ސަރުކާރުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަވައިފި

ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންގެ މަގާމުތަކަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ބަދަލު ގެންނަވައި، ފިޝަރީޒަށް އާ ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވައިފި އެވެ.


ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސް ޔާމީން ވަނީ ސަރުކާރުގެ މަގާމުތަކަށް މައިގަނޑު ތިން ބަދަލެއް ގެންނަވައިފަ އެވެ. އެ ގޮތުން، އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މ. މުސްތަފާއާބާދު، މުހައްމަދު މުސްތަފާ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަނީ ބަދަލުކުރައްވައިފަ އެވެ.

އެ ބަދަލާ އެކު، އެޑިއުކޭޝަން މިނިސްޓްރީގައި ޖުމްލަ ހަ ޕޮލިސީ އެގްޒެކެޓިވުން މިހާރު ތިއްބަވާނެ އެވެ. އެއީ ވެސް ޑެޕިއުޓީ މިނިސްޓަރަކާ އެއް ފެންވަރެއްގެ މަގާމަކަށް ވާއިރު، އެ މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރުންނާއި ދެ ޑެޕިއުޓީ މިނިސްޓަރުން ވެސް ތިއްބަވަ އެވެ.

ސަރުކާރުގެ މަގާމުތަކަށް މިއަދު ގެންނެވި ބަދަލުތަކުގެ ތެރެއިން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މއ. އަނދުންކޮށީގެ، ހަސަން ރަޝީދު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ.

އެހެންވެ، އިސްލާމިކް މިނިސްޓްރީގައި ދެ ސްޓޭޓް އަދި ދެ ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން، ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގެ އިތުރު ހަތަރު މަގާމެއްގައި ވެސް މިހާރު ބޭފުޅުން ތިއްބަވާނެ އެވެ.

މީގެ އިތުރުން، ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރަކަށް ވިލިމާލެ، އާދަމް ހަލީމް އިބްރާހިމް ވެސް މިއަދު ވަނީ އައްޔަންކުރައްވައިފަ އެވެ.

ފިޝަރީޒްގައި އެއްވެސް ސްޓޭޓް މިނިސްޓަރަކު މި ވަގުތަކު ނެތެވެ. އެކަމަކު، އާދަމް ހަލީމާ އެކު، އެ މިނިސްޓްރީގައި ތިން ޑެޕިއުޓީ މިނިސްޓަރަކާއި ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ބޭފުޅަކު އެބަ ހުންނެވި އެވެ.