މީގެ އަހަރެއްހާ ދުވަސް ކުރިން އައްޑޫގެ ތާރު މަގުތަކުގައި އެޅި ސްޕީޑް ބްރޭކަރުތަކުގެ ތެރެއިން ބައެއް އެއްޗެހި ނެއްޓި ހަލާލުވުމާ ގުޅިގެން، އަލުން ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް އިއްޔެ އަލުން ފެށި އިރު، ކުރިން ސްޕީޑްބްރޭކަރު އެޅި 40 ދިމާލެއްގައި މި ފަހަރު ވެސް ބްރޭކަރު އަޅާނެ އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްގެންނެވެ.
އެ ކުންފުނީގެ ހިތަދޫ ސައިޓް މެނޭޖަރު އިބްރާހީމް ރަޝީދު ވަޖުދީ ވިދާޅުވީ ސްޕީޑް ބްރޭކަރުތައް އެޅުމުގެ މަސައްކަތް އަންނަަ މަހުގެ 15 އާ ހަމައަށް ނިންމައި ލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފަހަރު ބްރޭކަރުތައް އަޅަނީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ.
ކުރިން ބްރޭކަރުތައް އެޅީ ތާރުގަނޑަށް އިސްކުރު ޖަހައިގެންނެވެ.
ނަމަވެސް ތާރުގަނޑު ހޫނުވުމުން އިސްކުރުތައް ދޫވެ ގިނަ ބްރޭކަރުތައް ނެއްޓުމުން އެ ހުރިހާ އެއްޗެއް ނެގީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މި ފަހަރު ބްރޭކަރުތައް އަޅަނީ ތާރުގަނޑު ކެނޑުމަށް ފަހު، އަށް އިންޗީގެ ކޮންކްރިޓް ލޭޔަރެއް އަޅައި، އިސްކުރު ޖަހައިގެންނެވެ. އެހެންވެ ބްރޭކަރުތައް މި ފަހަރު މާ ވަރުގަދަވާނެ ކަމަށް އެމްއާރްޑީސީން ބުންޏެވެ.
"ކުރިން ވެސް ހަމަ ބްރޭކަރުތައް އެޅި ތަންތަނުގައި މި ފަހަރު ވެސް މި އަޅަނީ. އެގޮތުން 40 ބްރޭކަރު އެޅިގެން ދާނެ،" ރަޝީދު ވިދާޅުވި އެވެ.
"ދެން އިތުރު ތަންތަނުގައި ބްރޭކަރު އަޅަން ޖެހޭ ކަމަށް ފުލުހުން ފާހަގަކުރާ ކަމަށް ވަންޏާ އެކަން ކުރާ ގޮތަށް މި މަސައްކަތް ރޭވިފައި އޮތީ."
ރާއްޖޭގައި މިހާތަނަށް މަގުމަތީގެ ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ގިނައިން ހިނގާފައި ވަނީ އައްޑޫގަ އެވެ.