މާލޭގެ ގޯތިގެދޮރާ ގުޅޭ މިލިއަނެއްހާ ލިޔެކިއުން ޑިޖިޓަލްކުރަނީ

މާލޭގެ ގޯތިގެދޮރާ ގުޅޭ މިލިއަނެއްހާ ލިޔެކިއުން ޑިޖިޓަލްކުރަން ހައުސިން މިނިސްޓްރީން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.


ހުރަވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރުމަށް ފަހު މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މިނިސްޓްރީގައި 40 ވަރަކަށް އަހަރުގެ ކުރެހުންތަކާއި ގޭގޭގެ ރަޖިސްޓްރީތަކާއި އެނޫން ވެސް ގޯތިގެދޮރާ ގުޅޭ ޝަރުއީ ލިޔެކިއުންތަކުގެ ފައިލް އެބަހުރި ކަމަށެވެ.

"އެތަކެތި ނަގައިގެން ކުރެހުމަކަށް ބަދަލު ގެންނަން ޖެހުނަސް، އެފަދަ އެހެން ކަމެއް ކުރަން ޖެހުނަސް މުވައްޒަފުން ޖެހެނީ ފައިލްތައް ހޯދައިގެން އެކަމުގައި އެތައް ދުވަހެއް ހޭދަކުރަން. އެކަމުގެ ސަބަބުން ވަރަށް ގިނަ ދުވަސްތައް ނަގާ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ލިޔެކިއުންތައް ސްކޭންކުރުމަށް ފަހު ރައްކާކުރުމުން، ގެއެއްގެ ކުރެހުމަށް ބަދަލު ގެންނަން ޖެހުނަސް ވަރަށް ފަސޭހަވާނެ ކަމަށެވެ.

"މި މަސައްކަތް އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ނިންމަން ހަވާލުކުރެވުނީ. މަދުވެގެން އެއް މިލިއަން ލިޔެކިއުން އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ "ޖަވާބު" ކިޔާ ފަރާތަކާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އަލަށް މިހާރު ގެނައި ބަދަލާ ގުޅިގެން މީގެ ކުރިން އެތައް މަހެއް ހޭދަވަމުންދިޔަ ހިދުމަތްތައް މިހާރު އެތައް ގުނައެއް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން ހުރިހާ ތައްގަނޑުތައް ހުރި ކުރެހުމެއް ފާސްކުރަން ހުށަހަޅާތާ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާ ތައްގަނޑެއް ނެތް ކުރެހުމެއް ނަމަ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ މީގެ ކުރިން ތިން މަސް ނުވަތަ ހަ މަސް ހޭދަވާ ކަމެއް. އެކަމަކު މިހާރު ތިން ދުވަހުން ނިންމާލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.