ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުވާ ޓީޗަރުންތަކެއް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓީޗަރުންތަކެއްގެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެ މީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މީހުން ސަސްޕެންޑް ކޮށް މަސައްކަތު މާހައުލުން އެކަހެރި ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ފުލުހުން އެދިގެން ފިޔަވަޅު އަޅާފައި ވަނީ ކިތައް ޓީޗަރުންނަށް ކަމެއް އެޑިއުކޭޝަނުން ނުބުނެ އެވެ.
"ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މި މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ ކަމަށް ވީ ހިނދު، ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމުގައި ފަސް ނުޖެހޭނެ ކަމުގައި ވެސް ދަންނަވަން،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަލަމްގީރާއެކު ބަޔަކު އެއް ޖިންސުން ގުޅުން ހިންގި އިތުރު ވީޑިއޯއެއް ރޭ ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ އިމާދުއްދީން ސްކޫލުގެ ސެން ޓީޗަރަކު ވެސް ސަސްޕެންޑް ކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޓީޗަރުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ ގިނަ މީހުން ހިމެނެ އެވެ. މިހާތަނަށް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ މީހުންނަށް ފިޔަވަަޅު އެޅުމަށް އެ އިދާރާ އިން ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.