާލަތު ފެނިތިބެ އެހީތެރިކަމެއް ފޯރުކޮށް ނުދެވިވުމީ ހިތާމަކުރަންޖެހޭ ކަމެއް. ޚާއްޞަކަޮށް ލަންކާގެ މުސްލިމުންނަށް ދިވެހިން އެހީތެރިވާން ޖެހޭ. ޢިސްނަގާދެއްވާ
ބަޝީރުގެ
24 April 2022
ކަލޭ ޔާންޓެދެކެވާ ލޯއްބެއްގެ ސަބަބުން ސަރުކާރުދެކެ ތިހާބޮޑަށް ނަފުރަތުކުރާތީ އަހަރެމެންވަނީ އަމަށަކު ފޫއްސެއް
ތެދެއްމެ
24 April 2022
ޝަރީފު ތިޔަ ބުނީ ކަން އޮންނަންވީ ގޮތުގެ އެންމެ ރަގަޅު ގޮތް. އެންމެ އިހުއްސުރެ ރާއްޖެއިން ވަނީ ލަންކާއަށް ވަރަށޤ ގިނަ ކާރިސާތަކުގައި އެހީވެފައި. އެކަމު މިހާރު އިންޑިއާ ނޫން ކަމެއް މިގައުމަކު ނޯވޭ. މިގައުމުގަ ބޭކާރު ފުޓްސަލު ދަނޑުތައް ހަދާ ޖިމްތައް ހެދުމަށް އިންޑިއާގެ އެހީ ހޯދުމަށްވުރެ ރަގަޅުވާނެ އެއިން އެހީއެއް ލަންކާގެ ހާލަތަށް އެހީވާން ބަދަލުކޮށްލިއްޔާވެސް.
އުސްމާނުބެ
24 April 2022
މިދަޑިވަޅު އޮތްސަރުކާރަކުން އިސްނަގައިގެން ކުރަންވީ ، ލަންކާ އަކީ އަބަދުވެސް ދިވެހިންނައް އަބަދުވެސް ގާތް ކޮއް އަދި އިހުތިރާމް ކުރާބައެއް. އެމީހަކައް ވެވުނު ވަރަކުން އެހީ ވާންވީ
ސަމާގެ ފޭން އެއް
23 April 2022
ސަމާ ދައްތަ ގަދައޭ ހަމަ.
ވަހީދު
23 April 2022
ލަންކާއަށް އެންމެ ބޮޑަށް އެހީވާން ޖެހޭ މީހުންނަކީ ދިވެހިން ކަމުގައި ދެކެން. ލަންކާގެ އެހީތެރިކަން ރާއްޖެއަށް ނުލިބޭ ދާއިރާއެއް ނެތް. ތައުލީމާއި ސިއްހަތުން ފެށިގެން ގޮސް ފުޓްބޯޅައާއި ކަސްރަތަށް އެހީވެފައި އެބަހުރި. ދިވެހިންގެ ދެވަނަ ގައުމަކަށް ވާނީ ވެސް ލަންކާ.
އެކަމު
24 April 2022
މިހާރު ހާލުގަ ޖެހުނީމަ ލަންކާ އެއީ ގާތް ރަހުމަތްތެރި ގައުމެއްކަން ހަނދާންވެސް ނެތްފަދަ. މިހާރު އޮންނަނީ އެންމެ ގައުމެއް. އެ ގައުމުގެ ނަން ކިއުންވެސް މިހާރު މަނާވާނެ ޚުޝާމަދުކޮށްލަން ނޫނީ.
އަހަންމާ1
23 April 2022
ކޮންމެކަމެއްވެސް ފެއްޓޭނީ ކުޑަކޮށެވެ. މީ ވަރަށް ވެސް ބުއްދިވެރި ހެޔޮކަމެކެވެ. ފުޅާވުން އެދެމެވެ.
އަލިބޭބެ
23 April 2022
އިންސާނުން އެކަކު އަނެކަކަށް ވީވަރަކުން އެހީތެރިވާންޖެހޭ. ޚާއްސަކޮށް ހާލުގަޖެހިފަވާ ނިކަމެތިންނަށް. މިކަމުގަ ވަކި ނަސްލެއް، ދީނެއް، ގައުމެއް ތަފާތުކުރުމެއް އޮވެގެންނުވާނެ.
ގަލަން
23 April 2022
ތިޔަފެންނަނީ އެހީވާންޖެހޭ ވަގުތު އެހީވާތަން މާލެ ހުޅުމާލެ އެބަބަހަޔޯ ފުޑް ޕެކްތަކެއް މަސައްކަތް ކުރާބިދޭސީންނައް ދިވެހިން އެބަތިބި ރޯދަވިއްލޭނެ ގޮތެއް ނެތިފަވެސް ހާރުކެވޭނެ ގޮތެއްވެސްނެތިފަ ބިދޭސިންނައް ނުދޭސޭނޫން މިބުނެވެނީ ދިވެހިންނައްވެސް އަތެއް ދިއްކޮއްލާށޭ
ފަތުހު
23 April 2022
ވަރަށް ރަނގަޅު ހެޔޮ ކަމެއް، ތިކަމުގަ ކުރިޔައްދޭ