ޑްރަގް ކޯޓަށް މިިދިޔަ އަހަރު ހުށަހެޅި މައްސަލަތައް، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 66 ޕަސެންޓް އިތުރުވެއްޖެ އެވެ.
އެ ކޯޓުން އާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހަޅާފައި ވަނީ 1525 މައްސަލަ އެވެ. އަދި އޭގެ ކުރީ އަހަރު 914 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެ މައްސަލަތަކުގެ ތެރެއިން 1521 މައްސަލައަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކުރަން ފޮނުވާފައިވާ މައްސަލަތަކެވެ. އަދި ބާކީ ހަތަރު މައްސަލައަކީ، ޑްރަގް ކޯޓުގެ ފަރުވާ ޕްރޮގްރާމުގައި ބައިވެރިކޮށްދިނުމަށް އެދި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލަތައްކަމަށް ޑްރަގް ކޯޓުން ބުންޏެވެ.
ކޯޓުން ބުނީ މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ޑައިމޯފިން ބޭނުންކުރުމުގެ މައްސަލަތައް ކަމަށެވެ. އޭގެ 795 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ދެން އެންމެ ގިނައިން ހުށަހެޅީ ކެނަބިސް ބޭނުންކުރުމުގެ މައްސަލަތަކެވެ. އޭގެ 648 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ޑައިމޯފިން ޕެޑްލް ކުރުމުގެ މައްސަލައަކާއި ކެނެބިސް ޕެޑްލް ކުރުމުގެ 18 މައްސަލައާ އެކު މަސްތުވާތަކެތި ޕެޑްލް ކޮށްގެން 19 މައްސަލައެއް މިދިޔަ އަހަރު ހުށަަހަޅާފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ
މިދިޔަ އަހަރު ޑްރަގް ކޯޓުން ބަލައި ނިންމާފައިވަނީ 965 މައްސަލަ އެވެ. އަދި 269 މީހަކު، އެކި ސަބަބުތަކާހުރެ ފަރުވާއިން ވަކިކޮށްފައިވެ އެވެ.
ޑްރަގް ކޯޓަށް މިިދިޔަ އަހަރު ހުށަހެޅި މައްސަލަތަކަށް ބަލާއިރު އެއީ އެ ކޯޓުގައި މަސައްކަތްކުރާ ފަސް ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކަށް 305 މައްސަލަ އެވެ.