މަރުވި ދެމަފިރިންގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު

މ. ލައިޓް ސިގްނަލް ގޭގެ ފަސް ވަނަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބައި އިއްޔެ ފެނުނު ދެމަފިރިން މިއަދު މެންދުރު ނަމާދަށް ފަހު ވަޅުލަން ނިންމާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.


ފުލުހުން ކުރިން ނިންމާފައި އޮތީ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެ މީހުންގެ ހަށިގަނޑު މޯޗަރީގައި ބާއްވާށެވެ. އެކަމަކު ނަތީޖާ ލިބުނު ކަމެއް އަދި ނޫން ކަމެއް ފުލުހުން ޔަގީންކޮށެއް ނުދެ އެވެ.

ރޭ އެ ދެމަފިރިންގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ސީޓީ ސްކޭނެއް ހަދައި އެކްސްރޭ ވެސް ވަނީ ނަގައިފަ އެވެ. ނަމަވެސް ތަހުގީގަށް ބޭނުންވާ އިތުރު ޓެސްޓެއް ހަދާފައިވާތީ އެ ޓެސްޓުގެ ނަތީޖާ ލިބެންދެން ދެ ހަށިގަނޑު މޯޗަރީ އަށް ލީ، އެނގިފައިވާ ގޮތުގައި، ގިނަ އިރު ވުމުން ކުނިވެދާނެތީ އެވެ.

ތިން ދަރިންނާ އެކު، ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ގާސިމް ޝާހިދާއި 40 އަހަރުގެ ރަޒީނާ އިބްރާހިމް އާދީއްތަ ވިލޭރޭ ނިދަން ވަން ގޮތަށް ހަބަރެއް ނުވުމުން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު 12:45 ހާއިރެވެ.

އެ ދެމަފިރިން މަރުވި ސަބަބެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެކަމަކު އާއިލާގެ މީހަކު ބުނި ގޮތުގައި އެ ދެމަފިރިންގެ ހަބަރެއް ނުވެގެން، އެ މީހުން އުޅޭ ކޮޓަރީގެ ދޮރު ހުޅުވައި ބެލި އިރު އެ ދެމީހުން ވެސް އޮތީ އެނދުމަތީގައި ނިދާފައި އޮންނަ ކަހަލަ ގޮތަކަށެވެ.

ޝާހިދާއި ރަޒީނާގެ ތިބީ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އޭގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ ވަޒީފާ އަދާކުރަނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އަނެއް ދެ ކުދިންގެ އުމުރުން އަދި 18 އަހަރު ވެސް ނުވެ އެވެ.

މާލެ އަށް ދިރިއުޅުން ބަދަލުކުރީއްސުރެ ޝާހިދުގެ އާއިލާ ދިރިއުޅެމުން އަންނަނީ ލައިޓް ސިގްނަލްގައި ކަމަށްވެ އެވެ. މަރުވި ޝާހިދު ވަޒީފާ އަދާކުރީ ކުރުނބާ މޯލްޑިވްސް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކުގެ ލޯންޗްގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެ ތަނުގައި އޭނާ ވަޒީފާ އަދާކުރާތާ 20 އަހަރެއްހާ ދުވަސްވެއްޖެ އެވެ.