މާލޭގެ މަގުމަތި ދުއްވާ އުޅަނދުތަކުން ތޮއްޖެހިފައި: މައްސަލައަށް މި ވަގުތު ހައްލެއް ނެތް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނޭ-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު
08 ޖޫން 2016 - 14:09
ރާއްޖެއަށް އެތެރެ ކުރާ ވެހިކަލްގެ އަދަދު އިތުރުވެ، މާލެ ތޮއްޖެހިފައިވާ އިރު އެ މައްސަލައަށް މި ވަގުތު އެއްވެސް ހައްލެއް ނެތް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ފަހަކަށް އައިސް މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު އާދަޔާހިލާފަށް އިތުރުވެ، އޭގެ އުނދަގޫ ހިނގާ މީހުންނާއި ދުއްވާ މީހުން ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަކު ޓްރެފިކް ކޮންޓްރޯލް ކުރުމަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ހައްލެއް އޮތީ. އެއީ އެތެރެ ކުރާ އުޅަނދުގެ އަދަދު މަދުކުރުން. އެކަމަކު އެކަން ވެސް ތަންފީޒު ކުރެވޭކަށް ނެތް،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުޅަނދުފަހަރު ރާއްޖެ އަށް މިހާރު އެތެރެކުރާ ނިސްބަތަށް ބަލާއިރު، ދުވަސްކޮޅަކުން މާލެ ފުރި، ހިނގާބިނގާވެ ނޫޅެވޭނެ ކަމަށެވެ.
ކާރޫބާރޫ ބޮޑު މަޖީދީމަގު: ދުވަސްކޮޅެއް ފަހުން މާލޭގައި ހިނގާބިނގާވެ ނޫޅެވޭނެ ކަަމަށް ކަމާ ބެހޭ އިދާރާތަކުން ބުނޭ.--ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މާލޭގައި ވެހިކަލް ތޮއްޖެހުން ކޮންޓްރޯލް ކުރުމަށް ވަރަށް ފަހުން އެ އޮތޯރިޓީން ވަނީ އުސޫލެއް ކަނޑައަޅައިފަ އެވެ. އޭގެ ދަށުން ވަކި އަހަރަކަށް ވުރެ ގިނަ ދުވަސްވީ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ވަނީ ނިންމާފަ އެވެ. އެކަމަކު އެ އުސޫލާ މެދު އާއްމުންގެ މެދުގައި ހިޔާލު ތަފާތުވެ، އެއްބަސްވުމަކަށް ނާދެވުމުން އެއަށް ވެސް އަމަލެއް ނުކުރެވުން ކަމަށް ނާފިޒު ވިދާޅުވި އެވެ.
"އެކަމުގައި ވެސް ބައެއް މީހުން ބުނަނީ ރަޖިސްޓްރީ ބާތިލް ކުރަން 15 އަހަރަކީ ވަރަށް ކުރު މުއްދަތެކޭ. 20 އަހަރު މާގިނަ ދުވަހޭ. މިކަމުގައި ވެސް ގޮތެއް ނުނިންމުނު،" އޭނާ ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ފަހަކަށް އައިސް މާލޭގައި ވެހިކަލް އިތުރުވީ މާލޭގައި ތަރައްގީގެ މަޝްރޫއުތައް އިތުރުވެ، މީހުންގެ އަތްމަތި ކުރިއަށް ވުރެ ތަނަވަސް ވުމާއި ބިދޭސީންގެ އަދަދު އިތުރުވުމާއި އެ ފަދަ ވިޔަފާރިތައް ކުރާ މީހުންނަށް އިންސްޓޯލްމެންޓަށް އުޅަނދު ދޫކުރުން ފަދަ ފަސޭހަތައް ދީފައި އޮތުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް އަންނަ ބިދޭސީންގެ އަދަދު އިތުރުވެފައިވާއިރު އެއިން ކޮންމެ މީހަކަށް ވެސް ވަކި މުއްދަތެއް ވާންދެން އެ މީހުންގެ ގައުމުގެ ލައިސަންސްގައި ދަތުރުކުރުމުގެ ހުއްދަ ލިބިފައިވެ އެވެ. އަދި އޭގެ ތެރޭން ބައެއް މީހުން މިހާރު ސައިކަލް ފަދަ އުޅަނދުތަކުގައި ދަތުރު ކުރާއިރު މިއީ ވެސް ތޮއްޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ވެހިކަލްތަކުން މަޖީދީ މަގު ތޮއްޖެހިފައި: މާލޭގައި ދުއްވާ އުޅަނދުތައް ފަހަކަށް އައިސް ވަނީ އިތުރުވެފައި--ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މާލޭގެ ތޮއްޖެހުން ކުޑަވެ، ޓްރެފިކްގެ މައްސަލައަށް ހައްލު އަންނާނީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖްގެ ސަބަބުން ކަމަށް ބައެއް މީހުން ގަބޫލު ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ނާފިޒް ވިދާޅުވީ ބްރިޖް އެޅި ނަމަވެސް މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ނާންނާނެ ކަމަށާއި އޭގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ޓްރެފިކް ވެސް ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލެ ބަލަހައްޓާއިރު، އެތަނުގައި އަމަލު ކުރާނީ އެޗްޑީސީގެ ވަކި ގަވައިދުތަކަށް ކަމަށެވެ. އެގޮތުން ކޮންމެ ފްލެޓަކަށް އެއް އުޅަނދު ހަމަޖައްސާފައިވާއިރު، ކޮންމެ ތަނެއްގައި ހުޅުމާލޭގައި ޕާކެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި މާލެއަށް ވުރެ ހުޅުމާލޭގެ އާބާދީ ބޮޑުވާއިރު އެ އުޅަނދުތައް މާލެ އައުމަކީ ވެސް ޓްރެފިކް އިތުރަށް ތޮއް ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާމީ
09 June 2016
އަޅުގަނޑު ގެ އަތުގައި ވަރައް ރަނގަޅު ވިސްނުމެއް އެބައޮތް....
ކެކެކެކެ
09 June 2016
ޓެކްސީ ކުރާ ގޮތް އިސްލާހު ކޮށް، ޕަބްލިކް ޓްރާންސްޕޯޓު ރަނގަޅަށް ހިންގަން ޖެހޭ ވާހަކަ ބުނީމާ ޖަހާކަށް ނުކެރުނުދޯ؟؟؟
މޭލޭ މުދިމު
08 June 2016
ކަލޭނޭ މިތަންގައި ޕަބްލިކް ޓްރާންސްޕޯޓް ގާއިމްކޮށްބަލަ އޭރުން ތިޔަ ޓެކްސީތަކާއި ތިޔަ ސައިކަލް ތައް ބާކީޥީއޭ. ޑިއުޓީ ބޮޑުކޮށް ސްޓީކާ ޖެހުމަކީ ހައްލެއްނޫން.
ނެޝަނަލިސްޓް
08 June 2016
ޓްރާންސްޕޯޓް އޮތޯރިޓީ ގެ އިސްވެރިން "ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްސް" ގޫގަލް ކޮށްލުމަށް ފެނޭ!
ނާސިރު ޒަކީ
08 June 2016
ބަލަ ބިން ކޮންމެހެން ހުސް ނުކުރިޔަސް ޕާކިން ހެދޭނެ. ނަސަންދުރާވެސް އަރަބިއްޔާވެސް ގާ ކޮށި ފްލެޓް ވެސް ތިރީ ބައި އެއްކޮށް ޕާކިން އަށް ހުސްކޮށް ބާއްވާ ގޮތައް ނަހަދަނީ ކިއްވެ. ގްރައުންޑް އަދި ބޭސްމެންޓް ދެބައި ޕާކިން އަށް ނަ ގަ ބަލަ. މާލެ ގައި ދިހަ ބުރިއަށް އަޅާ ކޮންމެ އިމާރާތެއްގެ ވެސް ގްރައުންޑް ނޫނީ ބޭސްމެންޓް ޕާކިން އަށް އޮންނަ ގޮތައް އިމާރާ ކުރާ ގަވާއިދު ބަދަލު ކޮށްބަލަ. އެވަރު އިމާރާތެއްގައި އުޅޭ މޫހުންގެ ވެހިކަލް ޕާކިން އަށް އެއިމާރާތުގެ ވެރި ފަރާތުގެ ޒިއްމާވެސް އޮންނަން ވާނެ.
އަލީ
08 June 2016
މިހާރު ޓެކްސީ ދުއްވާ ގޮތް ބަދަލުކޮށް، ބައިނަލް އަގްވާމީ މިންގަނޑުން ޓެކްސީ ތައާރަފް ކުރުމާ ޕަބްލިކް ޓްރާންސްޕޯޓު ހިންގުމާ މީ ހައްލަކީ
މެންޓަލިސްޓް
08 June 2016
މާޅޭމަގުތަކުގައި އެއްވަގުތެއްގައި ޕާކުކޮއްފައި ހުންނަވެހިކަލް ގިނަވާނެ އެވަގުތާ ދުއްވާ ވެހިކަލަށްވުރެ ، ވީމާ ހުރިހާ ވެހިކަލެއް ދުއްވަން ފަށައިފިއްޔާ ހުރިހާމަގެއް ފުރިބާރުވާނެ ، މާލެއަށް މުއޮތީ ދުއްވާއެއްޗެހި އަރުވަންވާވަރަށް ވުރެގިނައިން އަރުވާފައި ، ކޮންމެ ގެއެއްގައި 5 ސައިކަލް އެވެރެޖްކޮށް ހުރޭ ،
އުމަރު
08 June 2016
ޓްރެފިކް ހައްލުކުރެވޭނީ މާލޭގައި ހުރި ސަރުކާރުގެ ބައެއް ބިންތަށް ހުސްކޮށްގެން އެތަންތަނަކީ ޕާކިންގް ޒޯނުތަކަކަށް ހަދައިގެން، މާފަންނުކޮޅުގައި އޮންނަ ބޮޑުގެ އެތަން އެއޮތީ ވިނަފަޅާލަ ފަޅާލައި، ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުގައި، ވެލާނާގޭ އަޅާަފައި ދެން ޕްލޭންކުރީ އާޒީ ބިލްޑިންގް އަދި ހުރަވީ ބިލްޑިންގް ތަޅާލައި ޕާކިންގް އިމާރާތެއް ހަދަން، އެކަމަކު އެތަންތަންވެސް ފުރުނީ، ދެން ނަސަންދުރާ މީގެ ކުރިން ބަންދުކުރީ އެސަރަހައްދު ހުސްކުރަން، ސަރުކާރުންވެސް އެންމެ ފޫޓެއްވެސް ދޫކުރަން ނުއުޅޭ އެކަމަކު އެތަކެއް މިލިއަނެއް އަބަނަގާ ދުއްވާއެއްޗެހިން، ދެން މިކުރާ ކަމަކީ މަގުތަށް ބަންދުކުރުން، މަގުތަށް އެގޮތްމިގޮތަށް ބަދަލުކުރުން
ކަތީބް
08 June 2016
މިހާރު އިސްޓިކާ ޖަހާކުދިން ވަރުބަލިވެގެން އިސްޓިކަރ ޖެހުން ހުއްޓާލައިފި ރޯދަމަހަށް.
ދިނގާލު
08 June 2016
އަޅެ އެއްފަހަރުވެސް އައްސަވަ ބައްލަވަ! މިހާރު ޓެކްސީ ދަތުރު ކުރާގޮތް ތަންކޮޅެއް ރަނގަޅު ވެއްޖިއްޔާ، ޓެކްސީ ޑްރައިވަރުން އާންމު ރައްޔިތުންނަށް ދޭ ނިކަމެތިކަމުން ސަލާމަތްވާން ޕްރައިވެޓް ކާރާއި ސައިކަލު ހޯދާ މީހުންގެ އަދަދުން ކޮންމެވެސް ވަރެއް މަދުވާނެއެވެ. ދެން ޕަބްލިކް ޓްރާންސްޕޯޓު (ބަސް) ރަނގަޅަށް ދުއްވާ ބަލަ، އޭރުންވެސް ޕްރައިވެޓް އެއްޗިހި މަދުވެލާނެއެވެ. އަޅެ މިވާހަކަ ފިނިސިކުނޑިއަކުން އަޑުއެހީމާ (ޓެކްސީ އޯނަރުންނާ ޑްރައިވަރުން ފިޔަވައި) ރަނގަޅުވޭ ދޯއެވެ!