ހަލާކުވެފައި އޮތް ކުޑަ ދޯންޏެއް އެމްޕީއެލުން 5 މިލިއަން ރުފިޔާ އަށް ގަތް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ!

އެމްޕީއެލުން ފަސް މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަލާކުވެފައި އޮތް 40 ފޫޓުގެ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.


އެމްޕީއެލުން ބޮޑު އަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަން އޭސީސީން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމަކު އޭގެ ތަފުސީލެއް އެތަނަކުން ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބުނާ ލަކުޑި ދޯނި ގަތްއިރު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ދޯނި ބާ ވުމުގެ ސަބަބުން މިހާރު ވެސް އެ ދޯނި އޮތީ އެހެލާފައި ކަމަށް ވެ އެވެ.

އެމްޕީއެލުން ގަތް ކަމަށް ބުނާ ދޯނި ވަރަށް ބޮޑަށް ހަލާކުވެފައި: މިއީ ފަސް މިލިޔަން ރުފިޔާއަށް ގަތް ދޯންޏެއް

ބޮޑު އަގުގައި އެމްޕީއެލުން ބާ ދޯންޏެއް ގަތީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކަމަކު އެކަން ހިނގިގޮތް ދަންނަ ބައެއް މީހުން ބުނިގޮތުގައި އެއީ ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން އެމްޕީއެލުން ކުރި ކަމެކެވެ.

އެ ކުންފުނީގެ އިތުރު މައްސަލަތަކެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.