ފްލެޓްގެ މައްސަލާގައި "އާދޭސް" ކުރުމުން ވެސް އަޅައެއްނުލި!

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުންޕޭމަންޓަށް ލުއި ގޮތެއް ހަދައިދިނުމަށް އެދި ކަމާ ގުޅޭ އިދާރާތަކުގައި "އާދޭސް" ކުރުމުން ވެސް މިހާތަނަށް އެއްވެސް މުއައްސަސާއަކުން އިޖާބަދީފައި ނުވާ ކަމަށް ފްލެޓަށް ހޮވިފައިވާ ބައެއް މީހުން މިއަދު ބުނެފި އެވެ.


އޭގެ ތެރެއިން އެކަކު ބުނީ ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. އާއި ދެ މިލިއަން ރުފިޔާގެ ލޯނު ނެގޭނެ ފެންވަރު، ފްލެޓް ލިބުނު 90 ޕަސެންޓް މީހުންގެ ކިބައިގައި ނެތް ކަމަށެވެ. އެ ކަންބޮޑުވުމާ އެކު ލުއި ގޮތެއް ހަދައިދޭން ކަމާ ބެހޭ އިދާރާތަކުގައި "އާދޭސް"ކޮށް ސިޓީ އާއި ޕެޓިޝަން ހުށަހެޅުމުން ވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުން ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

"އަޅުގަނޑުމެންނަށް އުފުލަން ޖެހިފައި މިވާ ހިތްދަތިކަމަށް އެއްވެސް މުއައްސަސާއަކުން އަޅައެއް ނުލި. ހައްގުތަކާ ބެހޭ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ޖަވާބެއް ނުލިބުނު،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފްލެޓުގެ އިންތިޒާރުގައި ތިބޭތާ އެތައް އަހަރަކަށް ފަހު ފްލެޓް ލިބުމުން އިތުރު ނިކަމެތި ކަމެއް ވަނީ ކުރިމަތިވެފަ އެވެ.

ފްލެޓެއްގެ އަގު ކަމަށް ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ. މިއީ ފްލެޓް ލިބުނު މީހުންނަށް ކުރިން ކަނޑައެޅި ޝަރުތުތަކަށް ވުރެ މާ ބޮޑު، އިޖުތިމާއީ ބޯހިޔާވަހިކަމުގެ އުސޫލުތަކާ ވެސް ޚިލާފު އަގެއް ކަމަށް އެ މީހުން ދެކެ އެވެ.

ގެދޮރު ގަންނަން ބޭންކުތަކުން ލޯނު ދޭ އާންމު އުސޫލުން ލޯނު ލިބެން އެބަ އޮތެވެ. އެކަމަކު 20 ޕަސެންޓްގެ ޑައުންޕޭމަންޓް ކަމަށްވާ 400،000ރ ދެއްކޭނެ ގޮތެއް އަދި 2 މިލިއަން ރުފިޔާގެ ލޯނަކަށް ޝަރުތު ހަމަވާ އާމްދަނީއެއް، ފްލެޓް ލިބުނު ގިނަ މީހުންގެ ނެތެވެ.

ފްލެޓަށް ދޫކުރާ ދެ މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާ އިރު އިންޓްރެސްޓާ އެކު ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ޖެހެ އެވެ.

ފްލެޓްތައް ގަންނަން ލޯނު ލިބުނުކަމުގެ ލިއުންތައް މި މަހުގެ 26 ގެ ކުރިން އެޗްޑީސީ އަށް ހުށަހަޅަން ޖެހެ އެވެ. އެއް ފަހަރާ ފައިސާ ދައްކަން ބޭނުން ނަމަވެސް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.