މަތިންދާބޯޓަށް އަރާ ސިޑި (އެއާސްޓެއާ) އެއްގައި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތީގެ ފިޔަގަނޑުން ޖެހި، މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ބ. ހިތާދޫ މޫސާ ވަޖުދީގެ ހާލު މިހާރު ހަމައަކަށް އެޅެމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އައިސީޔޫ އިން ހައިޑިޕެންޑެންސީ ޔުނިޓަށް މޫސަ މިހާރު ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ހައިޑިޕެންޑެންސީ ޔުނިޓުގައި ފަރުވާ ދޭނީ، އައިސީޔޫގައި ފަރުވާ ދޭންޖެހޭ ވަރަށް ވުރެ ހާލު ރަނގަޅު އަދި ޖެނެރަލް ވޯޑުގައި ފަރުވާ ދޭންޖެހޭ ވަރަށް ވުރެ ހާލު ސީރިއަސް މީހުންނަށް އެކަންޏެވެ.
އެ އެކްސިޑެންޓުގައި ޒަހަމްވި ބ. ހިތާދޫ މޫސާ ވަޖުދީގެ ބަނޑަށް ވަތް ފިޔަގަނޑުގެ އެތިކޮޅެއް ކުދިކުދިވެ، 22 އެތިކޮޅަށް ވަނީ ބައިބައިވެފަ އެވެ. އެކްސިޑެންޓު ހިނގި ދުވަހުގެ ރޭ ވަނީ ހައެއްކަ ގަޑި އިރުގެ އޮޕަރޭޝަނެއް ކޮށް 21 އެތިކޮޅު ނަގައިފަ އެވެ. ވަޖުދީގެ ހާލު ހަމައަކަށް އެޅުމުން އަލުން އޮޕަރޭޝަންކޮށް އެ އެތިކޮޅު ނަގަން ވަނީ ނިންމައިފަ އެވެ.