ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި އޭނާގެ އާއިލާގެ "ޒަމާން ދުއްވާލާނެ" ކަމަށް ބުނެ އިންޒާރު ދީފި އެވެ.

ގަލޮޅު ދަނޑުގައި މިދިޔަ ހޯމަ ދުވަހު ހެނދުނު ބޭއްވި އެ ހަރަކާތް ބަޔަކު މީހުން އެތަނަށް ވަދެ ހަމަނުޖެހުން ހިންގައި އެކަން ވަނީ ހުއްޓުވައިފަ އެވެ. އެ މައްސަލާގައި، މަހްލޫފް ވަނީ ޕީޕީއެމާއި ސަލަފް ޖަމިއްޔާއަށް ތުހުމަތުކުރައްވައިފަ އެވެ.

މަހްލޫފަށް މީހަކު އިންޒާރުދީ ކޮށްފައިވާ މެސެޖުތަކެއް އޭނާ މިއަދު ވަނީ ޓްވީޓް ކުރައްވާފަ އެވެ. އެ ޓްވީޓުގައި މަހްލޫފް ވިދާޅުވީ، "ތިޔަކަހަލަ ކޮހެއްގެ" އަތުން މަރުވެއްޖެ ނަމަ ވާނީ ޝަހީދަކަށް ކަމަށެވެ. އަަދި މިނިސްޓަރު ކަމަކީ މާ ގަދަ ކަމެއްކަމަށް މެސެޖުކުރި މީހާއަށް ގަބޫލު ކުރެވުނަސް، އޭނާއަށް މަގާމަކީ އެއްވެސް މުހިންމު ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.

މިއަދު ވެސް ކަލޭ ދުވެ ފިލީ. އަހަރެމެން މި ތިބީ ބަލަން. އަހަރެމެންގެ އަހަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އަޅާލިޔަސް ކަލެއާ ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ: އިންޒާރުގެ މެސެޖު

މަހްލޫފަށް ކޮށްފައިވާ މެސެޖުތަކުގައި ބުނެފައިވަނީ، އެއީ އޭނާއަށް ދޭ "ގަދަފަދަ އިންޒާރެއް" ކަމަށެވެ. އަދި "އިންޑިއާގެ ޕަޕެޓަކަށް ވެގެން" ޔޯގަ ހަލާލުކުރަނީ ބާތިލު ފިކުރުކަމަށް އެ މެސެޖުތަކުގައި ބުނެފައިވެ އެވެ. އަދި "އަތުޖެހުނުނަމަ ނޮޅާލީމުސް" ކަމަށް ބުނެ އިންޒާރު ދީފައިވެ އެވެ.

"މިއަދު ވެސް ކަލޭ ދުވެ ފިލީ. އަހަރެމެން މި ތިބީ ބަލަން. އަހަރެމެންގެ އަޚަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އަޅާލިޔަސް ކަލެއާ ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ،" އިންޒާރު ދީ ފޮނުވާފައިވާ މެސެޖުތަކުގައި ބުނެފައިވެ އެވެ.

އެ މެސެޖުތަކަށް ރައްދު ދެމުން މަހްލޫފް ވިދާޅުވީ، ބިރު ދައްކައިގެން އެއްވެސް ކަމެއް ހާސިލު ނުވާނެ ކަމަށެވެ. އަދި މި މެސެޖުތައް ކޮށްފައިވަނީ މަހްލޫފްގެ ކުރީގެ ނަންބަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގައި ހޯމަ ދުވަހު އޮތް، ޔޯގާ ޑޭގެ އިވެންޓް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔަކު "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް އެތަނުން އެ މީހުން ބޭރަށް ނުކުތުމަށް ގޮވައި ހަޅޭއްލަވަމުން ދިޔަ އެވެ.

ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ
ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ

އެ އިވެންޓް ހިނގަމުން ދިޔައިރު ދަނޑުތެރޭގައި ފުލުހުންނެއް ނެތެވެ. އެހެންވެ، އޭރު ޔޯގާ ހަދަން ތިބި މީހުން އެތަނުން ނުކުތެވެ. އެ އިވެންޓަށް ހުރަސްއަޅައި ހަމަނުޖެހުން ފެށުމާ އެކު، އެތަނަށް ފުލުހުން ވަދެ ކަރުނަ ގޭސް ވެސް ޖެހި އެވެ.

އެ އިވެންޓަށްފަހު ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި މަހްލޫފް ވަނީ، އެއީ ޕީޕީއެމް އާއި ޖަމިއްޔަތުއްސަލަފް ބައިވެރިވެގެން ހިންގި ހަމަނުޖެހުމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ، ނަމަވެސް އޭރު މިކަން "ހަރާމް ކަމަކަށް" ނުވާ ކަމަށާއި، ޔޯގާ "ހަރާމްވީ މި އަހަރު" ކަމަށް އެ ދުވަހު އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށް، އިއްޔެ ވަނީ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ. އަދި އިއްޔެ ވެސް މި މައްސަލާގައި ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލާއި ޝައިހް އާދަމް ނިޝާން އަދި ޝައިހް ފަޒްލޫން މުހައްމަދު ހިމެނެ އެވެ.