ހުޅުމާލޭގައި ހަދަމުން އަންނަ ވިނަރެސް ފްލެޓްތައް ލިބޭ ޝަރުތަށް ބަދަލު ގެނެސް އެތަނުގެ 100 ޔުނިޓް، މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ހާއްސަކޮށް، ފްލެޓްތައް ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

ވިނަރެސް ފްލެޓްތައް ބެލުމަށާއި އެ ތަންތަނާ ބެހޭ މައުލޫމާތު ދިނުމަށް އެޗްޑީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. މައުލޫމާތު ސެޝަންތަކުގައި ބައިވެރިވުމާއި މޮކްއަޕް ފްލެޓް ބެލުމަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.

މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ވެސް ފްލެޓަށް ކުރިމަތިލެވޭނީ ރަޖިސްޓްރީވި ދުވަހުން ފެށިގެން މަދުވެގެން 15 އަހަރުވެފައިވާ ނަމަ އެވެ.

މާލޭގައި ރަޖިސްޓްރީނުވެ އެކަމަކު މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ކުރިމަތިލެވޭ ގޮތަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެކަމަކު އެ މީހުންނަށް ކަނޑައަޅާފައި ވަނީ 100 ޔުނިޓެވެ.

އެޗްޑީސީގެ އިއުލާނުގައިވާ ގޮތުން ވިނަރެސް ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެން ނުވެ އެވެ.

ވިނަރެސްއަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. އޭގެ ތެރެއިން ވަކި އަދަދެއް މާލޭ މީހުންނަށް ހާއްސަކުރިޔަސް އެހެން ރަށްރަށުގެ މީހުންނަށް ވެސް މި ތަންތަން ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެެވެ.

އެ އެޕާޓްމަންޓްތައް ވިއްކުމަށް ހުޅުވާލާނެ ކަމަށް ބުނެ އެކި ތާރީހުތައް އެޗްޑީސީ އާއި ސަރުކާރުން ވެސް ދީފައިވެ އެވެ. އެންމެ ފަހުން ބުނެފައި ވަނީ ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

އެޗްޑީސީން އާންމުކުރި މައުލޫމާތު

- އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު

- އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ

- ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމަޔަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ.

- އެޗްޑީސީއަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ

އެޗްޑީސީން ކުރިން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ތަންތަނުގެ އަގު އުޅެނީ 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ކޮންޓްރެކްޓަރު ޖުލައި މަހުގެ ތެރޭގައި އެތަން އެޗްޑީސީއާ ހަވާލުކުރާނެ އެވެ. މި ތަނުގައި ހަދާފައިވާ 10 ޓަވަރުގައި 1،344 އެޕާޓްމަންޓް ހުންނާނެ އެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އާއި ފިހާރަތަކާއި ޖިމް ފަދަ ތަންތަން ވެސް ހަދާނެ އެވެ. އަދި ކުނި އުކާލަން ގާބޭޖް ޝޫޓް ވެސް ހުންނާނެ އެވެ.