ހދ. ނޮޅިވަރަންފަރުގައި އުމުރުން ދުވަސްވީ މީހަކު މޫދަށް ވެއްޓި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ކައުންސިލް މެމްބަރަކު ވިދާޅުވީ ހުޅަނގު ފަރާތު ފަޅުތެރެ އަށް ވެއްޓި މަރުވީ އެ ރަށު ކަންމަތީގޭ، މޫސާ އިބްރާހިމް 75، ކަމަށެވެ. އޭނާ ފެނުނީ ޑިންގީއެއްގައި ހެނދުނު ދަތުރުކުރި ބަޔަކަށް ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އެކަނިމާ އެކަނި ދިރިއުޅޭ މޫސަ އަބަދުވެސް ރަށު ތެރޭގައި ހިނގާ އުޅޭ ކަމަށް ވެ އެވެ. ދޭތެރެއަކުން މޫދު ކައިރި އަށް ވެސް ގޮސް އުޅޭ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
"ބޮޑަށް ބެލެވެނީ މޫދު ކައިރި އަށް ގޮސް އުޅެނިކޮށް ވެއްޓުނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މޫސަގެ ދަރިން ތިބި ނަމަވެސް އެންމެން ވެސް ދިރިއުޅެނީ މާލޭގަ އެވެ. އޭނާ އަށް ކާންދީ، ހާލު ބަލަނީ އާއިލާގެ އެހެން ބައެއް ކަމަށްވެ އެވެ.